Roadha Mihaaru
ޔުނައިޓެޑް ވިކްޓަރީން މާޒިޔާ ބަލިކޮށްފި

ޔުނައިޓެޑް ވިކްޓަރީން މާޒިޔާ ބަލިކޮށްފި

07 ފެބުރުއަރީ 2019

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީން 2-1 އިން މާޒިޔާ ބަލިކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީން 2-1 އިން މާޒިޔާ ބަލިކޮށްފި އެވެ.

މުބާރާތުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ވަނީ ގްރީން ސްޓްރީޓްސް އަތުން މޮޅުވެފަ އެވެ. ޔުނައިޓެޑް ވިކްޓަރީ އަކީ މި މުބާރާތުގައި އެންމެ ފަހުން ބައިވެރިވި ޓީމެވެ. އެ ޓީމު މުބާރާތުގައި ބައިވެރިވީ ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައިވުމުން އެ ޓީމުގެ ކުޅުންތެރިން ލައިގެންނެވެ. އެފްއޭއެމުން މިދިޔަ މަހު 23 ވަނަ ދުވަހު ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ.

މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭގައި މާޒިޔާ އިން ވަނީ ދެ ހަމަލާ ފޮނުވާލައިފަ އެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި އޭރިއާ ތެރެއިން މުހައްމަދު އަހަދުﷲ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން އިބްރާހިމް އިމްރާހް (އިންމި) ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އަލީ ނާޖިހު ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ފުރަތަމަ ހަމަލާ މެޗުގެ 13 ވަނަ މިނިޓްގައި ފޮނުވާލީ އެ ޓީމުގެ އަހުމަދު ސާމިއު ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 22 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން އަހުމަދު ނާހިލް ޖެހި ބޯޅަ ކީޕަރު ނާޖިހު ވަނީ ހުއްޓުވައިފަ އެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް މެޗުގެ 30 ވަަނަ މިނިޓްގައި ލީޑުނަގައިދިނީ އަހުމަދު ހާމީ އެވެ. އޭރިއާ ބޭރުން ހާމީ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު، މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑުކަމެއް ނުކުރެވުނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަަމަ ކުރަން ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ މާޒިޔާގެ ހުސެއިން ނައްވާޝް ބޮލުން ޖެހިއިރު، އެ ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މާޒިޔާ އިން ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނިޓްގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. ނާހިލް ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް އޭރިއާ ތެރެއަށް އައިއިރު އިލްމާން މޫސާ އަށް ލިބުނު ބޯޅަ ވެއްޓިގެންފައި ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ނަތީޖާ ހަަމަހަމަ ކުރަން މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ޔުނައިޓެޑް ވިކްޓަރީގެ ދެ ވަނަަ ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ކެޕްޓަން ޔޫސުފް ޖައިޝަމް އެވެ. އޭނާ ވަނީ ކީޕަރު ހުސެން ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ހަތަރު މިނިޓް ފަހުން މާޒިޔާ އަށް އަލުން މެޗުގެ ތެރެއަށް އަންނަން މުޅިން ހުސްކޮށް މުހައްމަދު ސާހިލަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އިތުރު ވަގުތުގައި މާޒިޔާގެ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔާމީން އަލީ އެވެ.

މާޒިޔާގެ ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) ބުނީ މައްސަލަ ދިމާވީ ފުރަތަމަ މެޗުން މޮޅުވުމުން ކުޅުންތެރިން މާ އިތުބާރު ބޮޑުކޮށްގެން ތިބުމުން ކަމަށާއި ފެށުން ވެސް ދިޔައީ ދަށްކޮށް ކަމަށެވެ. އެކަމަކު ބަދަލުތަކެއް ގެނެސްގެން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅު ކުރެވުނު ކަމަށާއި އުއްމީދަކީ ދެން ކުޅޭ ދެ މެޗުން މޮޅުވެގެން ސެމީ ފައިނަލުން ފުރުސަތު ހޯދުން ކަމަށް ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުއާވިޔަތު އިލްހާމް ބުނީ އެ ޓީމުގެ ފުރަތަމަ މެޗުކަމަށްވެފައި ރަނގަޅު ކުޅުމެއް ދައްކައިގެން މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށާއި ނިއު ރޭޑިއަންޓާ އެކު މި މުބާރާތުގައި ނުކުޅެވުނު ނަމަވެސް މި ކުޅުންތެރިން ބޭނުންވީ އެކުގައި މި މުބާރާތް ކުޅެން ކަމަށާއި އޭގެ ނަތީޖާ އަކީ ކުޅުންތެރިން އެއް ރޫހެއްގައި އެ ކުރި ހިތްވަރު ކަމަށެވެ.

މުބާރާތުގައި މިރޭ 20:30 ގައި ކުޅޭ މެޗުގައި ކްލަބް އޭދަފުށި ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.