Roadha Mihaaru
ފޮކްސްގެ ޕްރެޒެންޓަރަކު އަތް ނުދޮވެ އުޅޭތާ 10 އަހަރު

އަތް ނުދޮންނަތާ 10 އަހަރުވެއްޖެ ކަމަށް ފޮކްސް ނިއުސްގެ ޕްރެޒެންޓަރަކު ބުނެފި

12 ފެބުރުއަރީ 2019

އެމެރިކާގެ ފޮކްސް ނިއުސްގެ ޕްރެޒެންޓަރެއް ކަމަށްވާ ޕީޓް ހެގްސެތު އަތް ނުދޮވެ އުޅޭތާ 10 އަހަރު ވެއްޖެ ކަމަށް، ލައިވް ޝޯއެއްގެ ތެރޭގައި ބުނެފި އެވެ.

އެމެރިކާގެ ފޮކްސް ނިއުސްގެ ޕްރެޒެންޓަރެއް ކަމަށްވާ ޕީޓް ހެގްސެތު އަތް ނުދޮވެ އުޅޭތާ 10 އަހަރު ވެއްޖެ ކަމަށް، ލައިވް ޝޯއެއްގެ ތެރޭގައި ބުނެފި އެވެ.

ހެގްސެތު އަތް ނުދޮންނަ ކަމަށް ބުނުމަށް ވުރެ އާންމުންގެ ފާޑުކިޔުން އަމާޒުވީ ޖަރާސީމަކީ އުޅޭ އެއްޗެއް ނޫން ކަމަށާއި މިފަދަ މައިކްރޮއޮގަނައިޒަމް އަކީ ލޮލަށް ނުފެންނަ އެއްޗަކަށް ވާތީ އޭގެ ސަބަބުން ބަލިތައް ވެސް ނުޖެހޭނެ ކަމަށް ބުނުމުންނެވެ.

"މިއީ އަހަރެން އަމިއްލަ އަށް އަހަންނަށް ދޭ ވެކްސިނެއް،" ހާވަޑް އަދި ޕްރިންސެޓަން ޔުނިވަސިޓީގެ ގްރެޖުއޭޓެއް ކަމަށްވާ ހެގްސެތު ބުންޏެވެ.

ހެގްސެތު މިހެން ބުނީ މީހުން ކައި ބާކީ ހުރި ޕިއްޒާތަކެއް ކައިގެން ހެގްސެތު ހުރި ކަމަށް ބުނެ، ޝޯގައި ތިބި އަނެއް ދެ ޕްރެޒެންޓަރުން ހެގްސެތަށް ޖޯކު ޖެހުމުންނެވެ.

"އަހަރެންގެ 2019 ވަނަ އަހަރުގެ ރިޒޮލިއުޝަނަކީ އޯފް އެއާގައި ދައްކާ ވާހަކަ އޮން އެއާގައި ވެސް ދެއްކުން،" އަތް ނުދޮންނަ ވާހަކަ ދައްކަމުން ހެގްސެތު ބުންޏެވެ.

މި ވާހަކަތަކަށް ސޯޝަލް މީޑިއާގައި އެއްބަޔަކު ހެގްސެތަށް މަލާމާތްކުރި އިރު އަނެއް ބަޔަކު ތާއީދު ވެސް ކޮށްފައިވެ އެވެ. ތާއީދުކުރި މީހުން ބުނެފައިވަނީ އެ މީހުން ވެސް އަތް ނުދޮންނަ ކަމަށާއި އެކަމަކު ސިއްހީ މާހިރުން އެ ބުނާ ގޮތަށް ބަލި ނުވާ ކަމަށެވެ. އެކަމަކު އަނެއް ބަޔަކު އަންނަނީ މި ވާހަކަޔާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނާއި ސިއްހީ އެކި އިދާރާތަކުން ލަފާ ދެނީ ގިނަގިނައިން އަތް ދޮވުމަށެވެ. އެއީ ވަރަށް ގިނަ ބަލިތަކުން ސަލާމަތްވެވޭނެ ފަސޭހަ ގޮތެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.