Roadha Mihaaru
ފީއަލީގައި އަދިވެސް ޑެންގީ ކޮންޓްރޯލެއް ނުވޭ

ފީއަލީގައި އަދިވެސް ޑެންގީ ކޮންޓްރޯލެއް ނުވޭ

11 ފެބުރުއަރީ 2019

މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ހުން، ޑެންގީ ފެތުރުން ފ. ފީއަލީގައި އަދިވެސް ކޮންޓްރޯލް ވެފައި ނުވާ ކަމަށާއި އެ ރޯގާ އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ބޮޑުކަމަށް އެ ރަށު ސިއްހީ މަރުކަޒުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ހުން، ޑެންގީ ފެތުރުން ފ. ފީއަލީގައި އަދިވެސް ކޮންޓްރޯލް ވެފައި ނުވާ ކަމަށާއި އެ ރޯގާ އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ބޮޑުކަމަށް އެ ރަށު ސިއްހީ މަރުކަޒުން މިއަދު ބުނެފި އެވެ.

ވޭތުވެދިޔަ ހަތަރު ދުވަސްތެރޭގައި އެ ރަށުގެ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން 14 ކުއްޖަކު ވަނީ ޑެންގީ އަށް ޕޮސިޓިވް ވެފަ އެވެ. އެ ރަށުގެ 12 ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް މިދިޔަ ހޮނިހިރު ދުވަހު މާލެ ގެނެސްފައިވާއިރު އޭގެ ތެރެއިން ތިން ކުއްޖަކީ އެ މަރުކަޒުން ލަފާދީގެން މާލެ ގެނައި ކުދިންނެވެ. ބާކީ ތިބި ނުވަ ކުދިން ގެނައީ އާއިލާ އިން އަމިއްލަ އަށް ބޭނުންވެގެންނެވެ.

އެ ރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިއަދު ވިދާޅުވިގޮތުގައި އިއްޔެ ވެސް ފަރުވާ ހޯދި ދެ ކުއްޖަކު ޑެންގީ އަށް ޕޮސިޓިވް ވެފައިވެ އެވެ. މި ވަގުތު ވެސް ޑެންގީ ޖެހިފައިވާ ފަސް ކުއްޖަކު އެ ރަށުގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓޭބަލް ކޭސްތައް ހުރީ. އެކަމަކު ޑެންގީ ފެތުރުން ކޮންޓްރޯލްއެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ،" ފީއަލީ ސިއްހީ މަރުކަޒުގެ އޮފިޝަލް ވިދާޅުވި އެވެ.

ޑެންގީ ފެތުރުން ކޮންޓްރޯލް ކުރުމަށް، އެ ރަށު ސްކޫލު ވެސް މި ހަފްތާ ވަނީ ބަންދުކޮށްފަ އެވެ. ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ އެ ސްކޫލުގައި 275 އަންނަނީ ތައުލީމު ހާސިލު ކުރަމުންނެވެ.

ފީއަލީ ސިއްހީ މަރުކަޒުން ދެމުން އަންނަ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލުން އިތުރުން ޑޮކްޓަރަކާއި ނަރުހެއް މިހާރު އެ ރަށަށް ވަނީ ފޮނުވައިފަ އެވެ.

އޭގެ އިތުރުން މަދިރި ނައްތާލުމަށް އެ ރަށުގައި ފޮގް ކުރުމާއި ބޭސް ޖެހުން ފަދަ ކަންކަން މިހާރު ކޮންމެ ދުވަހަކު ވެސް ކުރެ އެވެ.