Roadha Mihaaru
ފަޒީސް ހިޖާމާ ހިންގަނީ ހުއްދަ ނުނަގާ

ފަޒީސް ހިޖާމާ ހިންގަނީ ހުއްދަ ނުނަގާ، މައްސަލަ ބަލަނީ

08 މެއި 2022

ހިޖާމާ ޖެހުމުގެ ހިދުމަތް ދޭ "ފަޒީސް ހިޖާމާ ތެރަޕީ" ގެ މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހިޖާމާ ޖެހުމުގެ ހިދުމަތް ދޭ "ފަޒީސް ހިޖާމާ ތެރަޕީ" ގެ މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ ސެންޓަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ނިންމީ ހަކުރު ބަލީގެ ފަރުވާ އަށް އިންސިއުލިން ޖެހުމުގެ ބަދަލުގައި ހިޖާމާ ޖެހުމަށް އެދި އެ ސެންޓަރުން ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށެވެ.

ޑައިބެޓީސް އަކީ ހިޖާމާ އިން ކޮންޓްރޯލް ކުރެވޭ ބައްޔެއް ކަމަށާއި ބާރުގަދަ ބޭސްތައް ބޭނުން ކުރުމުގެ ބަދަލުގައި ހިޖާމާ ބޭނުން ކުރުމަށް ފަޒީސް ހިޖާމާ އިން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ތަސްލީމާ އުސްމާން ވިދާޅުވީ ފަޒީސް ހިޖާމާ ތެރަޕީއަކީ ރެޖިސްޓާކޮށްގެން ހިންގާ ތަނެއް ނޫން ކަމަށާއި ރަޖިސްޓާކޮށް ގަވައިދުގެ ތެރެއަށް ވެއްދުމަށް މީގެ ކުރިން ވެސް އެތަނަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

"އެފަދަ މައްސަލަތައް ބެލުމަށް ފަހު އަޅުގަނޑުމެންނަށް ކުރެވެން އޮންނާނެ ކަމަކީ ފުލުހަށް ހުށަހެޅުން،" ތަސްލީމާ ވިދާޅުވި އެވެ.

އެ މައްސަލަ އަށް ރައްދު ދެއްވަމުން ފަޒީސް ހިޖާމާ އިން މިރޭ ވަނީ އެ މަސައްކަތް ކުރަން ކުންފުނި ރަޖިސްޓާ ކޮށްފައިވާ ކަމުގެ ލިޔުމުގެ ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ. އަދި ބުނީ ދޮގު ހަބަރު ފަތުރާ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށާއި ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށެވެ.

ނަމަވެސް ތަސްލީމާ ވިދާޅުވި ގޮތުގައި ހިޖާމާ ޖެހުމުގެ މަސައްކަތް ކުރަން ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ އެވެ.

ހުއްދަ ނުނަގާ ހިޖާމާ ޖެހުމުގެ ހިދުމަތް ދޭ ތަންތަން ގިނަވުމުން ސަރުކާރުން ވަނީ އިސްލާމިކް މިނިސްޓްރީ އާ ގުޅިގެން އެކަމާ ބެހޭ ހާއްސަ ގަވައިދެއް ހަދައިފަ އެވެ. އަދި އެ ގަވައިދުގެ ދަށުން ހިޖާމާ ޖަހާ ހުރިހާ ތަނެއް ރަޖިސްޓާވުމަށް ވެސް ވަނީ އަންގައިފަ އެވެ.

ރަޖިސްޓާ ނުވެ ހިންގާ ހުރިހާ ހިޖާމާ ތަނެއް ބަންދު ކުރަން ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ފުލުހަށް ވެސް ހުށަހަޅާފަ އެވެ.