Roadha Mihaaru
ޔާމީން އާއި ޖޭޕީ ގުޅޭނެ ހާލަތެއް ނާންނާނެ: ރިޔާޒް

ޔާމީން އާއި ޖުމްހޫރީ ޕާޓީ ސިޔާސީ ގޮތުން ގުޅޭނެ ހާލަތެއް ނާންނާނެ: ރިޔާޒް

28 ޖެނުއަރީ 2019

ސިޔާސީ މަސައްކަތްތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގުޅިގެން މަސައްކަތް ކުރަން ޖެހިދާނެ ފަދަ ހާލަތެއް ނާންނާނެ ކަމަށް ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ މަސައްކަތްތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގުޅިގެން މަސައްކަތް ކުރަން ޖެހިދާނެ ފަދަ ހާލަތެއް ނާންނާނެ ކަމަށް ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަނުން އެކުގައި ވާދަކުރަން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް އެއްބަސްނުވެވި ސިޔާސީ ގޮތުން ވަނީ ހިޔާލުތަފާތު ވެފަ އެވެ. ސަރުކާރު ހިއްސާވާ ނިސްބަތުން މަޖިލީސް އިންތިޚާބަށް ވެސް ގޮނޑިތައް ބަހާލައިގެން ވާދަކުރަން ޖޭޕީން ބޭނުންވިޔަސް އެމްޑީޕީން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބޭނުން ވަނީ ވަކިން ވާދަކޮށްގެން މަޖިލިސް އިންތިޚާބުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރާށެވެ. މިއީ، ކޯލިޝަނެއްގައި ތިބެ އެ ޕާޓީ އަށް އެކަނި ސިޔާސީ ކުރިއެރުން ހޯދަން އެމްޑީޕީން އެޅި ފިޔަވަޅެއް ކަމަށް ސިފަކުރައްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މަޖިލިސް އިންތިހާބުގައި އެ ޕާޓީއާ އެކުގައި މަސައްކަތް ކުރަން ޝައުގުވެރިވާ އެންމެންނާ ވާހަކަ ދައްކަން ތައްޔާރު ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި، ޔާމީނަށް ވެސް ފުރުސަތު އޮތް ކަމުގެ އިޝާރާތްތަކެއް ވަނީ ދެއްވައިފަ އެވެ.

މަޖިލީސް އިންތިޚާބަށް ޔާމީނާއި ގާސިމް ކޯލިޝަން ހަދާފާނެ ކަމަށް ބައެއް މީހުންނަށް ވިސްނުނަސް ރިޔާޒް އެކަން ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، "އެ މަންޒަރެއް ނުފެނެ" އެވެ.

"ރައީސް ޔާމީނާ އެކު މަސައްކަތް ކުރަން ޖެހޭ އެއްވެސް ހާލަތެއް ނާންނާނެ. ކުރިއަށް އޮތް ފަސް އަހަރު އަޅުގަނޑުމެން ދެމިތިބޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު. އެއީ ޖުމްހޫރީ ޕާޓީގެ ޕޮޒިޝަންއަކީ،" ރިޔާޒް ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީނާއި ކޮންގްރެސްގެ ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަދި ވަގުތީ އެއް ނައިބު ރައީސް ސައީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮންގްރެސް ޕާޓީ އުފެއްދުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީނާއި ކޮންގްރެސްގެ ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަދި ވަގުތީ އެއް ނައިބު ރައީސް ސައީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ކޮންމެ ޕާޓީއަކުން ވެސް އަމާޒު ހިފާނީ، ގިނަ ގޮނޑިތައް ކާމިޔާބުކޮށް، ގިނަ ލީޑަރުންގެ ވެސް ތާއީދު ހޯދުމަށެވެ. އޭގެ މާނައަކީ، ވަކި ލީޑަރަކާ އެކުގައި ސިޔާސީ މަސައްކަތް ކުރުން ނޫން ކަމަށް ވިދާޅުވި އެވެ.

ޑިމޮކްރަސީއެއްގައި ސަރުކާރު ޒިންމާދާރުކުރުވަން އިދިކޮޅު ޕާޓީތަކަށް ފުރުސަތު ލިބެން ޖެހޭ ކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ އެއްވެސް ބަޔަކާ ޒާތީވުމަކީ ކޯލިޝަންގެ ވިސްނުމަކަށް ވެގެން ނުވާނެ ކަމަށެވެ. ކޯލިޝަން ވެރިކަމަކަށް ރައްޔިތުން ވޯޓު ދިނީ ނުރަނގަޅު ކަންކަން އިސްލާހު ކުރަން ކަމަށް ވިދާޅުވި އެވެ.

"މައިނޯރިޓީ ނުވަތަ އޮޕޮޒިޝަންގެ ގޮތުގައި ތިބި ބަޔަކާ އެކު ވެސް މަޖިލީސް ތެރޭގައި ކުރަން ޖެހޭ ބަހުސް، މަޝްވަރާ ކުރެވެން ޖެހޭނެ. މަޖިލީސް ތެރޭގައި ކަންކަން ނުކުރެވޭ ގޮތަށް އޮވެގެން ނުވާނެ،" ރިޔާޒް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ހިޔާލުތަފާތުވެފައިވީ ނަމަވެސް ކޯލިޝަން ނުރޫޅޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފަ އެވެ.