Roadha Mihaaru
ޑީޑީ ސަސްޕެންޑް ކުރި އިރު އަނބިކަނބަލުން ވަޒީފާގައި!

ޑީޑީ ސަސްޕެންޑް ކުރި އިރު އަނބިކަނބަލުން އަދިވެސް ވަޒީފާގައި!

17 ޖޫން 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލައެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑުކޮށް، ފުލުހުން ވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެ ފައިސާ ޖަމާވި ކަމަށް ބުނާ އެމަނިކުފާނުގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު އަދިވެސް ހުންނެވީ ސިޔާސީ މަގާމެއްގަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލައެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑުކޮށް، ފުލުހުން ވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެ ފައިސާ ޖަމާވި ކަމަށް ބުނާ އެމަނިކުފާނުގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު އަދިވެސް ހުންނެވީ ސިޔާސީ މަގާމެއްގަ އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޣާނިޔާ އަކީ މެލޭޝިއާ އަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

ފިރިކަލުންނާ ދޭތެރޭގައި ޖޭއެސްސީން ފިޔަވަޅު އެޅީ ޣާނިޔާގެ އެކައުންޓަށް ސުވާލު އުފެދޭ އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ބުނާ މައްސަލައިގަ އެވެ. އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި އިރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތް ކޮށްފައިވާތީ އާއި ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާތީ ޣާނިޔާގެ މައްޗަށް 2013 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާކުރަން ވެސް ފޮނުވި އެވެ.

މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ދޮގު ހެކި ދިނުމުގެ ކުށުގެ ދައުވާ ޣާނިޔާގެ މައްޗަށް އުފުލައިދޭން އޭސީސީން ޕީޖީ އޮފީހަށް ހުށަހެޅި.

އޭސީސީން އާއްމުކޮށްފައިވާ ތަހުގީގު ރިޕޯޓުގައިވާ ގޮތުން، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކަށް ބޭނުންވާ ބަޔާނެއް ކަމަށް ބުނެ ސުޕްރީމް ކޯޓުގެ މުވައްޒަފަކު ލައްވައި މަޖުބޫރުން ބަޔާނެއް ނަގަން ޣާނިޔާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. ބަޔާން ދޭން އެ މުވައްޒަފު އުޒުރުވެރިވާ ކަމަށް ދެންނެވުމުން ވަޒީފާ އިން ކަނޑާލާނެ ކަމުގެ ބިރު ދައްކައި ސެކްރެޓަރީ ޖެނެރަލް ބޭނުންވާ ގޮތަށް ތައްޔާރުކޮށް ބަޔާނުގައި ސޮއިކުރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އޭގައިވެ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ: އޭނާއަށް ތުހުމަތުކޮށް ބަލަމުންދާ މައްސަލަތަކާ ހެދި ޖޭއެސްސީން ވަނީ ސަސްޕެންޑްކޮށްފައި.

ފަނޑިޔާރު އަބްދުﷲ ދީދީ: އޭނާއަށް ތުހުމަތުކޮށް ބަލަމުންދާ މައްސަލަތަކާ ހެދި ޖޭއެސްސީން ވަނީ ސަސްޕެންޑްކޮށްފައި.

އާނިޔާގެ މައްޗަށް އޭސީސީން ތުހުމަތު ކުރި މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ދޮގު ހެކި ދިނުމުގެ ދައުވާއާ ގުޅިގެން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލި ކަން ޔަގީނެއް ނޫނެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރަން ފަށާފައިވާ މަސައްކަތުގެ ތެރޭގައި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުން ހިމަނައިގެން ޑީޑީގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ޑީޑީ ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދުގެ ޝަރީއަތް ހިންގި ގޮތް ގޯސް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

ޑީޑީއާ ގުޅުން ހުރި ޖިނާއީ ކުށްތަކެއްގެ ތަހުގީގު ފުލުހުން ކުރަމުން އައި ނަމަވެސް ރިޝްވަތުގެ ތުހުމަތުތައް އެމަނިކުފާނު ދޮގު ކުރައްވަ އެވެ. ޑީޑީ ވިދާޅުވެފައި ވަނީ ނުހައްގު އެއްވެސް ފައިސާއެއް އެމަނިކުފާނާ ގުޅުން ހުރި އެކައުންޓެއްގައި ނުހުންނާނެ ކަމަށެވެ.

ޖޭއެސްސީން ޑީޑީއާ ދޭތެރޭގައި ފިޔަވަޅު އެޅިޔަސް އެމަނިކުފާނުގެ ސަސްޕެންޝަން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެހެންވެ ޑީޑީ މަސައްކަތަށް ވެސް ނުކުމެވަޑައިގަންނަވަ އެވެ.

ޖޭއެސްސީން ނިންމާފައި ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރުނަސް ޑީޑީގެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށެވެ. ޖޭއެސްސީގެ ނިންމުމުގައި ގާނޫނީ ބާރު ދެމިއޮތް ކަމަށާއި އެ މައްސަލައިގައި ގޮތެއް ކަނޑައަޅައިދޭން މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.