Roadha Mihaaru
ސިޓީ ބަލިވިއިރު، ޔުނައިޓެޑްގެ ރެކޯޑް ނިމުމަކަށް

ސިޓީ ބަލިވިއިރު، ޔުނައިޓެޑްގެ ރެކޯޑް ނިމުމަކަށް

30 ޖެނުއަރީ 2019

މެންޗެސްޓާ (ޖެނުއަރީ 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވެ ލީގުގެ ރޭހުގައި އެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވިއިރު، އަމިއްލަ ދަނޑުގައި ބާންލީއާ 2-2 އިން އެއްވަރުވެ، އޮލެ ގުނަ ސޯލްޝެއާގެ މެންޗެސްޓާ ޔުނައިޓެޑުން ދަަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ނިމުމެއް އައިސްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޖެނުއަރީ 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވެ ލީގުގެ ރޭހުގައި އެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވިއިރު، އަމިއްލަ ދަނޑުގައި ބާންލީއާ 2-2 އިން އެއްވަރުވެ، އޮލެ ގުނަ ސޯލްޝެއާގެ މެންޗެސްޓާ ޔުނައިޓެޑުން ދަަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ނިމުމެއް އައިސްފި އެވެ.

ރޭގެ މެޗުން ބަލިވުމުން ސިޓީ އަށް ވަނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ގާތަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ 23 މެޗުން 60 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް 24 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އަތުން މޮޅުވެގެން ލިވަޕޫލަށް އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.

އަމިއްލަ ދަނޑުގައި އާސެނަލް ރޭ ކުޅުނު މެޗުން ވަނީ 2-1 އިން ކާޑިފް ސިޓީ ބަލިކޮށްފަ އެވެ. އާސެނަލް ފަސް ވަނައިގައި އޮތީ 24 މެޗުން 47 ޕޮއިންޓް ހަމަކޮށްގެންނެވެ. ރޭ ޔުނައިޓެޑަށް މޮޅުނުވެވުމުން އެ ޓީމު ހަ ވަނައިގައި އޮތީ 24 މެޗުން 44 ޕޮއިންޓާ އެކު އެވެ.

ނިއުކާސަލް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 24 ސިކުންތު ތެރޭގައި ސިޓީން ލީޑުނެގީ ސާޖިއޯ އަގުއޭރޯ ވައްދާލި ގޯލުންނެވެ. މިއީ މި ފަހަރު ލީގުގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ. ލީޑުފުޅާކުރަން ސިޓީގެ ޑޭވިޑް ސިލްވާ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. ދެ ވަނަ ހާފު ފަށައިގެން ނިއުކާސަލުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ނަތީޖާ އަކަށްވާ މެޗުގެ 66 ވަނަ މިނިޓްގައި ސަލޮމޮން ރޮންޑޮން ވައްދާލި ގޯލުން ނިއުކާސަލުން ނަތީޖާ ހަމަހަމަ ކުރުމެވެ.

ރޭ އާސެނަލާއި ކާޑިފް ކުޅުނު މެޗުގެ ކުރިން ސަލާގެ އާއިލާ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ސުކޫތެއް ގެންނަނީ. -- ފޮޓޯ: އޭއެފްޕީ

ރޭ އާސެނަލާއި ކާޑިފް ކުޅުނު މެޗުގެ ކުރިން ސަލާގެ އާއިލާ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ސުކޫތެއް ގެންނަނީ. -- ފޮޓޯ: އޭއެފްޕީ

ނިއުކާސަލުން 2005 ވަނަ އަހަރަށް ފަހު ޕްރިމިއާ ލީގުގައި ސިޓީ ބަލިކުރި ލަނޑު މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ މެޓް ރިޗީ އެވެ. މިއީ އޭރިއާ ތެރެއިން ސިޓީގެ ފެނާންޑީނިއޯ ނިއުކާސަލްގެ ޒުވާން މިޑްފީލްޑަރު ސީން ލޯންސްޓާފަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

"މިއީ އަހަރެމެންނަށް އެޑްވާންޓޭޖް ނަގަން ލިބުނު ފަހަރެއް. އެ ފުރުސަތު އަތުން ބީވެގެންމިދިޔައީ. ހަގީގަތުގައި ލީގު ހޯދުމުގެ ފުރުސަތުތަކަށް އުއްމީދުކުރެވޭނީ މި ފަދަ މެޗުތަކުން މޮޅުވެގެން. މިއީ މާޔޫސްވާން ޖެހޭ ނަތީޖާއެއް. އެއީ ރަނގަޅު ފޯމެއްގައި އޮވެފައި މިހާ ދަށް ކުޅުމެއް ފެނުނީމަ،" ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިވީ ނަމަވެސް ރޭ ޔުނައިޓެޑަށް ކުރިމަތިލާން ޖެހުނީ އުނދަގޫ ހާލަތަކާ އެވެ. އެއީ މެޗުގެ ފުރަތަމަ ދެ ގޯލު ބާންލީން ޖެހުމުންނެވެ. މެޗުގެ 51 ވަނަ މިނިޓްގައި އެޝްލީ ބާންސް ބާންލީ އަށް ލީޑުނަގައިދިންއިރު، މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓައި ކްރިސް ވުޑް ވަނީ ބާންލީ އަށް ލީޑުފުޅާކޮށްދީފަ އެވެ.

ޔުނައިޓެޑް ބަލިނުވެ ސަލާމަތްވީ ފަހު ވަގުތުގެ ލަނޑުތަކާ އެކު އެވެ. ފުރަތަމަ ލަނޑު މެޗުގެ 87 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޕައުލް ޕޮގްބާ ކާމިޔާބުކުރިއިރު، އިތުރުވަގުތުގައި ނަތީޖާ ހަމަހަމަކުރި ގޯލު ޖެހީ ޑިފެންޑަރު ވިކްޓަ ލިންޑެލޮފް އެވެ.

މި މެޗުން މޮޅެއް ނުލިބުމުން ލީގުގައި އަލަށް ޓީމަކާ ހަވާލުވެ، ޖެހިޖެހިގެން ހަތް މެޗުން މޮޅުވެގެން ރެކޯޑެއް ހެދުމުގެ ފުރުސަތު ސޯލްޝެއާ އަށް އޮތެވެ. އެކަމަކު އެއްވަރުވުމުން އެ ރެކޯޑް ހެދުމުގެ ފުރުސަތު ގެއްލުނީ އެވެ. ސޯލްޝެއާ ބުނީ މިއީ އޭނާ ހަވާލުވި ފަހުން އެ ޓީމު ފަހަތުން އަރައި އެއްޗެއް ހާސިލްކުރަން ކުރި ފުރަތަމަ މަސައްކަތް ކަމަށާއި ކުރިއަށް އޮތްތަނުގައި މިހާލަތަށް ތައްޔާރުވާނެ ކަމަށެވެ.

ކާޑިފް ސިޓީ އަށް ރެކޯޑް އަގަކަށް ބަދަލުވި އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ދަތުރުކުރަމުން އައި ޕްރައިވެޓް ޖެޓް (ޕައިޕާ މަލިބޫ) ގެއްލުނު ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރޭ އާސެނަލާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ލިބުނު ފުރުސަތުތަކުން ގޯލެއް ކާމިޔާބު ނުކުރެވުނެވެ.

ރޭގެ މެޗުގެ ދެ ވަނަ ހާފުގައި އާސެނަލުން ވަނީ ކުޅުން ރަނގަޅުކޮށް ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ޕިއޭ އެމެރިކް އޮބާމަޔަން ޖެހިއިރު، ދެ ވަނަ ގޯލު ޖެހީ އަލެކްސަންޑަ ލަކަޒޭޓް އެވެ. މެޗުގެ އިތުރު ވަގުތުގައި ކާޑިފްގެ ހަމައެކަނި ލަނޑު ޖެހީ މެންޑޭޒް-ލެއިން އެވެ.