Roadha Mihaaru
އަފީފުގެ ލޮލުން ކަރުނަ: މިއީ ދަރިންގެ ސަޕްރައިޒެއް!

އަފީފުގެ ލޮލުން ކަރުނަ: މިއީ ދަރިންގެ ސަޕްރައިޒެއް!

29 ޖެނުއަރީ 2024

ދިވެހި ޅެންވެރިޔާ ގދ. ތިނަދޫ، އަބްދުﷲ އަފީފްގެ ކުދިންގެ ހިތުގައި ގައުމިއްޔަތާއި ދިވެހި ބަހާއި އަދަބިއްޔާތަށް ހާއްސަ ލޯތްބެއް އެބައޮތެވެ. އެއީ މި ބައްޕަގެ އަގުހުރި ތަރުބިއްޔަތެވެ. ޅެންވެރިންގެ ދުވަހުގައި ފެނުނީ އެ ތަރުބިއްޔަތުގެ ފުރިހަމަ ނަމޫނާ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދިވެހި ޅެންވެރިޔާ ގދ. ތިނަދޫ، އަބްދުﷲ އަފީފްގެ ކުދިންގެ ހިތުގައި ގައުމިއްޔަތާއި ދިވެހި ބަހާއި އަދަބިއްޔާތަށް ހާއްސަ ލޯތްބެއް އެބައޮތެވެ. އެއީ މި ބައްޕަގެ އަގުހުރި ތަރުބިއްޔަތެވެ. ޅެންވެރިންގެ ދުވަހުގައި ފެނުނީ އެ ތަރުބިއްޔަތުގެ ފުރިހަމަ ނަމޫނާ އެވެ.

ދިވެހިބަހުގެ އެކަޑަމީން މި އަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަކުރީ އަފީފަށެވެ. ޅެންވެރިކަމުގެ ރޮނގުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަފީފްގެ އަގުވަޒަންކުރުމުގެ ގޮތުން، މިދިޔަ ހުކުރު ދުވަހުގެ ރޭ ތިނަދޫގައި ކުލަގަދަ ޖަލްސާއެއް ވެސް ބޭއްވި އެވެ. އެ ޖަލްސާވީ އަފީފަށް ވަރަށް ފުން އިހުސާސްތަކެއް ކުރުވި ޖަލްސާއަކަށެވެ.

އެ ޖަލްސާގައި އަފީފްގެ ކުދިންނާއި ކާފަދަރިންގެ ފަރާތުން ހާއްސަ އައިޓަމެއް ހުށަހެޅި އެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރަން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ޅެންވެރިޔާ އަބްދުﷲ އަފީފްގެ ކުދިންނާއި ކާފަ ކުދިން އައިޓަމެއް ހުށަހަޅަނީ.-- ފޮޓޯ: ދިވެހިބަހުގެ އެކަޑަމީ

ޅެންވެރިންގެ ދުވަސް ފާހަގަކުރަން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ޅެންވެރިޔާ އަބްދުﷲ އަފީފްގެ ކުދިންނާއި ކާފަ ކުދިން އައިޓަމެއް ހުށަހަޅަނީ.-- ފޮޓޯ: ދިވެހިބަހުގެ އެކަޑަމީ

އަފީފްގެ ދަރިފުޅު، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަދި ދިވެހިބަހުގެ އެކަޑަމީގެ ބަސް ކޮމެޓީގައި މަސައްކަތްކުރައްވާ އަޒީޒާ އަފީފް ވިދާޅުވީ މިއީ ހުރިހާ ކުދިންގެ ފަރާތުން ބައްޕަ އަށް ދިން "ސަޕްރައިޒެއް" ކަމަށެވެ.

އަފީފްގެ ހަ ކުދިން ތިބެ އެވެ. އަދި ކާފަ ކިޔާ 16 ކުދިން އެބަތިއްބެވެ.

އަޒީޒާ ވިދާޅުވީ މި އައިޓަމަކީ މި އަހަރުގެ ޅެންވެރިންގެ ދުވަސް ބައްޕައަށް ހާއްސަކުރަން ދިވެހިބަހުގެ އެކަޑަމީން ނިންމުމުން ކުދިންގެ މެދުގައި ވާހަކަދައްކައިގެން އުފަންވި ހިޔާލެއްގެ މައްޗަށް ތައްޔާރުކުރި އައިޓަމެއް ކަމަށެވެ.

"ބައްޕަ އަޅުގަނޑުމެން ތަރުބިއްޔަތު ކުރެއްވީ ދިވެހިބަހުގެ ތެރޭގައި. ދިވެހިބަހަށް ލޯބިކުރާ އާއިލާއެއް އަޅުގަނޑުމެންނަކީ. ބައްޕަގެ ކުދިންނަށް ވެސް، ކާފަ ކުދިންނަށް ވެސް މިކަން ވާރުތަވާވަރަށް އަދި އަމަލީ ގޮތުން އެކަން ކޮށްދެއްވާ ގޭތެރޭގައި ބައްޕަ ކުލާސްތައް ވެސް ނަންގަވާ ދެއްވި،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ، ބައްޕަގެ މިވަރުގެ ކަމެއް ދާއިރުގައި އަޅުގަނޑުމެންގެ ފަރާތުން ބައްޕައަށް ކޮންމެވެސް ކަމެއް ބޭނުންވާނެކަން އެނގޭ. އެގޮތުގެ މަތިން އަޅުގަނޑު އިސްނަގައި، ހުރިހާ ކުދިންގެ މެދުގައި މަޝްވަރާކޮށްފައި ނިންމީ ލަވައެކޭ ހުށަހަޅާނީ."

ތިނަދޫގައި ބޭއްވި ޖަލްސާގައި މި ލަވަ ހުށަހަޅާދިނީ އަފީފްގެ ކުދިންނާއި ކާފަ ކުދިންނެވެ.

"ބައެއް ކުދިން މަތީ ތައުލީމަށް ރާއްޖެއިން ބޭރުގައި މިހާރު ތިބީ. އެކަމަކު، އެ ކުދިން ވެސް ލައިވްކޮށް މި ހަރަކާތުގައި ބައިވެރިވި. އެ ކުދިން ވެސް ތިބީ ގައުމީ ހެދުން އަޅައިގެން މިކަމަށް ވަރަށް ތައްޔާރުވެގެން،" އަޒީޒާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ތިބި އަފީފްގެ ކާފަ ކުދިން ލައިވްކޮށް އިވެންޓުގައި ބައިވެރިވަނީ.

ރާއްޖެއިން ބޭރުގައި ތިބި އަފީފްގެ ކާފަ ކުދިން ލައިވްކޮށް އިވެންޓުގައި ބައިވެރިވަނީ.

އެ ކުދިން ހުށަހެޅީ އަފީފްގެ އެންމެ މަޝްހޫރު ޅެންތަކުގެ ތެރޭގައި ހިމެނޭ "ރޫހުވަނީ ތިނަދޫގައޭ"ގެ ރާގަށް ތައްޔާރުކުރި "އަލިދޯދިން ފަޒާ ވިދާލީ" ކިޔާ، އޭނާއަށް ހާއްސަ ލަވައެކެވެ. މި ލަވަ އެ ކުދިން ކިޔަމުން ދިޔައިރު، އަފީފަށް ފުން އަސަރެއްކޮށް، ލޮލުން ކަރުނަ ފުހެލި މަންޒަރު ފެނުނެވެ. -- އަލިދޯދި އަކީ އަފީފްގެ ގެއަށް ކިޔާ ނަމެވެ.

"އަޅުގަނޑުމެން، ބައްޕަގެ ކުދިންނަކީ ލަވަ ކިޔާ މީހުންނަށް ނުވާތީ ކުޑަކޮށް އުނދަގޫވި. އެކަމަކު ކާފަ ކުދިންގެ ތެރޭގައި އެބަތިބި ވަރަށް ހުނަރުވެރި، ލަވަ ކިޔާ ކުދިން. އެ ކުދިންގެ ހުނަރު މި ފެނުނީ،" އަޒީޒާ ވިދާޅުވި އެވެ.

މި ލަވަ ލިޔުނީ އަފީފްގެ ކުއްޖެއް ކަމަށްވާ މުނީޒާ އަފީފެވެ.

"މުނީޒާ މި ލަވަ ލިޔެފައި ވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ބަހެއްގެ ތެރޭގައި އިނދެ، 10 ވަަރަކަށް މިނެޓުގެ ތެރޭގައި،" އަޒީޒާ ވިދާޅުވި އެވެ.

މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދިނީ އަފީފްއާ އެއްބަނޑު މީހެއްގެ ކުއްޖެއް ކަމަށްވާ އަދި މިއުޒީޝަން، އަހްމަދު އިމްތިޔާޒް (އިންތި) އެވެ.

ހުރިހާ ކުދިން މިކަމަށް ތައްޔާރުވަމުން އައިކަން ބައްޕަށް ނުވެސް އެނގޭނެ ކަމަށް އަޒީޒާ ވިދާޅުވި އެވެ.

"މި ލަވަ ހުށަހަޅައިދިނުމުން ބައްޕައަށް ކުރެއްވުނު އިހުސާސް ޓީވީން އެ ފެނުނީ ދެއްތޯ. އަޅުގަނޑުމެން ތެދުވެގެން ސްޓޭޖަށް ދާން ފެށި ހިސާބުން ވެސް ބައްޕަ ވަރަށް ބޮޑަށް ހައިރާންވެފައި އިންނެވީ. ބައްޕަ ވަރަށް އުފާކުރެއްވި އަޅުގަނޑުމެން މިކަހަލަ އައިޓަމެއް ހުށަހެޅީމަ،" އޭނާ ވިދާޅުވި އެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރަން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ޅެންވެރިޔާ އަބްދުﷲ އަފީފްގެ ކުދިންނާއި ކާފަ ކުދިން އައިޓަމެއް ހުށަހަޅަނީ.-- ފޮޓޯ: ދިވެހިބަހުގެ އެކަޑަމީ

ޅެންވެރިންގެ ދުވަސް ފާހަގަކުރަން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ޅެންވެރިޔާ އަބްދުﷲ އަފީފްގެ ކުދިންނާއި ކާފަ ކުދިން އައިޓަމެއް ހުށަހަޅަނީ.-- ފޮޓޯ: ދިވެހިބަހުގެ އެކަޑަމީ

އަޒީޒާ ވިދާޅުވި ގޮތުގައި، އަފީފްގެ ހިދުމަތް އަގުވަޒަންކޮށް ސަރުކާރުން މިހާ ކުލަގަދަ ހަރަކާތެއް ބޭއްވުމަކީ ހުރިހާ ކުދިންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

އޭނާ ވިދާޅުވީ ދިވެހިބަހުގެ އެކަޑަމީގެ ރައީސް އާއި ނައިބު ރައީސް ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ހުރިހާ ކަމެއް އިންތިޒާމުކޮށްދެއްވާ އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބައްޕަގެ ޅެންތައް ހިމެނޭ ބޮޑު ފޮތެއް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްދެއްވި ކަމަށެވެ. އަދި ދިވެހިބަހާއި ތާރީހާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ހާއްސަ އިސްކަމެއް ދެއްވައި އެ ޖަލްސާގައި ބައިވެެރިވެވަޑައިގަތުމުން ވެސް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

ތިނަދޫގައި ބޭއްވި ޖަލްސާގައި ވަނީ އެ ޅެން ފޮތް ނެރެފަ އެވެ.

"އަޅުގަނޑުމެން އަންތަރީސްވެ، ހައިރާންވެ، އުފަލުން ރޮވޭވަރަށް ރަށުގެ ހުރިހާ ރައްޔިތުން އަޅުގަނޑުމެންނަށް ކޮށްދެއްވި ކަންތައްތައް. އެކަން ވެސް އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާ އެކު ފާހަގަކުރަން،" އަޒީޒާ ވިދާޅުވި އެވެ.