Roadha Mihaaru
ރަޝްފާގެ މަރާ ގުޅިގެން މާފުށީގައި ބޮޑު މައްސަލަގަނޑެއް

ރަޝްފާގެ މަރާ ގުޅިގެން މާފުށީގައި ބޮޑު މައްސަލަގަނޑެއް

23 ޖެނުއަރީ 2019

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ރަޝްފާ އަހުމަދު ކުއްލި ގޮތަކަށް ނިޔާވި ހާދިސާއާ ގުޅިގެން އޭނާގެ އާއިލާގެ ބަޔަކު ބިރު ދައްކާ ކަމަށް ބުނެ މާފުށީ ހެލްތު ސެންޓަރުގެ ދިފާއުގައި އެ ރަށު އަންހެނުން މުޒާހަރާ ކުރަން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ރަޝްފާ އަހުމަދު ކުއްލި ގޮތަކަށް ނިޔާވި ހާދިސާއާ ގުޅިގެން އޭނާގެ އާއިލާގެ ބަޔަކު ބިރު ދައްކާ ކަމަށް ބުނެ މާފުށީ ހެލްތު ސެންޓަރުގެ ދިފާއުގައި އެ ރަށު އަންހެނުން މުޒާހަރާ ކުރަން ފަށައިފި އެވެ.

މާފުށިން ވާހަކަ ދެއްކި މީހަކު ބުނީ ރަޝްފާގެ ދައްތަޔަކު ފޮނުވައިގެން ކަމަށް ބުނެ ބަޔަކު އެރަށުގެ ހެލްތު ސެންޓަރަށް ރޭ ވަދެ، ނަރުހުންނަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށެވެ. ރަށުގެ އަންހެނުން މިއަދު ހެލްތު ސެންޓަރުގެ ކައިރިއަށް އެއްވެ ހިމޭން މުޒާހަރާއެއް ފެށީ އެ މައްސަލަ ހައްލުކޮށްދިނުން އެދި ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުން ބުނީ މާފުށީ ހެލްތު ސެންޓަރުގެ ނަރުހުންނަށް ބަޔަކު ބިރު ދެއްކި ކަމުގެ ދެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މާފުށި ހެލްތު ސެންޓަރުގެ ދިފާއުގައި ނުކުތް އަންހެނުން ހިފައިގެން ތިބި ބޯޑުތަކުގައި ލިޔެފައިވާ ލިއުންތަކުގެ ތެރޭގައި "ބިރު ދެއްކުން ހުއްޓާލާ، މާފުށީ މީހުންނަކީ އަމާންކަމަށް ލޯބިކުރާ ބައެއް،" މިފަދަ އިބާރާތްތައް ހިމެނެ އެވެ.

މާފުށިން ވާހަކަ ދެއްކި މީހާ ބުނީ، ފުވައްމުލަކު ހޯދަޑު، އޯޝަންވިލާ، ރަޝްފާ، 20، ނިޔާވި އިރު ހެލްތު ސެންޓަރުގައި ހުންނެވީ ވަރަށް ރަނގަޅު ޑޮކްޓަރެއް ކަމަށާއި އޭނާ އިސްތިއުފާދެއްވައި އެނބުރި ގައުމަށް ވަޑައިގެންނެވީ ސޯޝަލް މީޑިއާގައި އޭނާގެ ވަނަވަރު ހާމަކޮށް "ސައިބާ ބުލީ ކުރަން ފެށުމުން" ކަމަށެވެ.

"ރޭގައި ހެލްތު ސެންޓަރަށް އައި ބަޔަކު ނަރުހެއްގެ ގައިގައި ޖަހަން އުޅުނު. އެމީހުން ބުނީ އެމީހުން އައީ ރަޝްފާގެ ދައްތަ ފޮނުވައިގެންނޭ. އަދިވެސް އަންނާނަމޭ،" މާފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މާފުށީ އަންހެނުންނާއި ހެލްތު ސެންޓަރުގެ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހަން ހެލްތު މިނިސްޓްރީގެ ޓީމެއް އެ ރަށަށް މިހާރު ވަނީ ގޮސްފަ އެވެ.

ސިއްހީ ގޮތުން ރާއްޖެ އަށް ލިބިފައިވާ ކުރިއެރުމާ އެކު ޒުވާން އުމުރުގައި މާބަނޑު އަންހެނުން މަރުވުމަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ. އެހެންވެ ބަނޑަށް އަށް މަހުގައި ރަޝްފާ މަރުވި ހާދިސާއިން ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފަ އެވެ.

ހެލްތު މިނިސްޓްރީން ކުރިން ބުނެފައި ވަނީ މާބަނޑު އަންހެނަކު މަރުވި ހާދިސާއެއް ބަލަމުން އަންނަ ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މާފުށީ ސިއްހީ މަރުކަޒުންނާއި މިނިސްޓްރީއަކުން ވެސް ނުދެ އެވެ.

މާފުށީ ފިރިހެނަކާ ކައިވެނިކޮށްގެން ރަޝްފާ އެ ރަށަށް ދިރިއުޅުން ބަދަލުކުރީ އަހަރެއްހާ ދުވަސް ކުރިން ކަމަށްވެ އެވެ. އޭނާ ކުއްލިއަކަށް ނިޔާވީ ހުމާ އުޅޭތާ ދެތިން ދުވަސް ފަހުން، ޑިސެމްބަރު 29 ގެ ފަތިހު ވަގުތެއްގަ އެވެ.