Roadha Mihaaru
މާލޭ ހުކުރު މިސްކިތުގެ ލޭޒާ ސްކޭނެއް ކޮށްފި

މާލޭ ހުކުރު މިސްކިތުގެ ލޭޒާ ސްކޭނެއް ކޮށްފި

24 ޖެނުއަރީ 2019

އަމިއްލަ ކުންފުންޏަކުން ތާރީހީ، މާލޭ ހުކުރު މިސްކިތުގެ ހަރިންމާގައި ހިމެނޭ ސަރަހައްދު އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޭޒާ ސްކޭންކޮށް ހަދާފައިވާ ދިރާސާ ވީޑިއޯ ޑޮކިއުމެންޓްރީ، މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާ މިއަދު ހަވާލުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަމިއްލަ ކުންފުންޏަކުން ތާރީހީ، މާލޭ ހުކުރު މިސްކިތުގެ ހަރިންމާގައި ހިމެނޭ ސަރަހައްދު އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޭޒާ ސްކޭންކޮށް ހަދާފައިވާ ދިރާސާ ވީޑިއޯ ޑޮކިއުމެންޓްރީ، މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާ މިއަދު ހަވާލުކޮށްފި އެވެ.

ތިމާވެށީގެ ސާވޭތައް ކުރާ ދިވެހި ކުންފުނި، ވޯޓާ ސޮލިއުޝަންއިން ކޮށްފައިވާ އެ ދިރާސާއާ މިއަދު ހަވާލުވެވަޑައިގަތީ ހެރިޓޭޖް މިނިސްޓަރު ދުންޔާ މައުމޫނެވެ.

މިއީ ރާއްޖޭގެ ތާރީހީ ބިނާއެއް އެގޮތަށް ސްކޭންކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ފެށި އެ މަސައްކަތް ނިންމާލާފައިވަނީ ހަ މަސް ދުވަހުންނެވެ.

ހުކުރު މިސްކިތް ލޭޒާ ސްކޭންކޮށް ހަދާފައިވާ ޑޮކިއުމެންޓްރީއާ މިނިސްޓަރު ޔުމްނާ ހަވާލުވެވަޑައިގަތުން-- ފޮޓޯ: ހެރިޓޭޖް

ހުކުރު މިސްކިތް ލޭޒާ ސްކޭންކޮށް ހަދާފައިވާ ޑޮކިއުމެންޓްރީއާ މިނިސްޓަރު ޔުމްނާ ހަވާލުވެވަޑައިގަތުން-- ފޮޓޯ: ހެރިޓޭޖް

އެ މިނިސްޓްރީން ބުނީ އެ ސާވޭއިން ދެނެގަނެވުނު ކަންތައްތަކުގެ ތެރޭގައި ހިރިގަލުން ހަދާފައިވާ އެ މިސްކިތުގެ ހުރިހާ ލިޔެކިޔުންތަކާއި ކެނޑުންތަކުގެ އިތުރުން އެހެން ތަފްސީލްތައް ޑިޖިޓަލްކޮށް ރައްކާކުރެވިފައިވާ ކަމަށެވެ. އަދި ލަކުޑިން ހަދާފައިވާ ބައިތަކުގެ ތެރެއިން ހަލާކުވެފައިވާ ތަންތަނާއި މަރާމާތުކުރަން ޖެހޭތަންތަން އަސްލު ހުރިގޮތަށް ސްކޭންކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެއީ ހުކުރު މިސްކިތް މީހާ ގިނަ ދުވަހަކަށް ބެހެއްޓުމަށް ލިބުނު ބޮޑު އެހީތެރިކަމެއް ކަމަށެވެ.

މާލޭ ހުކުރު މިސްކިތުގެ ލޭޒާ ސްކޭން--

މާލޭ ހުކުރު މިސްކިތުގެ ލޭޒާ ސްކޭން--

ލޭޒާ ސްކޭނިން ބޭނުންކޮށްގެން ކުރާ ސާވޭގައި ކުރަހާ ފޮޓޯގަނޑުން އޮޓޯ ކެޑް ނުވަތަ ރެވިޓް ފަދަ ސޮފްޓްވެއާގައި ބޭނުން ކުރެވޭ ފޯމެޓަށް ފައިލްތައް ތައްޔާރުކުރެވޭނެ އެވެ. އެގޮތުން ކުރަހާ މީހުންނާ، ޑިޒައިނަރުންނަށް އެތަނެއްގެ އަސްލު ކުރެހުމުގެ ޗާޓުތައް ލިބޭނެ އެވެ. އޭގެ އިތުރުން ސާވޭކުރުމުން ލިބޭ ފޮޓޯގަނޑު މެދުވެރިކޮށް މުޅި މިސްކިތުގެ ހުރިހާ ތަނެއް އެއްކޮށް ވާޗުއަލް ރެއަލިޓީ އެއްގޮތަށް ބަލައި ލެވޭނެ އެވެ.

އެ ތަފްސީލްތަކުގެ ސަބަބުން ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ކުރާ މަސައްކަތްތަކަށް ފަސޭހަވެގެން ދިޔައިރު އެފަދަ މިސްކިތްތަކާ ބެހޭގޮތުން ދިރާސާ ކުރާ ފަރާތްތަކަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.