Roadha Mihaaru
މިކަން ކޮޕީ ނުކުރާތި: މިއީ ސައިބޯނި މީރު މީހެއް

މިކަން ކޮޕީ ނުކުރާތި: މިއީ ސައިބޯނި މީރު މީހެއް

22 ފެބުރުއަރީ 2019

އިންސްޓަގްރާމްގައި މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން އުޅެނީ ސައިބޯނި މާ މީރުވެގެން އުޅޭ އަންހެނަކަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސްޓަގްރާމްގައި މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން އުޅެނީ ސައިބޯނި މާ މީރުވެގެން އުޅޭ އަންހެނަކަށެވެ.

އިންޑޮނީޝިއާގެ ޖާވާ ޕްރޮވިންސްގައި ދިރިއުޅޭ ހޯސިކް އަސީފާ، 21، އަންނަނީ އެކި ކަހަލަ ސައިބޯނިތަކުގެ ރަހަ ބަލައި، އެ އެއްޗެހީގެ ރަހަ އިންސްޓަގްރާމްގައި "ރިވިއު" ކުރަމުންނެވެ.

އޭނާ ބުނި ގޮތުގައި ސައިބޯނި ކާން ފެށީ މީގެ ދެ އަހަރު ކުރިންނެވެ. އޭރު އަލަތު ދަރިފުޅަށް ބަލިވެ އިނުމާ އެކު، ކާ ހިތްވީ ސައިބޯންޏެވެ. އެހެންވެ އޭރުން ފެށިގެން އޭނާ އަންނަނީ ސައިބޯނި ކަމުންނެވެ.

"ފެންވަރަން އެއް ދުވަހަކު ހުރެފައި ސައިބޯނީގެ ރަހަ ބެލި އިރު، ވަރަށް މީރު މޭވާ ރަހައެއް ލީ. އެ ހިސާބުން ހަގީގަތުގައި ސައިބޯނި ކާން ހިތްޖެހުނީ،" އިންޑޮނީޝިއާގެ ނޫހަކަށް ދިން އިންޓަވިއުއްގައި އަސީފާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސައިބޯނި ކޭ ނަމަވެސް އެކަން ކުރާކަން މިހާތަނަކަށް ފިރިމީހާއަކަށް ނޭނގެ އެވެ. އޭނާ އަށް އެކަން އެނގުނީ އިންސްޓަގްރާމަށް ފޮޓޯތަކާއި ވީޑިއޯތައް ލާން ފެށުމުންނެވެ.

އިންސްޓަގްރާމްގައި، ސައިބޯނި ކާ ފޮޓޯތަކާއި ވީޑިއޯ އަސީފާ ހިއްސާ ކުރަން ފެށީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މި އާދަޔާހިލާފު އާދައާ އެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، އޭނާ ފޮލޯކުރާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

އަސީފާ ބުނި ގޮތުގައި ސައިބޯނި ކޭ ނަމަވެސް މިހާތަނަކަށް ސިއްހީ އެއްވެސް މައްސަލައެއް ވެސް ކުރިމަތިވެފައެއް ނެތެވެ.

"މާބަނޑު އިރު އަހަރެން ސައިބޯނި ކޭ ނަމަވެސް ދަރިފުޅަށް ވެސް ނެތް އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނެތް،" އަސީފާ ބުންޏެވެ. "އަދި އަހަންނަކަށް އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ކުރިމައްޗެއް ނުވޭ."

އެކަމަކު ނަމަނަމަ މިކަހަލަ ކަމެއް ނުކުރައްޗެވެ. މިއީ ރައްކާތެރި ކަމަކަށް ނުވެދާނެ އެވެ.