Roadha Mihaaru
ޖާބިރު އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރައްވަނީ

ޕްރައިމަރީން ނާކާމިޔާބުވި ޖާބިރު އަމިއްލަ ގޮތުން މަޖިލިހަށް ވާދަކުރައްވަނީ

30 ޖެނުއަރީ 2019

އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރައްވަން މިއަދު ނިންމަވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރައްވަން މިއަދު ނިންމަވައިފި އެވެ.

ކާށިދޫ ދާއިރާގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ޖާބިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ބަލިވާ މީހުން އަމިއްލަ ގޮތުން އިންތިޚާބަށް ވާދަކުރުން ގާނޫނުން މަނާކޮށްފައިވީ ނަމަވެސް އެއީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، ގާނޫނަށް ގެނެސްފައިވާ އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޖާބިރުގެ ޓުވީޓު

"ކާށިދޫ ދާއިރާގެ ރައްޔިތުން މާޔޫސްވިޔަ ނުދޭނަން،" މީގެ ކުރިން ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވާފައިވާ، ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއިގެ މަގާމު ވެސް ފުރުއްވާ ޖާބިރު، ޕްރައިމަރީގައި ބޮޑު ތަފާތަކުން ބަލިކުރައްވައި، އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރެއްވީ އަބްދުﷲ ރިފްއަތެވެ. ރިފްއަތަށް 426 ވޯޓު ލިބިވަޑައިގެންނެވިއިރު، ޖާބިރަށް ހޯއްދެވުނީ 203 ވޯޓެވެ.

ޖާބިރުގެ އިތުރުން، ވިލިނގިލި ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ގައި ވާދަކުރެއްވި، އޭނާގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ އަށް ވެސް ކާމިޔާބެއް ނުވި އެވެ. އެކަމަކު، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ވަނީ ޕްރައިމަރީ ގަބޫލު ކުރައްވައި އެމްޑީޕީގެ ޓިކެޓު ހޯއްދެވި ހާރޫން ރަޝީދުގެ ފަހަތަށް އަރާވަޑައިގެންފަ އެވެ.

ޕްރައިމަރީން ބަލިވާ މީހުން އެއްވެސް ގޮތަކުން އިންތިޚާބަށް ވާދަނުކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ ހުށަހަޅުއްވައިފަ އެވެ. އެ އިސްލާހު މަޖިލިހަށް ބަލައިގަނެ މިހާރު ވަނީ މަޖިލިހުގެ ކޮމިޓީގަ އެވެ.

ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ނޮވެމްބަރު 23، 2016 ގައި މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ. އޭރުގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ތާއީދުކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އެ އިސްލާހު އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ ޑިސެމްބަރު 6، 2016 ގަ އެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް ފަހު، ލަތީފް ވިދާޅުވެފައި ވަނީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ބަލިވާ މީހުން ކަންބޮޑުވާކަށް ނުޖެހޭ ކަމަށާއި އެ މީހުންނަށް މަގުފަހިވާ ގޮތަށް އޭނާ ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވުމާ އެކު، ވެސް އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެ އިސްލާހު ފާސްކުރަން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެހީތެރިކަމަށް ލަތީފް ވަނީ އެދިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް ފަހު، ނާކާމިޔާބުވި ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ ވަކި ބަޔަކަށް ޓިކެޓު ދިނުމަށް އެ ޕާޓީގެ ލީޑަޝިޕުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތަށް ފާޅުގައި ވިދާޅުވާ އެއް ބޭފުޅަކީ ހިތަދޫ ދެކުނު ދާއިރާގެ ޕްރައިމަރީން ބަލިވި، މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ.

ނިޒާރު "މިހާރު" އަށް ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން، އޭނާ އާއި އެހެން ބައެއް މެމްބަރުންނަށް އެންޓި ކެމްޕެއިން ކޮށްފައިވާ ކަމަށެވެ. އޭނާ އަށް ވޯޓު ނުދޭން ބައެއް މީހުންގެ ގާތުގައި ނަޝީދުގެ އަރިސް ބޭފުޅުން އެދިވަޑައިގަތް ކަމަށް ނިޒާރު ތުހުމަތު ކުރެއްވި އެވެ.

"ލިސްޓް ބަހާފައި އެބަހުރި ރައީސް ނަޝީދު ވިދާޅުވެގެން ކަމަށް ބުނެ. އެ ލިސްޓުގައި އަޅުގަނޑުމެން ބައެއް މެމްބަރުންގެ ނަމެއް ނެތް. އެކަން ކޮށްފައި ވަނީ ރައީސް ނަޝީދުގެ އަރިސް ބޭފުޅުން،" މަޖިލިހުގެ މި ދައުރުގައި އެންމެ ހަރަކާތްތެރި އެއް މެމްބަރު ކަމަށްވާ ނިޒާރު ވިދާޅުވި އެވެ.