Roadha Mihaaru
ޔޫކޭގައި ވަކީލުކަން ކިޔަވާ ދިވެއްސަކަށް ހާއްސަ އެވޯޑެއް

ޔޫކޭގައި ވަކީލުކަން ކިޔަވާ ދިވެއްސަކަށް ހާއްސަ އެވޯޑެއް

23 ޖެނުއަރީ 2019

އިނގިރޭސި ވިލާތުގައި ވަކީލު ކަން ކިޔަވާ 23 އަހަރުގެ މަރިޔަމް ނައުފާ އަށް ހާއްސަ އެވޯޑެއް، އެ ގައުމުގެ ވަކީލުންގެ ޖަމިއްޔާއެއް ކަމަށްވާ "އެސްޕައަރިން ސޮލިސިޓާސް" އިން ދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިނގިރޭސި ވިލާތުގައި ވަކީލު ކަން ކިޔަވާ 23 އަހަރުގެ މަރިޔަމް ނައުފާ އަށް ހާއްސަ އެވޯޑެއް، އެ ގައުމުގެ ވަކީލުންގެ ޖަމިއްޔާއެއް ކަމަށްވާ "އެސްޕައަރިން ސޮލިސިޓާސް" އިން ދީފި އެވެ.

ނައުފާ އަށް ދިން "އައުޓްސްޓޭންޑިން އެކަޑަމިކް އެޗީވްމެންޓް" އެވޯޑަކީ ޔޫކޭގައި ގާނޫނު ކިޔަވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ތައުލީމީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ. ނައުފާ ހިމެނުނީ، އިނގިރޭސި ވިލާތުން މި އަހަރު އެ އެވޯޑު ލިބުނު ފަސް ދަރިވަރުންގެ ތެރޭގަ އެވެ.

އެސްޕައަރިން ސޮލިސިޓާސް އަކީ ޔޫކޭގައި ވަކީލުކަން ކިޔަވާ ދަރިވަރުންނަށް އެ ދާއިރާއިން ކުރިއެރުމަށް ބޭނުންވާނެ ތަފާތު ފުރުސަތުތައް ފަހިކޮށްދީ އެއްބާރުލުން ދޭ ޖަމިއްޔާ އެކެވެ.

ވެސްޓްމިނިސްޓާ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ސ.ހިތަދޫ، އޭނާޒް، ނައުފާ "މިހާރު" އަށް ބުނިގޮތުގައި އެވޯޑު ދިނުމުގެ ކުރިން ގިނަ ކަންކަން އެ ޖަމިއްޔާ އިން ބެލި އެވެ.

އޭނާ ވަނީ، ވޭތުވެދިޔަ ދެ އަހަރު ވެސް އެ ޔުނިވާސިޓީގެ އެ ކޯހުގެ އެންމެ މޮޅު ދަރިވަރުންގެ ލިސްޓުގައި ހިމެނިފަ އެވެ. ޑިގްރީގެ ފުރަތަމަ އަހަރު ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ތައުލީމީ ނަތީޖާ ހޯދި ދަރިވަރަކަށް ވެސް މިދިޔަ އަހަރު އޭނާ ހޮވުނެވެ.

އެ ޔުނިވަސިޓީގައި ސްޓޫޑެންޓު އެކޮމޮޑޭޝަނުގައި ވަޒީފާ ވެސް އަދާކުރާ ނައުފާ ލިބޭ ހުސްވަގުތު ހޭދަކުރަނީ ބުކްޝޮޕެއްގައި ހިލޭ ސާބަހަށް މަސައްކަތް ކުރާށެވެ. ނައުފާ ބުނިގޮތުގައި އެންމެ ބޭނުން ވަނީ މީހުންނަށް ލިބިފައި ހުރި ތަފާތު މައްސަލަތަކަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަށެވެ.