Roadha Mihaaru
"އެމްޑީޕީން ހުށަހެޅި ސިޔާސަތު ގާނޫނުއަސާސީއާ ޚިލާފް"

ޝަރުއީ ދާއިރާ އަށް ގެންނަން އެމްޑީޕީން ހުށަހެޅި ސިޔާސަތު ގާނޫނުއަސާސީއާ ޚިލާފް: ޖަމީލް

27 ޖެނުއަރީ 2019

ޝަރުއީ ދާއިރާ އަށް އިސްލާހު ގެނައުމަށް އެމްޑީޕީން ހުށަހެޅި ސިޔާސަތު ގާނޫނުއަސާސީއާ ޚިލާފް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރުއީ ދާއިރާ އަށް އިސްލާހު ގެނައުމަށް އެމްޑީޕީން ހުށަހެޅި ސިޔާސަތު ގާނޫނުއަސާސީއާ ޚިލާފް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކެމްޕެއިނަށް އެމްޑީޕީން އެކުލަވައިލި ސިޔާސަތުގައި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ހަނިކޮށް، ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ބައެއް ބަދަލުތައް ގެންނަން ވަނީ ހިމަނައިފަ އެވެ.

އެކަމާ ގުޅިގެން ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ނިޒާމަށް އިސްލާހުތަކެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމަކު އެމްޑީޕީން ހުށަހެޅި އެ ސިޔާސަތު ގާނޫނުއަސާސީއާ ޚިލާފް ކަމަށެވެ. އަދި ކުރިއަރާފައިވާ ގައުމުތަކުގައި ސުޕްރީމް ކޯޓުތަކަށް ލިބިގެންވާ ބާރުތަކާ ކަމަށްވާ ސުމޯޓޯ މައްސަލަތަކާއި ދުސްތޫރީ މައްސަލަތަކާ ވެސް އެއާ ޚިލާފްވާ ކަމަށް އެމަނިކުފާނު އެވެ.

"ވަކިވަކި ފަރާތްތަކަށް އަމާޒުކޮށްގެން ގާނޫނު ހެދުމުގެ ސިލްސިލާ ހުއްޓާލައި، މުއައްސަސާތައް ހަރުދަނާ ކުރަން މަސައްކަތް ކުރަންޖެހޭ." ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ޖަމީލްގެ ޓްވީޓްގައި ވެ އެވެ.

ޖަމީލްގެ ޓްވީޓް

އެމްޑީޕީން ހުށަހެޅި ސިޔާސަތުގައި ކޯޓުތަކުގެ ރަޖިސްޓްރާގެ މަގާމުގެ ބާރު މަތި ކުރުމާއި މައްސަލަތައް ބަލާނެ ފަނޑިޔާރުން ކަނޑައެޅުން ރަޖިސްޓްރާއާ ހަވާލު ކުރުމާއި އިސްތިއުނާފް މުއްދަތު ދިގު ކުރުން ފަދަ ބަދަލުތައް ވެސް ހިމެނެ އެވެ. އަދި ޑީޖޭއޭ އަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަން ވެސް އެ ސިޔާސަތުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން އަޑުއެހުންތައް ބޭއްވުމެއް ނެތި އަމުރުތައް ނެރުމާއި ސުޕްރީމް ކޯޓުގެ އިސް ނެގުމުގައި އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދެވޭ ގޮތް ހެދުން ވެސް އެ ސިޔާސަތުގައި ހިމަނާފައިވެ އެވެ.