Roadha Mihaaru
ނިހާނާއި ރިޔާޒުގެ ޒުވާބުން ސިއްރުތައް ބޭޒާރު!

ނިހާނާއި ރިޔާޒުގެ ޒުވާބުން ސިއްރުތައް ބޭޒާރު!

09 ޖެނުއަރީ 2018

ސޯޝަލް މީޑިއާގައި، ގިނަ ބަޔަކު ރޭ ޝައުގުވެރި ވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ ހޫނު ޒުވާބަށެވެ. ޓުވިޓާގައި ހިނގި ފޯރިގަދަ އެ ޒުވާބުގައި، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވި އެވެ. މި ކޯޅުންގަނޑުގައި ދެ ބޭފުޅުންގެ ބައެއް ސިއްރުތައް ވެސް ވަނީ ތިލަކޮށްލެއްވި އެވެ. ވަކި ހިސާބަކުން މި ދެބަސްވުން މެދުކެނޑުނު ނަމަވެސް ނިހާން މިއަދު ވެސް ވަނީ ރިޔާޒަށް ފާޑުވިދާޅުވެ ޓުވީޓެއް ކުރައްވައިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސޯޝަލް މީޑިއާގައި، ގިނަ ބަޔަކު ރޭ ޝައުގުވެރި ވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ ހޫނު ޒުވާބަށެވެ. ޓުވިޓާގައި ހިނގި ފޯރިގަދަ އެ ޒުވާބުގައި، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވި އެވެ. މި ކޯޅުންގަނޑުގައި ދެ ބޭފުޅުންގެ ބައެއް ސިއްރުތައް ވެސް ވަނީ ތިލަކޮށްލެއްވި އެވެ. ވަކި ހިސާބަކުން މި ދެބަސްވުން މެދުކެނޑުނު ނަމަވެސް ނިހާން މިއަދު ވެސް ވަނީ ރިޔާޒަށް ފާޑުވިދާޅުވެ ޓުވީޓެއް ކުރައްވައިފަ އެވެ.

މި ޒުވާބު ފެށުނީ، ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރިޔާޒް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. ކޯޓަށް ހާޒިރުވާން އޭނާ އަށް ފޮނުވާފައިވާ ޗިޓެއް އާއްމުކުރައްވައި އެ ޓުވީޓްގައި އޭނާ ވިދާޅުވީ، ކިތަންމެ ދައުވާއެއް އުފުލި ނަމަވެސް ރައީސް ޔާމީނަށް ތާއީދު ކުރެއްވެން ނެތް ކަމަށެވެ. ސަރުކާރުން ހިންގާ އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންގޮސް މި އަހަރުގެ ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ނިހާނަށް ރައީސް ޔާމީން އިތުބާރު ނުކުރައްވާ ކަމަށް ރިޔާޒް ވިދާޅުވުމުން ދެއްވި ޖަވާބު.

މި ޓުވީޓަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ "އަބްދުﷲ ރިޔާޒަކީ އެއް އިރެއްގައި ވެސް ރައީސް ޔާމީނަށް ތާއީދު ކުރި މީހެއް ނޫން" ކަމަށެވެ. ޖަވާބުގައި ރިޔާޒް ކުރެއްވީ ސުވާލެކެވެ.

އެ ސުވާލުގައި ރިޔާޒް އައްސަވަނީ، ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު ކޮޅު ބަދަލުކުރައްވާނެ ކަމަށް އޭނާ ގާތު، ނިހާން ވިދާޅުވީ ރައީސް ޔާމީނަށް ކިހާވަރަކަށް ތާއީދު ކުރައްވާތީތޯ ކަމަށެވެ. އެހެން އެއްސެވުމާއެކު ނިހާން ކުރެއްވި ޓުވީޓުގައި ރިޔާޒަށް ފާޑުވިދާޅުވެ، "އަދިވެސް ތި އުޅެނީ ރެޑް ލީފް ގަލަމުގެ ހުސް ދޯރި ޖީބުގައި ޖެހި ޒަމާނުގައިތޯ" އެއްސެވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމަށް ގެންނަން ޕީޕީއެމްގެ ޓިކެޓް ހޯދައިދިނުމުގެ މަސައްކަތް 2012 ގައި ފެށި ފަހުން އޭނާ ހުންނެވީ ރައީސް ޔާމީނާ އެކުގަ އެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން އެ ޕާޓީގެ އެންމެ އިސް ހަތަރު މަގާމުގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެކަމުގައި ރިޔާޒް ހިތްދަތިވޭތޯ އެއްސެވި އެވެ.

ޖަވާބުގައި ރިޔާޒް ވެސް ކުރިމަތިކުރެއްވީ ވަރުގަދަ ސުވާލެކެވެ.

"އަހްމަދު ނިހާން ތިޔަ މަގާމުގައި ބަހައްޓާފައި ތިހިރީ މަނިކުފާނަށް ރައީސް ޔާމީން އިތުބާރު ކުރައްވާތީތޯ؟ މަނިކުފާނާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ކީކޭތޯ، ފުނަމާ ލަތީފް [ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް] ކައިރިން އައްސަވާލަބައްލަވާ،" ރިޔާޒް ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ރައީސް ޔާމީން އޭނާ އަށް އިތުބާރު ކުރެއްވިއަސް އަދި ނުކުރެއްވިއަސް އެއީ ރިޔާޒު ކަންބޮޑުވެވަޑައިގަންނަވަން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ ރިޔާޒާއި ލަތީފްއާ ބެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ހުންނެވި، މަގާމު މި ދައުރަކު ރިޔާޒަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ފޭސްބުކް މެސެންޖާގެ ޗެޓް ލޮގު ހަނދާން ހުރިތޯ އެއްސެވި އެވެ. އެކަމަކު އެއީ ކޮން ކަމަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކައެއްގެ ޗެޓް ލޮގެއް ކަމެއް ނިހާން ވިދާޅެއް ނުވެ އެވެ.

ނިހާނާއި ރިޔާޒުގެ ޒުވާބުގައި ކުރެއްވި ޓުވީޓެއް.

ރިޔާޒް އެދިވަޑައިގަތީ އެފަދަ ޗެޓު ލޮގެއް ނިހާންގެ އަތުގައި އޮތް ނަމަ ހާމަ ކުރެއްވުމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ އަތުގައި ވެސް އޭނާގެ ހުރިހާ ޗެޓް ލޮގެއް ހުންނާނެ ކަމަށެވެ. ނިހާން ހުންނެވި ބޮޑު މަގާމުގައި ހުންނަވައިގެން ކުރައްވަން ޖެހިވަޑައިގަތް ކަންކަން ނުކުރައްވައި ސަލާމަތްވެވަޑައިގަތުމަކީ ﷲގެ ރަހުމަތެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ތަފްސީލު ނުދެއްވިއަސް ރިޔާޒް އެ އިޝާރާތް ކުރެއްވީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ފުށުއަރާ ގޮތަށް ޕީޕީއެމުން ހުށަހަޅައި މަޖިލީހުން ފާސްކުރި ބިލްތަކަށް ކަމަށް ބެލެވެ އެވެ.

ދެ ބޭފުޅުން ދެން ފެއްޓެވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އޮތް ގުޅުމާ ވާހަކައިންނެވެ. ނިހާނަށް، އަދީބު ވަރެއް ނެތިގެން ދިޔަ ނޫންތޯ ރިޔާޒް ސުވާލު ކުރެއްވުމުން ނިހާން ވިދާޅުވީ އޭރު އަދީބަކީ ޕީޕީއެމްގެ ނައިބު ރައީސް ކަމަށެވެ. މަގާމުގެ ގޮތުން އޭރު އޭނާ އުޅުއްވަން ޖެހޭނީ އެހެން ކަމަށާއި ޖޭޕީ މެމްބަރެއްގެ ގޮތުގައި ހުންނެވި ރިޔާޒު، އަދީބާ ހެދި އުޅުއްވި ގޮތް ފެނިވަޑައިގެންނެވި ކަމަށް ނިހާން ވިދާޅުވި އެވެ.

މި ޒުވާބު ހޫނުވާން ފެށުމުން، ރިޔާޒަށް ރައްދު ނުދެއްވަން ބިލެތްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު މުބީން އެދިވަޑައިގަތެވެ. ޖަވާބުގައި ނިހާން ވިދާޅުވީ "ގަލަމު ދޯރި ޖެހި ކަނޑު ކޮހުންނާ ޓުވިޓާގައި ޒުވާބު ކޮށްލީމަ ވަރަށް މަޖާވާނެ" ކަމަށެވެ.

މިހެން ވިދާޅުވެ މެދުކަނޑާލެއްވި ޒުވާބު ނިހާން އަލުން މިއަދު ފެއްޓެވީ ޖުމްހޫރީ ޕާޓީ އަށް ފާޑުވިދާޅުވަމުންނެވެ.

ނިހާންގެ މި ޓުވީޓާއެކު، ރިޔާޒަށް އަނެއްކާވެސް މިއޮތީ ޖަވާބު ދެއްވަން ޖެހިވަޑައިގެންފަ އެވެ. އެހެންކަމުން މި ޒުވާބު އަދިވެސް އޮތީ ކުރިއަށެވެ.