Roadha Mihaaru
ދަރުމަވަންތަ ހޮސްޕިޓަލް އޭޕްރީލް މަހު ހުޅުވަނީ

ދަރުމަވަންތަ ހޮސްޕިޓަލް އޭޕްރީލް މަހު ހުޅުވަނީ

04 ފެބުރުއަރީ 2019

ރާއްޖޭގެ ސިއްހީ ޚިދުމަތަށް ބޮޑު އިންގިލާބެއް ގެނުވާނެ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އަންނަ އެޕްރީލް މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ސިއްހީ ޚިދުމަތަށް ބޮޑު އިންގިލާބެއް ގެނުވާނެ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އަންނަ އެޕްރީލް މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަން ބޮޑުވެ، ސިއްހީ ޚިދުމަތް ކުރިއަރުވައި ތަރައްގީ ކުރަން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ފެށީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ރާއްޖޭގެ އެންމެ އަގު ބޮޑު އިމާރާތް، ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށް ޖޫން، 5، 2016 ގައި މަސައްކަތް ފެށީ ދެ އަހަރުން ނިންމުމަށެވެ. އެކަމަކު، އައިޖީއެމްއެޗުގެ އިމާރާތާ ގުޅުވާލާ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ލަސްވީ ވަސީލަތްތައް ހޯދަން ހަވާލުކުރި ކުންފުނިތަކަށް ދިން ތާރީޚުތަކުގައި އެކަން ނުވެގެން ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗުގެ ތަރުޖަމާން މުހައްމަދު މުފީދު "މިހާރު" އަށް މިއަދު ވިދާޅުވީ އެޕްރީލް މަހު ހުޅުވައި ފުރަތަމަ ޚިދުމަތް ދޭން ފަށާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހަތަރު ފްލޯގައި ކަމަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހޮސްޕިޓަލް ހުޅުވަން ތައްޔާރުވި އިރު ނިންމާފައި އޮތީ ފުރަތަމަ ހަ ފްލޯގައި ޚިދުމަތް ފެށުމަށެވެ.

"ޚިދުމަތް ފަށަން ބޭނުންވާ ހުރިިހާ އިކުއިޕްމެންޓްތައް ވެސް މިހާރު ވަނީ އިންސްޓޯލްކޮށް ނިމިފައި. ލަފާކޮށްފައި އޮތީ، އެޕްރީލް މަހު ޚިދުމަތް ފެށޭނެ ކަމަށް،" މުފީދު ވިދާޅުވި އެވެ.

އާ އިމާރާތް ހުޅުވާގޮތަށް ކުރި ހަމަޖައްސާފައި އޮތީ އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓާ އެކުގަ އެވެ. އެއީ، އާއްމުންނަށް އެންމެ ބޭނުންވާ ޚިދުމަތްތަކެވެ. އެހެންކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާ އެކު ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ އެ އިމާރާތުގަ އެވެ.

ހިނގާ މަގަކުން، ދެ އިމާރާތް ގުޅުވާލާފައިވާއިރު، ދެ ތަނުން ވެސް ޚިދުމަތް ހޯދަން އުނދަގުލެއް ނުވާނެ އެވެ. އާ، އިމާރާތް ޑިޒައިން ކޮށްފައި ވަނީ، އައިޖީއެމްއެޗުގައި އިމަޖެންސީ ފަރުވާދޭ ޑިޕާމްޓްމަންޓުން ނުކުމެގެން ގޮސް ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެވޭ ގޮތަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލް: އެ އިމާރާތް ހުޅުވުމުން ރާއްޖޭގެ ސިއްހީ ޚިދުމަތަށް އިންގިލާބެއް އަންނާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައި.

ދަރުމަވަންތަ ހޮސްޕިޓަލް: އެ އިމާރާތް ހުޅުވުމުން ރާއްޖޭގެ ސިއްހީ ޚިދުމަތަށް އިންގިލާބެއް އަންނާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައި.

25 ބުރި: ޚިދުމަތްތައް ބަހާލާފައިވާ ގޮތް

ގްރައުންޑް ފްލޯ: ކޮފީ ޝޮޕަކާ އެކު ބޮޑު ހުސް ޖާގައެއް އާއްމުންނަށް ޚާއްސަކޮށްފައި.

ފުރަތަމަ ފްލޯ: ތަހުލީލް ކުރުމުގެ ހުރިހާ ޚިދުމަތެއް (އެކްސްރޭ، ސިޓީ ސްކޭން، އެމްއާރުއައި)

2 -3 ވަނަ ފްލޯ: އޯޕީޑީ، ބަލި މީހުން ބެލުމާއި ހަމުގެ ބަލިތަކުގެ ފަރުވާ.

4 ވަނަ ފްލޯ: ހައިޑްރޯ ޕޫލާ އެކު ފިޒިއޮތެރަޕީ އާއި ސްޕޯޓްސް ތެރަޕީ.

5 ވަނަ ފްލޯ: ހަމުގެ ޑިޕާޓްމެންޓެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ސަރަހައްދަކާއި އަންހެން/ފިރިހެން ނަމާދުކުރުމުގެ ޖާގަ.

6 ވަނަ ފްލޯ: އީއެންޓީ (ކަރުންމަތީގެ ބަލިތައް)، އޮފްތަމޮލޮޖީ (ލޮލުގެ ބަލިތައް) އަދި ޑެންޓަލް ޑިޕާޓްމެންޓް.

7 ވަނަ ފްލޯ: އެންޑޮސްކޯޕީ އާއި ކްލޮނޮސްކޯޕީ އަށް ބްރޮންކޮސްކޯޕީ އާއި އޮޕަރޭޝަން ތިއޭޓަރެއް.

8 ވަނަ ފްލޯ އާއި 14 ވަނަ ފްލޯ: މެޑިކަލް ސްކޫލް. ވަކިވަކިން ދެ ފްލޯ ދޭން ޖެހުނީ، މެޑިކަލް ސްކޫލް ހިންގާނެ ޖާގައަށް އެދުނުއިރު، އެހެން ތަނެއް ހުސްކޮށް ނެތުމުން.

9 ވަނަ ފްލޯ: ގިނަ ތަހުލީލުތަކެއް ކުރެވޭ، ޒަމާނީ ފެންވަރުގެ ލެބޯޓްރީއެއް.

9 -10 ވަނަ ފްލޯ: ކާޑިއެކް ސެންޓަރު.

11 ވަނަ ފްލޯ: ކެތު ލެބު (ހިތުގެ އޮޕަރޭޝަންތަކަށް ހާއްސަ އޮޕަރޭޝަން ތިއޭޓަރާ)އި ރާއްޖޭގައި މުޅިން އާ، ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރު. އޭގެ އިތުރުން ކާޑިއޯ ކެއާ ސެންޓަރުގެ 10 ކިއުބް.

12 ވަނަ ފްލޯ: ހަތަރު އޮޕަރޭޝަން ތިއޭޓަރު.

13 ވަނަ ފްލޯ: މެޝިނަރީޒް އާއި އިކުއިޕްމެންޓްސްތަކަށް.

14 ވަނަ ފްލޯ: މެޑިކަލް ސްކޫލް.

15 އިން 17 އަށް: ބަލި މީހުންގެ ޕްރައިވެޓް ރޫމްތައް، ކޮންމެ ފްލޯއެއްގައި 12 ކޮޓަރި ހުންނާނެ.

18 އަދި 19: އެގްޒެކެޓިވް ރޫމް.

20 ވަނަ ފްލޯ: ރައީސުލްޖުމްހޫރިއްޔާ އާއި އެމްބެސެޑަރުން ފެންވަރުގެ ބޭފުޅުންނަށް ޚާއްސަ.

21 އިން 23 އަށް: ޑޮކްޓަރުންގެ އެކޮމޮޑޭޝަން. ކޮންމެ ފްލޯއެއްގައި ހުންނާނީ، ދެ ކޮޓަރީގެ ހަ އެޕާޓްމެންޓް. މިއީ އެކި ގައުމުތަކުން އަންނަ ވިޒިޓިން ޑޮކްޓަރުންނާއި އެ ނޫން ވެސް ޚާއްސަ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުންނަށް ޚާއްސަކޮށްފައިވާ ތިން ފްލޯ.

24 ވަނަ ފްލޯ: މާލޭގެ މަލަމަތި ފެންނަ، ހިތްގައިމު ރެސްޓޯރެންޓެއް.

ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމީންގެ ތަރައްގީގެ ރަމްޒު ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ސިފަކުރާއިރު، ސަރުކާރު ކޯލިޝަނުން ދެކެނީ އެއީ، ކޮރަޕްޝަންގެ ބިނާއެއްގެ ގޮތުގަ އެވެ. މި މަޝްރޫއަށް 140 މިލިއަން ޑޮލަރު ހަރަދު ކުރާއިރު މިއީ، މިފަދަ ދެތިން އިމާރާތުގެ އަގު ކަމަށް އިމާރާތްކުރުމުގެ ދާއިރާގެ މީހުން ދެކެ އެވެ. އެއަށް ރައްދުދީ، ޔާމީންގެ ސަރުކާރުން ބުނެފައި ވަނީ، މުހިއްމީ ހޮސްޕިޓަލް އަވަހަށް ނިންމައި ޚިދުމަތް ދިނުން ކަމަށެވެ.