Roadha Mihaaru
މިނިވަންވެ، އިންސާފު ވެސް ކަށަވަރުވީތަ؟

މިނިވަންވެ، އިންސާފު ވެސް ކަށަވަރުވީތަ؟

12 ފެބުރުއަރީ 2019

ރިޔާސީ އިންތިޚާބުގެ ކުރިން އެންމެ ބޮޑު އެއް މައްސަލައަކަށް ވީ މިނިވަން މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާނުކުރުމެވެ. ގާނޫނުއަސާސީން ބޮޑެތި ބާރުތަކާއި އިޚްތިޔާރު ދީފައިވާ މުއައްސަސާތަކުގެ ބޭނުމަކީ ސަރުކާރު ދިފާއު ކުރުމެއް ނޫނެވެ. ނުފޫޒުން އެއްކިބާވެ ތިބެ ސަރުކާރަށް ފާރަވެރިވެ، ރައްޔިތުންގެ ހައްގުގައި ގާނޫނުތައް ނެގެހެއްޓުމެވެ. އެކަމަކު ވޭތުވެދިޔަ ފަސް އަހަރު ފެނުނީ އޭގެ އިދިކޮޅެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބުގެ ކުރިން އެންމެ ބޮޑު އެއް މައްސަލައަކަށް ވީ މިނިވަން މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާނުކުރުމެވެ. ގާނޫނުއަސާސީން ބޮޑެތި ބާރުތަކާއި އިޚްތިޔާރު ދީފައިވާ މުއައްސަސާތަކުގެ ބޭނުމަކީ ސަރުކާރު ދިފާއު ކުރުމެއް ނޫނެވެ. ނުފޫޒުން އެއްކިބާވެ ތިބެ ސަރުކާރަށް ފާރަވެރިވެ، ރައްޔިތުންގެ ހައްގުގައި ގާނޫނުތައް ނެގެހެއްޓުމެވެ. އެކަމަކު ވޭތުވެދިޔަ ފަސް އަހަރު ފެނުނީ އޭގެ އިދިކޮޅެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިން ވެސް ބައެއް މުއައްސަސާތައް އިސްލާހުކުރަން އޭރުގެ އިދިކޮޅު އަދި މިހާރު ވެރިކަން ކުރާ ކޯލިޝަންގެ އިސް ބޭފުޅުން އެޖެންޑާއެއް ގެންގުޅުއްވީ އެ ސަބަބާ ހެދި އެވެ. ބައެއް މުއައްސަސާތަކަށް އިސްލާހުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ބާރުއަޅަން، ބޭރުގެ ފިއްތުންތައް ވެސް ކުރިމަތިކުރުވި އެވެ. އޭގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން ވެސް ހިމެނެ އެވެ.

އެ ބޭފުޅުން އޭރު ވިދާޅުވަމުން ގެންދެވީ ގާނޫނީ ޒިންމާ އަދާކުރަން ނުކުޅެދޭ ބަޔަކު ރައްޔިތުންގެ ފައިސާ އިން މުސާރަ ނަންގަވައިގެން، މުއައްސަސާތަކުގައި ތިބެގެން ނުވާނެ ކަމަށެވެ. އެންމެ ބޮޑު އެއް ގޯހަކީ، މިނިވަން މުއައްސަސާތަކުން ޒިންމާ އަދާނުކުރުން ކަން ވެސް ރައްޔިތުންނަށް ވިސްނައި ދިނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ވީ އެންމެ ބޮޑު އެއް ވައުދަކީ ވެރިކަމުގެ ނިޒާމުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ، މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމެވެ. މުއައްސަސާތަކުގެ އިހުމާލުން، ރައްޔިތުންނަށް ލިބުނު އަނިޔާ އާއި ނާއިންސާފަށް، އިންސާފު ހޯދައިދިނުމެވެ.

އެކަމަކު ވެރިކަން ބަދަލުވުމަށް ފަހު، މި ވައުދު އޮތް ގޮތަށް އަދި އޮތީ އެވެ؛ މިހާރު ފެންނަނީ، ވޭތުވެދިޔަ ފަސް އަހަރު ރައްޔިތުން އުއްމީދުކުރި އެކަމަކު ހަގީގަތަކަށް ނުވި މަންޒަރުތަކެވެ.

ކޯލިޝަން ސަރުކާރުގެ ހަތަރު ލީޑަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ކޯލިޝަން ސަރުކާރަކަށް ރައްޔިތުން ވޯޓުދިނީ، އިސްލާހީ ބަދަލަށް އުއްމީދުތަކަކާ އެކު.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކޯލިޝަން ސަރުކާރުގެ ހަތަރު ލީޑަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ކޯލިޝަން ސަރުކާރަކަށް ރައްޔިތުން ވޯޓުދިނީ، އިސްލާހީ ބަދަލަށް އުއްމީދުތަކަކާ އެކު.---ފޮޓޯ: ނިޝާން އަލީ/މިހާރު

މުއައްސަސާތައް ގާނޫނީ އިމަށް!

ވެރިކަން ބަދަލުވުމާ އެކު އެންމެ ބުރަކޮށް އުޅުއްވަނީ ޕްރޮސިކިއުޓަ ޖެނެރަލް އެވެ. ސިޔާސީ ކަންކަމާ ގުޅުވައި އެކި މީހުންނަށް އުފުލި ޓެރަރިޒަމްގެ ދައުވާތައް އަނބުރާ ގެންނަވައިފި އެވެ. އެއާއެކު، އެ ދައުވާތަކުގެ ސަބަބުން ޖަލު ބަންދާއި ނުހައްގު އަނިޔާ ލިބުނު އެތައް ބަޔަކު ސަލާމަތް ވީ އެވެ. މާނައަކީ، އެ ދައުވާ އުފުލީ ގޯސްކޮށް ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އަމިއްލަ އަށް އިއުތިރާފްވެވަޑައިގަތުން ނޫން ހެއްޔެވެ؟

ނުފޫޒުން އެއްކިބާވެ ގާނޫނީ ޒިންމާ އަދާކުރަން ނުކުޅެދުނު ކަމަށް ސާބިތުކުރަން މިއަށް ވުރެ ބޮޑު ހެއްކެއް އޮންނާނެ ހެއްޔެވެ؟

ބިޝާމް މަގާމުން ދުރުކުރަން މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ދެ ފަހަރަށް ހުށަހެޅި އެވެ. އެކަން ހިނގައި ނުގަނެ، ލަސްވާ ސަބަބާ ގުޅިފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ލީޑަރުންތަކެއްގެ މަސްލަހަތެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން އިސްލާހު ގެންނަން ވެފައި އޮތް އެއް މުއައްސަސާ ކަމަށް ދައުވާކުރީ އިލެކްޝަންސް ކޮމިޝަން (އީސީ) އެވެ. އެކަމަކު ރިޔާސީ އިންތިޚާބުގެ ނަތީޖާ މިހާރުގެ ސަރުކާރު ކޮޅަށް ކާމިޔާބުވެ ކޮމިޝަން "މިނިވަންވި" ކަމުގެ ޓެގު އަޅުވައިފި އެވެ. އޭރު ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ކޮންޓްރޯލްކުރި އީސީއާ މެދު ޝައްކު ކުރާނެ ޖާގައެއް ކޯލިޝަން ލީޑަރުންނަކަށް މިހާރު ފެނިވަޑައެއް ނުގަނެ އެވެ. އިދިކޮޅުގައި މިހާރު ހުންނެވި ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ކުރެއްވި މަސައްކަތަށް ހުރަސްއަޅާ ކަމަށް އީސީ އަށް ކުރި ތުހުމަތުތަކަކީ މި ސަރުކާރަށް ކޮމިޝަނާ މެދު މާ ބޮޑަށް ވެސް އިތުބާރު ކުރެވޭ ސަބަބަކަށް ވުން އެކަށީގެންވެ އެވެ.

ކުރީގެ ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީ ޕީއެންސީ އުފެއްދުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތުގައި އީސީގެ މެމްބަރުން: އެ ކޮމިޝަން މިނިވަންކަން ގެއްލިފައިވާ އެންމެ ބޮޑަށް ތުހުމަތު ކުރީ މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން.

ކުރީގެ ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީ ޕީއެންސީ އުފެއްދުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތުގައި އީސީގެ މެމްބަރުން: އެ ކޮމިޝަން މިނިވަންކަން ގެއްލިފައިވާ އެންމެ ބޮޑަށް ތުހުމަތު ކުރީ މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން.

ކޯލިޝަންގެ ބައެއް ލީޑަރުންގެ ވާހަކަފުޅުން އެނގޭ ގޮތުގައި، އީސީ މެމްބަރުންނަކީ މިހާރު ދެ ފުށް ފެންނަ، އިތުބާރު ހިފޭ ބޭފުޅުންނެވެ.

ޔާމީން ވެރިކަމުގައި ހުންނެވިއިރު، އެމަނިކުފާނުގެ ސަރުކާރުގައި ހިންގި އެއްވެސް ކޮރަޕްޝަނެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކަށް ނުފެނުނެވެ. އެކަމަކު، އިންތިޚާބު ނާކާމިޔާބުވުމާ އެކު އެމަނިކުފާނު، ކޮރަޕްޝަނާ އެކު މަނީލޯންޑެރިން ހިންގެވި ކަމަށް ސާބިތުކުރަން ދައްކާނެ ގިނަ ހެކިތަކެއް ކޮމިޝަނަށް ހޯދިއްޖެ އެވެ. އެއާ އެކު، ޔާމީންގެ ސަރުކާރުގައި ނުފޫޒު ގަދަ ބޭފުޅުން ހިންގެވި މަޝްރޫއުތަކުން ވެސް އޭސީސީ އަށް ކޮރަޕްޝަން ފެންނަން ފަށައިފި އެވެ.

އިންސާނީ ހައްގުތައް ނިގުޅައިގަތް އިރު، އަޅާނުލައި ތިބި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިހާރު އަދާކުރަން ޖެހިފައި އޮތީ ވޭތުވެދިޔަ ފަސް އަހަރުގެ ޒިންމާ އެވެ. އެ ކޮމިޝަނަށް ހުށަހަޅައިގެން ހައްލެއް ނުލިބި މީހުން މާޔޫސްވި މައްސަލަތަކުގެ ފައިލްތައް އަލުން ހުޅުވީ އެވެ. ބައެއް މީހުންނަށް ހައްގު ހޯދައި ދިނުމުގައި، މުއައްސަސާތަކާ ދެކޮޅަށް ދައުވާ ވެސް އުފުލަނީ އެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނަށް ވެސް ގާނޫނުގައި އެ ކޮމިޝަނަށް ހަވާލުކޮށްފައިވާ ޒިންމާ، ފަސް އަހަރު ފަހުން، މިހާރު ސާފުވެއްޖެ އެވެ.

އެ ބަދަލުތަކާ އެކު، ކުރިން ހިނގާފައިވާ ގޯސް ކަންކަމަށް ފިޔަވަޅު ނާޅައި ދޫކޮށްލާނީ ހެއްޔެވެ؟ މުއައްސަސާތަކުގެ އިހުމާލުން ރައްޔިތުން ތަހައްމަލް ކުރަން ޖެހުނު ނާއިންސާފުގެ މަތިން ވެސް ހަނދާން ނައްތާލަން ވީ ހެއްޔެވެ؟

ވެރިކަން ބަދަލުކުރި ސަބަބެއް

މުއައްސަސާތަކުގައި އަދިވެސް ތިބީ، އޭރު ގާނޫނާ ޚިލާފު އަމަލުތައް ހިންގެވި ކަމަށް ތުހުމަތު ކުރެވުނު ބޭފުޅުންނެވެ. ތަފާތަކީ، ކުރީގެ ގޯސްތައް ރަނގަޅު ކުރަން މަސައްކަތް ކުރުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅުގައި، މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން އެކަނި ބަދަލުކޮށްގެން ނުފުދެ އެވެ. މުއައްސަސާތައް އިސްލާހު ވާނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ހިންގުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ.

"މިސާލަކަށް، ޖުޑީޝަލް ސާވިސް ކޮމިޝަން ކަމަށް ވިއަސް އޭސީސީ ކަމަށް ވިއަސް އެބަ ޖެހޭ ލިބެން ޖެހޭ ބާރުތަކަކާއި ގާނޫނީ ގޮތުން އެކުލެވިފައި އޮތް ގޮތަށް ވެސް ބަދަލުތަކެއް ގެންނަން. އެ އެޖެންޑާގައި ހުރި މަސައްކަތްތައް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރައްވަމުން އެބަ ގެންދަވާ،" މިދިޔަ މަހުގެ ފަހުކޮޅު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުން ދޭހަވާ ގޮތުގައި، އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން މިނިވަން މުއައްސަސާތައް އިސްލާހު ކުރުމުގެ މަސައްކަތް ފެށިދާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ، އެންމެ ރަނގަޅު އެއް ގޮތަކީ، މިއޮތް މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޖާގަ ދެއްވުން ކަމަށް ވިދާޅުވުމުންނެވެ.

އެކަމަކު މަޖިލީސް އިންތިޚާބު ވެސް ބާއްވަނީ، އެމަނިކުފާނު ވެސް ހިމެނިވަޑައިގެންނެވި ގޮތަށް އިދިކޮޅު ލީޑަރުން އެންމެ ބޮޑަށް ފާޑުވިދާޅުވި އިލެކްޝަންސް ކޮމިޝަނުންނެވެ.

މިއީ ރައްޔިތުން އުއްމީދުކުރި ގޮތެއް ނޫނެވެ.

މިނިވަން މުއައްސަސާތަކުން ޒިންމާ އަށް އިހުމާލުވުމުގެ ނަތީޖާއަކަށް ވީ މުޅި ނިޒާމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބުމެވެ. ރައްޔިތުންގެ ކުރިމަތީގައި މުއައްސަސާތަކުގެ ގަދަރު ގެއްލުމެވެ. އެހެންކަމުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް އިހުމާލުވި އެންމެން ޖަވާބުދާރީ ކުރުވަން ޖެހެ އެވެ. މުޅި ނިޒާމް ރަނގަޅު ކުރެވޭނީ ފިޔަވަޅު އަޅައިގެންނެވެ. އެކަން ކުރެވެން އޮތީ ބައެއް ބޭފުޅުން މަގާމުން ވަކިކޮށްގެން ކަމަށް ވާ ނަމަ ރައްޔިތުންގެ މަޖިލީހުން އިންސާފުވެރިކަމާ އެކު އެކަން ވެސް ކުރަން ޖެހެ އެވެ.

އެ ބަދަލަށް މަސައްކަތް ފަށަން މަޖިލީސް އިންތިޚާބުގައި ސަރުކާރަށް ސިޔާސީ ބާރުވެރިކަން ލިބޭ ގޮތެއް ބަލަން މަޑުކުރުމަކީ، އިސްލާހަސް ވޯޓު ދިން ރައްޔިތުންގެ އުއްމީދަށް ހުރަސް އެޅުމެވެ. އެހެންކަމުން މުއައްސަސާތައް މިނިވަން ކުރުން ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާ ތެރޭގައި ނުހިމެނެންވީ ސަބަބެއް ނެތެވެ.

އެންމެ މުހިއްމީ ރައްޔިތުންގެ އިތުރުބާރު މުއައްސަސާތަކަށް ދެމިއޮތުމެވެ. ބޭނުން ވަނީ ނުފޫޒަށް ނުގުޑާ އިޚްލާސްތެރިން މުއައްސަސާތަކުގައި ތިއްބެވި ކަމުގެ ކަށަވަރު ކަމެވެ.