Roadha Mihaaru

25 ބުރީގެ ހޮސްޕިޓަލް: "ފަރުވާއަކީ މިއީ،"!

08 އެޕްރީލް 2018

"މިހާރު"ގެ ނޫސްވެރިންނަށް ލިބުނު ޚާއްސަ ހުއްދައާ އެކު، ދައުވަތު ދިން ގަޑިއަށް އަޅުގަނޑުމެން ގޮސް މަޑުކޮށްލީ ބޮޑުތަކުރުފާނު މަގުގަ އެވެ. ކުރިމަތިން ވިދާ ބަބުޅަމުން ދިޔައީ، މިހާތަނަށް ރާއްޖޭގެ އެންމެ އުސް އިމާރާތެވެ. މީގެ 23 އަހަރު ކުރިން ހެދި އައިޖީއެމްއެޗުގެ އިމާރާތާ ގުޅުވާލާ، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު އަދި އަހުމަދު ހަމްދޫން

"މިހާރު"ގެ ނޫސްވެރިންނަށް ލިބުނު ޚާއްސަ ހުއްދައާ އެކު، ދައުވަތު ދިން ގަޑިއަށް އަޅުގަނޑުމެން ގޮސް މަޑުކޮށްލީ ބޮޑުތަކުރުފާނު މަގުގަ އެވެ. ކުރިމަތިން ވިދާ ބަބުޅަމުން ދިޔައީ، މިހާތަނަށް ރާއްޖޭގެ އެންމެ އުސް އިމާރާތެވެ. މީގެ 23 އަހަރު ކުރިން ހެދި އައިޖީއެމްއެޗުގެ އިމާރާތާ ގުޅުވާލާ، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެވެ.

ތެދެކެވެ؛ ބިންމަތީގައި ކަރު ހިއްލާލައިގެން މާ ގިނަ އިރު ބަލަން ތިބޭކަށް އެހާ ފަސޭހައެއް ނޫނެވެ. އެހާވެސް އުހެވެ. އެކަމަކު ހާސްކަމެއް ނެތެވެ. ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރާ އެކު އިމާރާތްކޮށްފައިވާ އެ ހޮސްޕިޓަލަކީ ސަރުކާރުން ރައްޔިތުންނަށް ދޭ ހުރިހާ ކަމެއްގެ "ޔަގީން، ފަރުވާ" އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިއްހީ ޚިދުމަތަށް ގެނެސްދޭ ކުރިއެރުންތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ފާޑުކިޔާ މީހުންނަށް ވެސް އެމަނިކުފާނު ދޫކޮށްލައްވާނެ އެންމެ މުހިއްމު، ހަދިޔާއަކީ ވެސް، ޕީޕީއެމްގެ މީހުން ދެކޭ ގޮތުގައި، އެ ހޮސްޕިޓަލެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އާ އިމާރާތުގެ އެތެރެ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އާ އިމާރާތުގެ އެތެރެ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަޅުގަނޑުމެންނަށް މަރުހަބާކީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ސިވިލް އިންޖިނިއަރު ވަހީދު ސޯދިގެވެ. އެކި ތަންތަން ކިޔައި ދެއްވަމުން އަޅުގަނޑުމެން ގޮވައިގެން ގޮސް އެރީ ހޮސްޕިޓަލުގެ އިރުމަތީ ފަރާތު، ލިފްޓަކަށެވެ. އޭނާގެ އިންތިޒާރުގައި އަޅުގަނޑުމެންނަށް ތިބެވުނީ، ބޮޑުތަކުރުފާނު މަގު، ހޮސްޕިޓަލުގެ މައި ގޭޓު ކުރިމަތީގަ އެވެ. ކިތަންމެ އުހަސް 24 ވަނަ ބުރިއަަށް އަރާކަށް މާ ގިނަ ވަގުތެއް ނުނެގި އެވެ. ލިފްޓަށް އެރިތާ 48 ސިކުންތު ވިއިރު، ތިބީ 24 ވަނަ ބުރީގަ އެވެ. ލިފްޓުން ނިކުތުމާ އެކު ލޮލުގައި އަޅައިގަތީ، "މާލޭގެ ބޮޑު މަންޒަރެ"ވެ. އެ އިމާރާތުން، މާލޭގެ މަލަމަތި އެއްކޮށް، ފެނެ އެވެ.

25 ބުރި: ޚިދުމަތްތައް ބަހާލާފައިވާ ގޮތް

ގްރައުންޑް ފްލޯ: ކޮފީ ޝޮޕަކާ އެކު ބޮޑު ހުސް ޖާގައެއް އާއްމުންނަށް ޚާއްސަކޮށްފައި.

ފުރަތަމަ ފްލޯ: ތަހުލީލް ކުރުމުގެ ހުރިހާ ޚިދުމަތެއް (އެކްސްރޭ، ސިޓީ ސްކޭން، އެމްއާރުއައި)

2 -3 ވަނަ ފްލޯ: އޯޕީޑީ، ބަލި މީހުން ބެލުމާއި ހަމުގެ ބަލިތަކުގެ ފަރުވާ.

4 ވަނަ ފްލޯ: ހައިޑްރޯ ޕޫލާ އެކު ފިޒިއޮތެރަޕީ އާއި ސްޕޯޓްސް ތެރަޕީ.

5 ވަނަ ފްލޯ: ހަމުގެ ޑިޕާޓްމެންޓެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ސަރަހައްދަކާއި އަންހެން/ފިރިހެން ނަމާދުކުރުމުގެ ޖާގަ.

6 ވަނަ ފްލޯ: އީއެންޓީ (ކަރުންމަތީގެ ބަލިތައް)، އޮފްތަމޮލޮޖީ (ލޮލުގެ ބަލިތައް) އަދި ޑެންޓަލް ޑިޕާޓްމެންޓް.

7 ވަނަ ފްލޯ: އެންޑޮސްކޯޕީ އާއި ކްލޮނޮސްކޯޕީ އަށް ބްރޮންކޮސްކޯޕީ އާއި އޮޕަރޭޝަން ތިއޭޓަރެއް.

8 ވަނަ ފްލޯ އާއި 14 ވަނަ ފްލޯ: މެޑިކަލް ސްކޫލް. ވަކިވަކިން ދެ ފްލޯ ދޭން ޖެހުނީ، މެޑިކަލް ސްކޫލް ހިންގާނެ ޖާގައަށް އެދުނުއިރު، އެހެން ތަނެއް ހުސްކޮށް ނެތުމުން.

9 ވަނަ ފްލޯ: ގިނަ ތަހުލީލުތަކެއް ކުރެވޭ، ޒަމާނީ ފެންވަރުގެ ލެބޯޓްރީއެއް.

9 -10 ވަނަ ފްލޯ: ކާޑިއެކް ސެންޓަރު.

11 ވަނަ ފްލޯ: ކެތު ލެބު (ހިތުގެ އޮޕަރޭޝަންތަކަށް ހާއްސަ އޮޕަރޭޝަން ތިއޭޓަރާ)އި ރާއްޖޭގައި މުޅިން އާ، ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރު. އޭގެ އިތުރުން ކާޑިއޯ ކެއާ ސެންޓަރުގެ 10 ކިއުބް.

12 ވަނަ ފްލޯ: ހަތަރު އޮޕަރޭޝަން ތިއޭޓަރު.

13 ވަނަ ފްލޯ: މެޝިނަރީޒް އާއި އިކުއިޕްމެންޓްސްތަކަށް.

14 ވަނަ ފްލޯ: މެޑިކަލް ސްކޫލް.

15 އިން 17 އަށް: ބަލި މީހުންގެ ޕްރައިވެޓް ރޫމްތައް، ކޮންމެ ފްލޯއެއްގައި 12 ކޮޓަރި ހުންނާނެ.

18 އަދި 19: އެގްޒެކެޓިވް ރޫމް.

20 ވަނަ ފްލޯ: ރައީސުލްޖުމްހޫރިއްޔާ އާއި އެމްބެސެޑަރުން ފެންވަރުގެ ބޭފުޅުންނަށް ޚާއްސަ.

21 އިން 23 އަށް: ޑޮކްޓަރުންގެ އެކޮމޮޑޭޝަން. ކޮންމެ ފްލޯއެއްގައި ހުންނާނީ، ދެ ކޮޓަރީގެ ހަ އެޕާޓްމެންޓް. މިއީ އެކި ގައުމުތަކުން އަންނަ ވިޒިޓިން ޑޮކްޓަރުންނާއި އެ ނޫން ވެސް ޚާއްސަ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުންނަށް ޚާއްސަކޮށްފައިވާ ތިން ފްލޯ.

24 ވަނަ ފްލޯ: މާލޭގެ މަލަމަތި ފެންނަ، ހިތްގައިމު ރެސްޓޯރެންޓެއް.

ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ސޯދިގު "މިހާރު" އަށް ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ސޯދިގު "މިހާރު" އަށް ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހުރިހާ ގޮތަކުން ވެސް ތަފާތު، ފުރިހަމަ

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ޖޫން، 5، 2016 ގައި، މަސައްކަތް ފެށި އިމާރާތުގެ އެއް ފްލޯ އިން އަނެއް ފްލޯ އަށް އަރަމުން ދިޔައިރު، ފެނުނީ ތަފާތު މަންޒަރުތަކެކެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި، ބިމުން މައްޗަށް 25 ބުރި ނަގާފައި ހުއްޓަސް އެއީ، އާދައިގެ ކަމެއް ނޫނެވެ. އެކަމަކު މި އިމާރާތުގެ މަސައްކަތުގެ ސްޕީޑް އަވަސްވީ 24 ގަޑިއިރު ހުއްޓުމެއް ނެތި ކުރި މަސައްކަތުން ކަން ޔަގީނެވެ. އެކި ފްލޯތަކުގައި ކޮޅުކޮޅަށް ދުވެ އުޅުނީ އެ މަސައްކަތަށް ޚާއްސަ 400 ބިދޭސީންނެވެ. އޭގެ ތޭރޭގައި ގިނައީ ޗައިނާ އާއި ބަންގްލަދޭޝް މީހުން ކަމަށް ސޯދިގު ވިދާޅުވި އެވެ.

އޭނާ ކިޔައިދެއްވި ގޮތުގައި، ހޮސްޕިޓަލުގެ ކުރެހުމާ އެއްގޮތަށް އިމާރާތުގެ މަސައްކަތްތައް ބަހާލީ ތަފާތު ބައިތަކަކަށެވެ. ކޮންކްރީޓާއި ކަރަންޓާއި ވައިރިންއާއި އައިޓީ އާއި އިކުއިޕްމަންޓްސް ހޯދުން ވެސް ހަވާލުކުރީ، އެ މަސައްކަތަށް ޚާއްސަ ވަކިވަކި ކުންފުނިތަކާ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ވައިރިންގެ މަސައްކަތުގައި ބިދޭސީއަކު ހަރަކާތްތެރިވަނީ. --ފޮޓޯ:ހުސެއިން ވަހީދު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލުގެ ވައިރިންގެ މަސައްކަތުގައި ބިދޭސީއަކު ހަރަކާތްތެރިވަނީ. --ފޮޓޯ:ހުސެއިން ވަހީދު/މިހާރު

އެކި ފްލޯތަކަށް އެރީ ހަތް ވަނަ ލިފްޓުންނެވެ. އެއީ، ޖުމްލަ ހަތް ލިފްޓު އިންނަ އިމާރާތުގައި، ސަލާމަތީ ގޮތުން އެންމެ ރައްކާތެރި ލިފްޓު ވެސް މެ އެވެ. ނުރައްކާތެރި ހާދިސާއެއް ހިނގައިފި ނަމަ ވެސް، މީހުން ބާލަން ޚާއްސަކޮށްފައި ވަނީ ވެސް އެ ލިފްޓެވެ.

"ރާއްޖޭގައި ހަދާފައިވާ އެހެން ހުރިހާ އިމާރާތަކާ އަޅާބަލާއިރު މި އިމާރާތް ހުރިހާ ގޮތަކުން ވެސް ތަފާތުވާނެ. މިސާލަކަށް ވައިރިންގައި ހުރިހާ ކޭބަލްތަކެއް އެއް ފަރާތުގައި ހުރިއިރު، ފަސޭހަ އިން ލޭބަލްކޮށްފައި ހުންނާނީ. މިހާރު ވެސް އެކަމަށް ހާއްސަ މީހުން އެ ދަނީ ލޭބަލްކުރަމުން. އިމާރާތް ކުރުމުގައި ބައިވެރި ނުވާ މީހަކަށް ފަހުން މަސައްކަތެއް ކޮށްލަން ވިއަސް ވަރަށް ފަސޭހަވާނެ،" އައިޖީއެމްއެޗުގެ ފަރާތުން ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ، ސޯދިގު ވިދާޅުވި އެވެ.

"ވަރަށް ސިސްޓެމެޓިކްކޮށް ހުރިހާ މަސައްކަތެއް ވެސް ކުރަނީ. ކޮންމެ މަސަައްކަތެއް ނިމޭއިރު ވެސް އެހާމެ ފުރިހަމަ ވާނެ."

ދަރުމަވަންތަ ހޮސްޕިޓަލުގެ އިންޖިނިއަރު ސޯދިގު: އޭނާ ވިދާޅުވީ އެ އިމާރާތް ހުރިހާ ގޮތަކުން ވެސް ތަފާތުވެފައި ފުރިހަމަ ކަމަށް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލުގެ އިންޖިނިއަރު ސޯދިގު: އޭނާ ވިދާޅުވީ އެ އިމާރާތް ހުރިހާ ގޮތަކުން ވެސް ތަފާތުވެފައި ފުރިހަމަ ކަމަށް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތްތައް ބަލަހައްޓަވަން ސޯދިގު ފެއްޓެވީ، އެމްއެންޑީއެފްގައި 22 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އެވެ. އޭނާ އެތަނުން ވަކިވެވަޑައިގަތީ، ވެސް މި އިމާރާތަށް ޚާއްސަވުމަށެވެ.

"މިއީ ހަގީގަތުގައި އިންތިހާއަށް ބޮޑު މަސައްކަތެއް. މާލޭގައި އަޅުގަނޑުމެންނަށް މި ލިބުނީ 10 ބުރި އިމާރާތްތައް ތަޖުރިބާކޮށްލަން، މިއީ އޭގެ ގާތްގަނޑަކަށް ތިން ގުނަވީމަ ހުރިހާ ގޮތަކުން ވެސް ތަފާތު،" މާލޭގެ އުސް ގިނަ އިމާރާތްތަކުގައި އިންޖިނޭރެއްގެ ގޮތުން މަސައްކަތް ކުރެއްވި ސޯދިގު އޭނާގެ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ސަރުކާރުން ބުނާ ގޮތުގައި ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދަނީ ކުރިއަރާފައިވާ ޒަމާނީ ހޮސްޕިޓަލްތަކާ އެއް ސަފެއްގަ އެވެ، އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ފިޓްކުރުމަށެވެ. އެގޮތުން ފާހަގަކޮށްލެވުނު އެއް ކަމަކީ މުޅި އިމާރާތް ފިނިކުރުމުގެ ނިޒާމެވެ. ވަކިވަކި އޭސީތައް ހަރުކޮށްގެން ފިނިކުރުމުގެ ބަދަލުގައި 25 ބުރިއަށް ޚާއްސަކޮށްގެން ފިނިކުރާ ސިސްޓަމެއް ގާއިމްކުރީ، ހަރަދުގެ ގޮތުންނާއި ތިމާވެށީގެ ގޮތުން ބަލާއިރު ވެސް އެންމެ އެކަށޭނެ ނިޒާމަކީ އެއީ ކަމަށް ވާތީ އެވެ. އެއާއެކު، އޮޕަރޭޝަން ތިއޭޓަރުތަކަށް ބޭނުންވާ ސާމާނު ސްޓްރެލައިޒްވެގެން އެ އޮޕަރޭޝަން ތިއޭޓަރަށް ފޮނުވާނީ ވެސް އޮޓޯ ސިސްޓަމަކުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ފިނިކުރަން ބޭނުންކުރާ ޚާއްސަ ނިޒާމް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލް ފިނިކުރަން ބޭނުންކުރާ ޚާއްސަ ނިޒާމް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސޯދިގު ވިދާޅުވި ގޮތުގައި 25 ބުރީގެ އިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ. އޭނާ ސިފަކުރައްވާ ގޮތުގައި އިމާރާތުގެ 80 ޕަސެންޓް މަސައްކަތް ގާތްގަނޑަކަށް ނިމިއްޖެ އެވެ. އެކަމަކު ފެނުނީ މުހިއްމު ގިނަ މަސައްކަތްތަކެއް ނިންމަން އަދި ހުރި ކަމެވެ. ކޮންކްރީޓް މަސައްކަތްތަކުގެ ބޮޑު ބައި ނިިމިފައިވީ ނަމަވެސް އެ ފްލޯތައް ފުރިހަމަވާނީ ބޭނުންވާ ވަސީލަތްތައް ވެސް ލިބިގެންނެވެ. އެހެންވެ، ތަކުރާރުކޮށް ކުރެވުނީ އެއް ސުވާލެކެވެ؛

ސަރުކާރުން ކުރިން ބުނެފައިވާ ގޮތަށް، ޖުލައި، 26، އަށް ހޮސްޕިޓަލް ހުޅުވޭނެ ހެއްޔެވެ؟ ބާކީ އޮތީ، އެންމެ ތިން މަސް ދުވަހެވެ.

އެންމެ ފުރަތަމަ ހުޅުވާނީ ހަ ބުރި

މި ސަރުކާރުގެ ތަރައްގީގެ މައިބަދަ، ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫއުގެ މަސައްކަތް އުޅެނީީ ޝެޑިއުލަށް ވުރެން، 15 ޕަސެންޓް ލަސްކޮށެވެ. އޭގައި ސަބަބުތަކެއް ހުރި ކަމަށް، ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެއް ކަމަކަށް، ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހޯދަން ހަވާލުކުރި ކުންފުނިތަކަށް ދިން ތާރީޚުތަކުގައި އެކަން ނުވުމެވެ. ހޮސްޕިޓަލުގެ ފުރަތަމަ ފްލޯގެ ކޮންކްރީޓް ނާޅަނީސް، 2016 ގައި އިކުއިޕްމެންޓްސްތަކަށް އޯޑަރު ދިނެވެ. ގިނަ އަދަދެއްގެ މެޝިނަރީޒް އާއި އިކުއިޕްމެންޓްސްތައް ބޭނުންވާއިރު، މިހާތަނަށް ގިނައީ ނުލިބޭ އެއްޗިއްސެވެ. އެހެންވެ މިހާރު، އެ މަސައްކަތްތައް ބައެއް އެހެން ކުންފުނިތަކާ ވަނީ ހަވާލުކޮށްފަ އެވެ.

މި ގޮންޖެހުންތަކާ އެކު ވެސް ރައްޔިތުންނަށް ސަރުކާރުން ދިން ޔަގީންކަމާ އެއްގޮތަށް ޖުލައި 26 ގައި، ހޮސްޕިޓަލް ހުޅުވަން ވަނީ އަމާޒު ހިފައިފަ އެވެ. މި އިމާރާތުގެ ޚިދުމަތް ފެށުމާ އެކު ސަރުކާރަށް ލިބޭނެ އެހެން ލުއިތަކެއް ވެސް ހުރީމަ އެވެ.

"ޔަގީން ކަމެއް، 26 ގައި ހުޅުވޭނެ. އެކަމަކު، ފުރަތަމަ ހަ ފްލޯ ހުޅުވައި ބޭނުންކުރަން ފަށާނީ،" އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ބިދޭސީން މަސައްކަތް ކުރަނީ: އެ އިމާރާތާއެކު އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަމަށް ލުޔެއް ލިބޭނެ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލުގައި ބިދޭސީން މަސައްކަތް ކުރަނީ: އެ އިމާރާތާއެކު އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަމަށް ލުޔެއް ލިބޭނެ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި އާ އިމާރާތް ހުޅުވާނީ، އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓާ އެކުގަ އެވެ. އެއީ، އާއްމުންނަށް އެންމެ ބޭނުންވާ ޚިދުމަތްތައް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާ އެކު ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ އެ އިމާރާތުގަ އެވެ.

ހިނގާ މަގަކުން، ދެ އިމާރާތް ގުޅުވާލާފައިވާއިރު، ދެ ތަނުން ވެސް ޚިދުމަތް ހޯދަން އުނދަގުލެއް ނުވާނެ އެވެ. އާ، އިމާރާތް ޑިޒައިންކޮށްފައި ވަނީ، އައިޖީއެމްއެޗުގެ އިމަޖެންސީ ފަރުވާ އިން ނުކުމެގެން ގޮސް ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެވޭ ގޮތަށެވެ.

އައިޖީއެމްއެޗުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރާ ބައެއް ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ރިޝްވާން "މިހާރު"އަށް ދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އައިޖީއެމްއެޗުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރާ ބައެއް ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ރިޝްވާން "މިހާރު"އަށް ދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އައިޖީއެމްއެޗުގައި ދެމުން އައި ގިނަ ޚިދުމަތްތައް އާ އިމާރާތަށް ބަދަލުކުރުމުން، ހުސްވާ ޖާގަތަކަށް އެނދުތައް އިތުރުކުރާނެ އެވެ. ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ފަރުވާ ހޯދާ އައިޖީއެމްއެޗުގެ މިހާރުގެ ޖާގައަކީ 350 އެނދެވެ. އެކަމަކު އާ އިމާރާތުގެ ޚިދުމަތް ފެށުމުން ޖާގަ 500 އެނދަށް އިތުރުވާނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ.

އެހެންކަމުން، އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަމުން ދިމާވާ ބޮލުގެ ރިހުން، އާ ހޮސްޕިޓަލާ އެކު ފަސޭހަވުމުގެ ފުރުސަތު ބޮޑެވެ. އެނދެން ލިބެންދެން، ބަލިމީހާ އެޑްމިޓްނުކުރެވި ކިޔޫގައި ތިބެން ޖެހުމުގެ ޕްރެޝަރު ވެސް ކުޑަވާނެ އެެވެ.

ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު މަތި

އައިޖީއެމްއެޗުން ދޭ ސިއްހީ ޚިދުމަތުގެ ފެންވަރު މިނެކިރަން ރަނގަޅު މިސާލެކެވެ؛ ރަސްމީ ދަތުރުފުޅެއްގައި، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މިދިޔަ އަހަރު ރާއްޖެ ވަޑައިގަންނަވަން ނިންމެވިއިރު، އައިޖީއެމްއެޗުން ލިބެން ހުރި ޚިދުމަތްތަކުގެ ފެންވަރު މޮނިޓާކުރި އެވެ. އެކަމަށް ޚާއްސަ އެމެރިކާގެ ތަޖުރިބާކާރުންގެ ބަޔަކު ލައްވަ އެވެ. އެމަނިކުފާނަށް ސިއްހީ، ކުއްލި މައްސަަލައެއް ދިމާވެއްޖެ ނަމަ ފަރުވާ ދިނުމުގެ ގާބިލްކަން ރާއްޖޭގައި ހުރިތޯ އެވެ.

ސައޫދީ ރަސްގެފާނުގެ ފަރުވާ އަށް ޚާއްސަކޮށްގެން ރާއްޖެ އަށް ގެނައި މެޝިންތަކާއި ވަސީލަތްތައް ހިމެނޭ ގޮތަށް، އައިޖީއެމްއެޗުގެ އެކި ޑިޕާޓްމެންޓުތަކުގެ ފެންވަރު ބެލި އެވެ. އިމަޖެންސީ އާއި ކާޑިއެކް ސެންޓަރާއި އައިސީޔޫ ފަދަ ތަންތަން ބެލުމަށް ފަހު، އެ ޓީމުން، ޔަގީންކަން ދިނީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެހެންކަމުން، އެއަށް ވުރެން ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރާ ދޭތެރޭގައި ސުވާލު އުފައްދާނެ ޖާގަ އެބަ އޮތް ހެއްޔެވެ؟ ރިޝްވާން ދެއްވި ޔަގީންކަމަކީ މިއެވެ؛

އެމްއާރުއައި އަށް އެކަނި ބެލި ކަމުގައި ވިއަސް، ދަރުމަވަންތަ ހޮސްޕިޓަލަށް ގެންނަން އޯޑަރު ދީފައި ވަނީ، ހަށިގަނޑުގެ އެންމެ ހިމަ ނާރުގައިވާ ކަންކަން ދެނެގަނެވޭވަރުގެ ރިޒޮލިއުޝަން ހައި މެޝިންތަކެވެ. ހިތުގެ ބަލިތަކަށް ވެސް އެންމެ ޒަމާނީ ފަރުވާ އެވެ.

ރާއްޖޭގައި އެތައް ބަޔަކު ތަހައްމަލް ކުރަމުންދާ ކެންސަރުގެ ފަރުވާ އަށް ވެސް ކުރިއެރުމެވެ.

"އޮންކޮލޮޖީ [ކެންސަރުގެ އޮޕަރޭޝަންތައް ޚާއްސަ] ޑިޕާޓްމެންޓް އާ އިމާރަތަށް ބަދަލުވީމަ، ރޭޑިއޭޝަން ނޫން، އެހެން ހުރިހާ ޚިދުމަތެއް ދެވޭނެ. ހިތުގެ ހުރިހާ ކަމެއް ހެން ކުރެވޭނެ، އޯޕަން ހާޓް ސާޖަރީއެއް ހަދަން ވެއްޖިއްޔާ އަޅުގަނޑުމެންނަށް އެ ވަރުގެ ތިއޭޓަރެއް ހުންނާނެ. ކިޑްނީގެ ބަލިތަކަށް ބަލާއިރު، އަޅުގަނޑުމެން މި އުއްމީދުކުރަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓް ކުރަން. ކުޑަކަމުދާ ނިޒާމްގެ ފަރުވާތައް ވެސް ވަރަށް ފުޅާކޮށް އެބަ ގެންދެވޭ. އެހެންކަމުން، ވަރަށް ބޮޑު ޕަސެންޓޭޖެއް ރާއްޖެ އިން ބޭރަށް ނުފޮނުވައި، ރާއްޖޭގައި ޚިދުމަތް ދެވޭނެ،" ރިޝްވާން ވިދާޅުވި އެވެ.

އާ އިމާރާތާ އެކު އާއްމުންނަށް ލިބޭނެ އެއް ހިތްހަމަޖެހުމަކީ، ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ނުޖެހި، ރާއްޖޭގައި ތިބެގެން ފަރުވާ ފުރިހަމަ ކުރުމެވެ. ހޮސްޕިޓަލުގެ ތަރައްގީ ކުރަން އަމާޒު ހިފާފައި ވަނީ އެ މިސްރާބަށެވެ.

އެއް ލައްކައަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރި ނަމަވެސް މާލެ، ހުޅުމާލެ، ވިލިމާލޭގެ އާބާދީ އިތުރުވާ ކަމަށް ވަންޏާ 25 ބުރިއާ އެކު އެހެން އިމާރާތްތަކެއް ވެސް އަދި އަންނަން އެބަ ޖެހެ އެވެ. އެބައިތައް ދަރުމަވަންތަ ހޮސްޕިޓަލުގެ ފޭސް 2 ގައި ހިމަނާފައިވާ ކަމަށް ރިޝްވާން ވިދާޅުވި އެވެ.

"25 ބުރި ނިމުމާ އެކު ދެން ހުރި އިމާރާތްތަކުގެ މަސައްކަތް ވެސް ފަށާނެ،" ރިޝްވާން ވިދާޅުވި އެވެ.

އެގޮތުން ހަ ބުރީގެ އިމާރާތަކާއި 10 ބުރި އާއި 13 ބުރީގެ އިމާރާތްތަކެއް އަޅަން ވަނީ ޕްލޭންކޮށްފަ އެވެ.

އިތުބާރު ބޮޑުވެ، އިންގިލާބީ ބަދަލަކަށް ވާނެ

ސަރުކާރަށް ތާއީދުކުރާ މީހުންގެ ނަޒަރުގައި ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމީންގެ ތަރައްގީގެ ރަމްޒެވެ. އިދިކޮޅު މީހުންގެ ތުހުމަތަކީ އެއީ، މި ސަރުކާރުގެ ކޮރަޕްޝަންގެ ބިނާ އެވެ. މި މަޝްރޫއަށް 140 މިލިއަން ޑޮލަރު ހަރަދު ކުރާއިރު މިއީ، މިފަދަ ދެތިން އިމާރާތުގެ އަގު ކަމަށް އެ މީހުން ދެކެ އެވެ. މި ބަހުސްގައި ތާށިވެފައި ވަނިކޮށް، އާ އިމާރާތުގެ މަސައްކަތް ނިމުން ވެގެން މިދިޔައީ، ސަރުކާރުން ދެކޭ ގޮތުގައި، ސިއްހީ ދާއިރާ އަށް ގެންނާނެ އިންގިލާބީ ބަދަލަކަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދަރުމަވަންތަ ހޮސްޕިޓަލް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސަރުކާރުން ދޭ ޔަގީން ކަމަކީ މިއެވެ؛ އިމާރާތް ފުރިހަމަވުމުން މި ސަރަހައްދުން ލިބޭ ވަރުގެ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް މާލޭން ލިބިގެންދާނެ އެވެ.

ހަ ފްލޯ އިން ހަ ފްލޯ އިން ފުރިހަމަ ކުރަމުން ގޮސް އުއްމީދަކީ އަންނަ އަހަރު ކުރީކޮޅު އިމާރާތް ފުރިހަމަވުން ކަމަށް ރިޝްވާން ވިދާޅުވި އެވެ. އެހެންކަމުން، މިހާރު ބޭރުން، ވިދާ ބަބުޅާ އިމާރާތް، ސިއްހީ ޚިދުމަތުގެ ފެންވަރުގެ ގޮތުން ވިދާ މިންވަރު ވަޒަންކޮށްލަން އަދި ދުވަސްކޮޅެއް އެބަ އޮތެވެ.