ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ފޯނު ބަލައިލާއިރު، އެންމެ ފުރަތަމަ ވެސް މަރުހަބާ ކިޔާނީ އެ މެސެޖެވެ. އެއީ ހަމަ ކޮންމެ ދުވަހަކު ވެސް ލިބޭ ހަދިޔާއެކެވެ. ރީތި ފޮޓޯގަނޑެއްގައި، ތާނަ، އަރަބި އަދި އިނގިރޭސި ބަހުން "ބާއްޖަވެރި ދުވަހަކަށް" އެދިފައި އޮންނައިރު ތިރީގައި އޮންނަނީ ހިތްގައިމު ޅެން ބައިތުކޮޅެކެވެ. ދުވަހާ ގުޅޭ ނުވަތަ އާއްމު އިބުރަތްތެރި ބަސްކޮޅެކެވެ.
28 ޖެނުއަރީ 2019
ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ފޯނު ބަލައިލާއިރު، އެންމެ ފުރަތަމަ ވެސް މަރުހަބާ ކިޔާނީ އެ މެސެޖެވެ. އެއީ ހަމަ ކޮންމެ ދުވަހަކު ވެސް ލިބޭ ހަދިޔާއެކެވެ. ރީތި ފޮޓޯގަނޑެއްގައި، ތާނަ، އަރަބި އަދި އިނގިރޭސި ބަހުން "ބާއްޖަވެރި ދުވަހަކަށް" އެދިފައި އޮންނައިރު ތިރީގައި އޮންނަނީ ހިތްގައިމު ޅެން ބައިތުކޮޅެކެވެ. ދުވަހާ ގުޅޭ ނުވަތަ އާއްމު އިބުރަތްތެރި ބަސްކޮޅެކެވެ.
އެއީ މަޝްހޫރު ޅެންވެރިޔާ ހަސަން ޝާކިރު މުހައްމަދު (މައުހަދު ޝާކިރު) އޭނާގެ އެކުވެރިންނަށް އާ ދުވަހެއްގެ މަރުހަބާ އާއި ހެޔޮ އެދުންތައް ފޮނުއްވާ މެސެޖެވެ. މީގެ ތިން އަހަރު ކުރިން ފެއްޓެވި އެކަން، މިހާރު ވަނީ އާދަޔަކަށް ވެފަ އެވެ. ވައިބަރުންނާއި ވަޓްސްއަޕުންނާއި ފޭސްބުކް މެދުވެރިކޮށް ވަކިވަކިންނާއި ގްރޫޕްތަކަށް ފޮނުއްވާ އެ މެސެޖް ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކަށް ރައްދުވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އާއިލީ މެމްބަރުންނާއި އެކި ދައުރުތަކުގެ އެކުވެރިންނާއި އެއްކޮށް އެކި ދިމަދިމާލުގައި މަސައްކަތްކުރާ މީހުން އެކަންޏެއް ނޫނެވެ. ރައީސުންނާއި ވަޒީރުން ވެސް ހިމެނެ އެވެ. އަދި ބޭރުގެ ބައެއް މީހުން ވެސް އޭނާގެ "ދުވަހު މަރުހަބާ"ގައި ހިމަނާފައިވެ އެވެ.
ޝާކިރު ފޮނުއްވާފައިވާ މެސެޖްތަކެއް.
އެ މެސެޖް ކިޔާލަން ނަގާނީ ތިރީހަކަށް ސިކުންތެވެ. އެކަމަކު އެ މެސެޖް ތައްޔާރުކުރައްވަން ދެ ގަޑިއިރެއްހާ އިރު ޝާކިރު ހޭދަކުރައްވަ އެވެ.
އެޕްރީލް 2015 ގައި އޭނާގެ ފަރާތުން އެކުވެރިންނަށް ފުރަތަމަ ދިނީ ހަމައެކަނި "ބާއްޖަވެރި ދުވަހެއް"ގެ މެސެޖެވެ. އެކަމަކު ފަހުން ނަސޭހަތަކަށް، އޭގެ ފަހުން އޭނާގެ ހުނަރުވެރި ދާއިރާ، ޅެންވެރިކަމުގެ ބައެއް ހިމެނުއްވި އެވެ.
"އުތީމު އާދަމްބެ (ޅެންވެރިޔާ އާދަމް އަބްދުލްރަހްމާން) ވިދާޅުވީ ޝާކިރު ވާނީ ޅެމޭ ހަދަން. [އޭގެ ފަހުން] ދެން ހަމަ ކޮންމެ ދުވަހަކު ބައިތު ހަދަން ފެށީ،" ޝާކިރު ވިދާޅުވި އެވެ.
މިހާރު އޭނާގެ މެސެޖްގައި ހިމެނޭ ޅެންބައިތުތަކަކީ ކޮންމެ ދުވަހަކު ވެސް އެކަމަށް ހާއްސަކޮށް ހައްދަވާ އެއްޗެކެވެ. ހާއްސަ ބުނާސަބުތައް ފާހަގަކުރާ ދުވަސް ދުވަހު އެ ބައިތުތައް ހައްދަވަނީ އެ ދުވަހަކާ ގުޅުވައިގެންނެވެ.
އިންޑިއާއަށް ކުރެއްވި ދަތުރެއްގައި ޝާކިރު އެގައުމުގެ މީހަކާ އެކު ނޫސް ކިއުއްވަނީ
ޅެންވެރިކަމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކުރައްވާފައިވާ ޝާކިރަށް އެއީ އުނދަގޫ ކަމެއް ނޫނެވެ. ކޮންމެ ރެއަކު ވެސް 11 ގެ ފަހުން ޅެންބައިތެއް ނުވަތަ ބައިތުތަކެއް ހައްދަވަން ފައްޓަވަ އެވެ. ދެން އެ ދުވަހު ނަންގަވާ ފޮޓޯގެ މައްޗަށް އެ ޅެންބައިތުތައް ލައްވަ އެވެ.
"[ވައިބަރުން] ވަކިވަކިން 300 އެއްހާ މީހުންނަށް ފޮނުވަން. ވަޓްސްއަޕުން އެއްފަހަރާ 30 މީހުންނަށް ފޮނުވޭނެ. އެގޮތަށް ވެސް 15 ބުރު ފޮނުވަން،" ޝާކިރު ވިދާޅުވި އެވެ.
"ގަޑިއެއްހާއިރު ހޭދަ ކުރަން މެސެޖް ފޮނުވަން ކޮންމެ ދުވަހަކު ވެސް. މިއީ ހަމަ ދިރިއުޅުމުގެ ބައެއް މިހާރު."
އޭނާގެ މެސެޖްތަކުގައި ހިމެނޭ ފޮޓޯ ވެސް ނަންގަވަނީ އަމިއްލައަށެވެ. ކޮންމެ ތަނަކަށް ވަޑައިގަތަސް، އާ ފޮޓޯ ނަންގަވަން އޭނާ މަސައްކަތްކުރައްވަ އެވެ.
ޝާކިރު ފޮނުއްވާފައިވާ މެސެޖްތަކެއް.
"މާލެ ނޫން ރަށެއްގައި ނުވަތަ އެހެން ގައުމެއްގައި ހުރެގެން މެސެޖް ފޮނުވާ ނަމަ އެ ރަށެއްގެ ފޮޓޯއަކާއި ހުރި ތަނެއް އެނގޭ ގޮތަށް މެސެޖް ފޮނުވަނީ،" އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މަސައްކަތްކުރައްވާ ޝާކިރު ވިދާޅުވި އެވެ.
އޭނާގެ ހުރިހާ ވެސް މަގުސަދަކީ އެކުވެރިކަން ބަދަހިކުރުމެވެ. އެކަމުގެ ނަތީޖާ ވެސް ރަނގަޅެވެ.
"އޮޅިގެން ވެސް މެސެޖް ނުފޮނުވިއްޖެ ނަމަ މީހުން ގުޅާފައި އަހާ ކޮބާ މެސެޖެއް ނާދޭ، ބަލީ ހެއްޔޭ. މިހާރު މެސެޖް ނުފޮނުވައިފިއްޔާ ޝަކުވާކުރޭ،" ޝާކިރު ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި "ބާއްޖަވެރި ދުވަހު"ގެ މެސެޖުގެ ސަބަބުން ޒަމާންވީ ގުޅުންތައް ދަމަހައްޓައިދެ އެވެ. އާއިލީ، އެކުވެރި އަދި އިހުތިރާމުގެ މައްޗަށް އުފެދޭ އެފަދަ ގުޅުންތަކުގެ އަގު އޭނާ އަށް ވަރަށް ބޮޑެވެ. އެ ގުޅުން ދަމަހައްޓަން ކޮންމެ ދުވަހަކު ދެ ގަޑިއިރެއްހާއިރު ހޭދަކުރެއްވުމަކީ އޭނާއަށް ބޮޑު ކަމެއް ނޫނެވެ.
އަފީފުގެ ލޮލުން ކަރުނަ: މިއީ ދަރިންގެ ސަޕްރައިޒެއް!
ޅެންހެދުމުގެ މުބާރާތުން އެއްވަނަ ފަތުހުﷲ ސޯލިހަށް
ޝާކިރުބޭގެ އަނެއް ދުނިޔެ
މައުމޫން: ތާރީހުގައި އާ ސަފުހާތަކެއް ފަށާނެ ފޮންޓެއް
"މައިންޑްފުލް ރަމަޟާން" ބަހުސަކަށް: ލިޔަންވީ ކީކޭ؟
އިސްލާމްވިތާ 900 އަހަރު ފާހަގަކުރަން ކައުންޓްޑައުނެއް
ގައުމިއްޔަތުގެ މަތީ ޝަރަފު ސަލާހުއްދީނުގެ ހަނދާނަށް
"ބޭރުގެ ނުފޫޒުން ދިވެހި ބަސް ހަލާކުވިޔަ ނުދީ"
ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގައި އެސެމްބްލީއެއް
ދިވެހި ބަހުގެ ދުވަހު އަތުލިޔުމުގެ މުބާރާތެއް