Roadha Mihaaru
ޖިހާދަށް ރެހެންދި ދެ ފްލެޓް މިލްކުކުރުން ހުއްޓުވައިފި

ކުރީގެ ނައިބު ރައީސް ޖިހާދަށް ރެހެންދި ދެ ފްލެޓް މިލްކުކޮށްދިނުން ހުއްޓުވައިފި

31 ޖެނުއަރީ 2019

ނައިބު ރައީސްގެ ރަސްމީ ގެކޮޅުގެ ގޮތުގައި، ރެހެންދި އިމާރާތުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވަން ސަރުކާރުން ހަމަޖެއްސި ދެ ފްލެޓް އެމަނިކުފާނަށް މިލްކުކޮށްދޭން ރައީސް އޮފީހުން ކުރި މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ނައިބު ރައީސްގެ ރަސްމީ ގެކޮޅުގެ ގޮތުގައި، ރެހެންދި އިމާރާތުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވަން ސަރުކާރުން ހަމަޖެއްސި ދެ ފްލެޓް އެމަނިކުފާނަށް މިލްކުކޮށްދޭން ރައީސް އޮފީހުން ކުރި މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.

އަމިއްލަ ފަރާތަކުން އިމާރާތް ކުރި ރެހެންދި ދެ އިމާރާތުން ސަރުކާރަށް 10 ތަނެއް ލިބުނެވެ. އެތަނުން އަށް ތަނެއް މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ވިއްކުމަށް ފަހު، ބާކީވި ދެ ފްލެޓް 2016 ގައި ހަމަޖެއްސީ ނައިބު ރައީސް ޖިހާދު ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގަ އެވެ.

ރައީސާއި ނައިބު ރައީސުންނަށް ދައުލަތުން ވަނީ ގެކޮޅު ހަމަޖައްސައިދީފަ އެވެ. މުލިއާގެ ނުވަތަ ތީމުގެ ރައީސަށް ޚާއްސަކޮށްފައިވާ އިރު ނައިބު ރައީސުން ދިރިއުޅުއްވަނީ ހިލާލީ ގޭގަ އެވެ. ޔާމީންގެ ތިން ވަނަ ނައިބު ރައީސް ޖިހާދު، ރެހެންދި ފްލެޓުގައި ދިރިއުޅުއްވަން ޖެހިވަޑައިގަތީ ހިލާލީ ގޭގައި ޔާމީން ދިރިއުޅުއްވުމުންނެވެ.

އަމިއްލަ ގެކޮޅު ގ. ދޫވެހީގައި ދިރިއުޅުއްވުމަށް ފަހު، ޔާމީން ދައުރުގެ މެދުތެރެއިން ހިލާލީ ގެއަށް ބަދަލުވެވަޑައިގަތީ އެވެ.

ރެހެންދި ފްލެޓް އިމާރާތް: އެ ދެ އިމާރާތުން 10 ފްލެޓް ސަރުކާރަށް ލިބުނު. -- ފޮޓޯ:މިހާރު

ރެހެންދި ފްލެޓް އިމާރާތް: އެ ދެ އިމާރާތުން 10 ފްލެޓް ސަރުކާރަށް ލިބުނު. -- ފޮޓޯ:މިހާރު

ޖިހާދު ނައިބު ރައީސަކަށް ހަމަޖެއްސެވިއިރު، އެމަނިކުފާނު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ނެތެވެ. ސިޔާސީ އަދި އިޖުތިމާއީ މަސައްކަތްތައް ހިންގަވާ އޮފީހެއްގެ ގޮތުގައި މުލިއާގެ ބޭނުން ކުރެއްވީ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމެވެ.

އެހެންވެ ސަރުކާރުގެ ނިންމުމަކަށް ވީ ނައިބު ރައީސް ޖިހާދު ރެހެންދި ފްލެޓުގައި ދިރިއުޅުއްވުމެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ނައިބު ރައީސް ދިރިއުޅުއްވަން އެކަށީގެންވާ މިންވަރަށް ދެ ފްލެޓު ބަދަލުކުރަން ދައުލަތުގެ ބަޖެޓުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރި އެވެ.

ޖިހާދަށް އެ ދެ ފްލެޓް މިލްކުކޮށްދޭން ރައީސް އޮފީހުން ހުށަހެޅީ ސެޕްޓެމްބަރު 23، 2018 ގައި، ބޭއްވި ރިޔާސީ އިންތިޚާބު ޔާމީނަށް ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށެވެ. ރައީސް އޮފީހުން، ނޮވެމްބަރު 8 ގައި ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީގައި އެދިފައި ވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، މިނިވަން މުއައްސަސާތަކުގެ އިސް ވެރިންނަށް ރެހެންދި ފްލެޓް ދޫކުރި އުސޫލުން ނައިބު ރައީސް ޖިހާދަށް އެ ދެ ފްލެޓް މިލްކުކޮށްދޭށެވެ. އެއީ، އަމިއްލަފުޅަށް ފައިސާ ދައްކަވައިގެންނެވެ.

ވަޒީރުންގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް ޔާމީނާ އެކު ޖިހާދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

ވަޒީރުންގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް ޔާމީނާ އެކު ޖިހާދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

ރައީސް އޮފީހުން އަންގާފައި އޮތަސް އޭސީސީން ވަނީ އެކަން ހުއްޓުވައިފަ އެވެ.

ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު އާ "މިހާރު" އިން ސުވާލު ދެންނެވުމުން ވިދާޅުވީ ރެހެންދި ފްލެޓާ ގުޅޭ ގޮތުން ރައީސް އޮފީހުން އެންގި އެންގުމަށް އަމަލު ނުކުރަން ހައުސިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.

"އެ މައްސަލަ އޭސީސީން މި އަންނަނީ ތަހުގީގު ކުރަމުން. ކޮމިޝަނުން މައްސަލަ ބަލައި ނިމެންދެން ރައީސް އޮފީހުގެ އެންގުމަށް އަމަލުނުކުރަން އަންގާފައި ވާނީ،" މުއައްވިޒް ވިދާޅުވި އެވެ.

ޖިހާދު އަދިވެސް ދިރިއުޅުއްވަނީ ރެހެންދީގައި!

ރެހެންދި ފްލެޓްގައި ޖިހާދު ދިރިއުޅުއްވީ، ނައިބު ރައީސް ހައިސިއްޔަތުން ރަސްމީ ގެކޮޅުގެ ގޮތުގައި ނަމަވެސް އެމަނިކުފާނު އަދިވެސް ދިރިއުޅުއްވަނީ އެތަނުގަ އެވެ.

ރައީސް އޮފީހުން އޭރު ހަމަޖައްސާފައި އޮތް އުސޫލުގެ ދަށުން ނަމަ، ޔާމީނަށް އިންތިޚާބު ނާކާމިޔާބުވެ ވެރިކަން ބަދަލުވުމާ އެކު ނައިބު ރައީސްގެ ރަސްމީ ގެކޮޅުން އެމަނިކުފާނު ނުކުމެވަޑައިގަންނަވަން ޖެހޭނެ އެވެ. އެއީ، އެތަނުގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ދައުލަތުގެ ބަޖެޓުން ކަމަށް ވާތީ އެވެ.

އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޖިހާދު އަދިވެސް ދިރިއުޅުއްވަނީ ރެހެންދި އިމާރާތުގަ އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޖިހާދަށް "މިހާރު" އިން ގުޅިއިރު ފޯނަށް ޖަވާބު ނުދެއްވުމުން ސަބަބު ސާފެއް ނުވި އެވެ. އެމަނިކުފާނުގެ ފޯނު މިއަދު އޮތީ ނިއްވާލައިފަ އެވެ.

ރެހެންދި ދެ އިމާރާތުން ސަރުކާރަށް ލިބުނު ފްލެޓްތައް މިނިވަން މުއައްސަސާތަކުގެ ވެރިންނަށް، ޔާމީންގެ ސަރުކާރުން ދިން މައްސަލަ ވެސް ބޮޑުވި އެވެ. އޭރު ފްލެޓް ވިއްކީ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިތުރުން އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުޖުތާޒު މުހުސިންގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށެވެ. މިއީ، މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރި ކަމެއް ކަމަށް ތުހުމަތު ކުރި އެވެ.

މި ބޭފުޅުންނަށް ފްލެޓް ވިއްކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އޭސީސީ އަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު އެ ކޮމިޝަނުން ނިންމީ، އެ ބޭފުޅުންނަށް ސަރުކާރުން ފްލެޓް ވިއްކީ ބޮޑު އަގުގައި ކަމަށް ވުމުން އެއީ ސަރުކާރަށް މަންފާ މުއާމަލާތެއްގެ ގޮތުގަ އެވެ. އެ މުއާމަލާތުން އޭސީސީ އަށް ކޮރަޕްޝަނެއް ނުފެނުނެވެ.