Roadha Mihaaru
ނަޑާލް ތަފާތު، ސިޓްސިޕާސްގެ ހުވަފެން ނިމުމަކަށް!

ނަޑާލް ތަފާތު، ސިޓްސިޕާސްގެ ހުވަފެން ނިމުމަކަށް!

25 ޖެނުއަރީ 2019

މެލްބަން (ޖެނުއަރީ 25) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ހުވަފެނީ ކާމިޔާބުތަކެއް ހޯދަމުން އައި ޒުވާން ޓެނިސް ކުޅުންތެރިއާ ސްޓެފަނޯސް ސިޓްސިޕާސް ބަލިކުރުމަށް ފަހު އާދަޔާހިލާފު ފޯމެއްގައި ހުރި ސްޕެއިނުގެ ރަފައެލް ނަޑާލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެލްބަން (ޖެނުއަރީ 25) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ހުވަފެނީ ކާމިޔާބުތަކެއް ހޯދަމުން އައި ޒުވާން ޓެނިސް ކުޅުންތެރިއާ ސްޓެފަނޯސް ސިޓްސިޕާސް ބަލިކުރުމަށް ފަހު އާދަޔާހިލާފު ފޯމެއްގައި ހުރި ސްޕެއިނުގެ ރަފައެލް ނަޑާލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޔޫޓިއުބުން ނަޑާލް އާއި ރޮޖާ ފެޑެރާ ކުޅޭތަން ބަލައިގެން ގިނަ އެއްޗެހި ތަކެއް ދަސްކުރި ސިޓްސިޕާސް އަށް ގިނަ ބަޔެއްގެ ލޯ އަމާޒުވީ މި މުބާރާތުގެ ގަދަ 16 ކުޅުންތެރިންގެ ބުރުގައި ފެޑެރާ އަތުން އޭނާ ހޯދި މޮޅާ އެކު އެވެ. ސިޓްސިޕާސް ސެމީން ފުރުސަތު ހޯދީ ސްޕެއިނުގެ ރޮބާޓޯ ބައުޓިސްޓާ އެގަޓްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފައިނަލުގެ ކުޅުމުގެ ހުވަފެނުގައި އިއްޔެގެ ސެމީ މެޗަށް ސިޓްސިޕާސް ނުކުތްއިރު، އިދިކޮޅަށް ހުރީ ތަފާތު ފޯމެއްގައި ހުރި ނަޑާލް އެވެ. މި މުބާރާތުން މިހާތަނަށް ނަޑާލް އަތުން ސެޓެއް ވެސް ގެއްލިފައިނުވާއިރު، އިއްޔެގެ މެޗުގައި ވެސް އޭނާ ވަނީ އެކަން ދަމަހައްޓައިފަ އެވެ.

އެއް ގަޑިއިރާއި 46 މިނިޓަށް ދިގުދެމިގެންދިޔަ މި މެޗުން އުމުރުން 32 އަހަރުގެ ނަޑާލް މޮޅުވީ 6-2، 6-4، 6-0 އިންނެވެ.

"އަހަންނަށް ވަަރަށް މޮޅަށް ކުޅެވުނު މެޗެއް މިއީ. ސިޓްސިޕާސް އަކީ އުމުރުން 20 އަހަރު ވިޔަސް މޮޅު ހުނަރުވެރި ކުޅުންތެރިއެއް. މި މެޗަށް ވުރެން ރަނގަޅަށް ފައިނަލުގައި އަހަރެން ކުޅެން ބޭނުން،" ނަޑާލް ބުންޏެވެ.

އާދިއްތަ ދުވަހުގެ ފައިނަލުގައި ނަޑާލާ ދެކޮޅަށް ނުކުންނާނެ ކުޅުންތެރިއަކު ކަނޑައެޅޭނީ މިއަދު ނޮވަކް ޖޮކޮވިޗާއި ފްރާންސްގެ ލޫކަސް ޕިއޯލް ކުޅޭ ސެމީ ފައިނަލުގެ ދެ ވަނަ މެޗުންނެވެ.

ސެމީން ބަލިވި ނަމަވެސް ސިޓްސިޕާސް ބުނީ މިއީ އޭނާގެ ކެރިއަރުގައި ދެން އޮތް ލެވެލަށްދާން މަގުކޮށައިދިން މުބާރާތެއް ކަމަށެވެ. އަދި ފެންވަރު ރަނގަޅު ކުޅުންތެރިންތަކާ ދެކޮޅަށް ކުޅެ ތަޖުރިބާ ލިބެމުންދާ ވަރަކަށް ކާމިޔާބީ ލިބޭނެ ކަމަށެވެ.

"ނަޑާލާއި ފެޑެރާގެ ފަރާތުން އަހަންނަށް ތައުރީފުގެ ބަސްތަކެއް ލިބުމަކީ އަހަރެންނަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު. އަހަރެން ޓެނިހަށް ލޯބި ޖައްސައިދިނީ މި ދެ ކުޅުންތެރިން މީގެ 10 ވަރަކަށް އަހަރު ކުރިން ފެނިފައި. ކިހިނެއް އެނގެނީ މީގެ 10 އަހަރު ފަހުން އަހަރެން މި ކުޅުންތެރިން ހުރި ލެވެލްގައި ނުކުޅެވޭނެކަމެއް. މީގެ އޮތީ ދެ ގޮތެއް ނެތި މަސައްކަތް ކުރުން. އަހަންނަކީ ޓެނިހުގައި ވަރަށް ކުރިއަށްދާން މަސައްކަތްކުރާނެ މީހެއް،" އުއްމީދުގައި ހުރެ ރޭގެ މެޗަށް ފަހު ސިޓްސިޕާސް ބުންޏެވެ.

ސިޓްސިޕާސް: އޭނާ އަކީ 2007 ވަނަ އަހަރަށް ފަހު ގްރޭންޑް ސްލޭމް މުބާރާތެއްގެ ސެމީގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިއާ.-- ފޮޓޯ: އޭއެފްޕީ

ސިޓްސިޕާސް: އޭނާ އަކީ 2007 ވަނަ އަހަރަށް ފަހު ގްރޭންޑް ސްލޭމް މުބާރާތެއްގެ ސެމީގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިއާ.-- ފޮޓޯ: އޭއެފްޕީ