Roadha Mihaaru
ކާޑުގެ އަގު ހެޔޮވުން: ރަށްރަށު މީހުންނަށް ލުޔެއް

ކާޑުގެ އަގު ހެޔޮވުން: ރަށްރަށުގައި ދިރިއުޅޭ މީހުންގެ ޖީބަށް ލުޔެއް

12 ފެބުރުއަރީ 2019

ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މާލެއެކޭ އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބޭނެ ގޮތް ހަމަޖައްސަން ސަރުކާރުން ނިންމުމަކީ، ރަށްރަށުގެ މީހުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމެއް ކަމަށް، ވިޔަފާރިވެރިންނާއި އާންމުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މާލެއެކޭ އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބޭނެ ގޮތް ހަމަޖައްސަން ސަރުކާރުން ނިންމުމަކީ، ރަށްރަށުގެ މީހުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމެއް ކަމަށް، ވިޔަފާރިވެރިންނާއި އާންމުން މިއަދު ބުނެފި އެވެ.

ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކޮށް ވިއްކާ އެސްޓީއޯ އިން ނިންމާފައި ވަނީ އެޕްރީލް 1 އިން ފެށިގެން ރަށްރަށަށް ގެންދާ ކާޑުގެ ބާވަތްތަކަށް އެ ކުންފުނިން ނާލު ދޭ ގޮތަށެވެ. އޭރުން މާލެއެކޭ އެއް އަގެއްގައި ރަށްރަށުން ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ އެވެ.

ކުރިންސުރެ ސަރުކާރުން ހަމަޖައްސާފައި އޮންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެންދާ ކާޑުގެ ބާވަތްތަކަށް ނާލުގެ ގޮތުގައި ވަކި ވަރެއް، ވިޔަފާރިވެރިންނަށް ނެގޭ ގޮތަށެވެ. އެހެންކަމުން މާލެއާ ދުރު އަތޮޅުތަކުގެ ރަށްރަށުގައި ކާޑު ވިއްކާ އަގު މާލެއާ ކައިރި ސަރަހައްދަށް ބޮޑުވެ އެވެ.

ތިން ސަރަހައްދެއްގައި މިހާރު ކާޑު ލިބޭ އަގުތައް

ހދ.ކުޅުދުއްފުށި:

ހަނޑޫ ބަސްތާއެއް: 275 ރުފިޔާ، ހަނޑޫ ކިލޯއެއް: 5.50 ރުފިޔާ

ފުށް ބަސްތާއެއް: 225 ރުފިޔާ، ފުށް ކިލޯއެއް: 4.50 ރުފިޔާ

ހަކުރު ބަސްތާއެއް: 275 ރުފިޔާ، ހަނޑޫ ކިލޯއެއް: 5.50 ރުފިޔާ

މ.ކޮޅުފުށި:

ހަނޑޫ ބަސްތާއެއް: 290 ރުފިޔާ، ހަނޑޫ ކިލޯއެއް: 5.8 ރުފިޔާ

ފުށް ބަސްތާއެއް: 240 ރުފިޔާ، ފުށް ކިލޯއެއް: 4.85 ރުފިޔާ

ހަކުރު ބަސްތާއެއް: 250 ރުފިޔާ، ހަކުރު ކިލޯއެއް: 5 ރުފިޔާ

އައްޑޫ ސިޓީ:

ހަނޑޫ ބަސްތާއެއް: 325 ރުފިޔާ، ހަނޑޫ ކިލޯއެއް: 6.50 ރުފިޔާ

ފުށް ބަސްތާއެއް: 250 ރުފިޔާ، ފުށް ކިލޯއެއް: 5 ރުފިޔާ

ހަކުރު ބަސްތާއެއް: 325 ރުފިޔާ، ހަކުރު ކިލޯއެއް: 650 ރުފިޔާ

އެސްޓީއޯ އިން ވިއްކާ ކާޑުގެ އަގު

ހަނޑޫ ބަސްތާއެއް: 240 ރުފިޔާ، ހަނޑޫ ކިލޯއެއް: 4.8 ރުފިޔާ.

ފުށް ބަސްތާއެއް: 190 ރުފިޔާ، ފުށް ކިލޯއެއް: 3.8 ރުފިޔާ.

ހަކުރު ބަސްތާއެއް: 241 ރުފިޔާ، ހަކުރު ކިލޯއެއް: 4.82 ރުފިޔާ.

އެސްޓީއޯ ކާޑު ގުދަނަކުން މީހަކު ފުއް ބަސްތާތަކެއް ގެންދަނީ: ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކާޑުގެ އަގު އެއްހަމަޔަކަށް ގެންނަން އެސްޓީއޯ އިން ވަނީ ނިންމާފައި --ފޮޓޯ:މިހާރު

އެސްޓީއޯ ކާޑު ގުދަނަކުން މީހަކު ފުއް ބަސްތާތަކެއް ގެންދަނީ: ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކާޑުގެ އަގު އެއްހަމަޔަކަށް ގެންނަން އެސްޓީއޯ އިން ވަނީ ނިންމާފައި --ފޮޓޯ:މިހާރު

މިހާރު އޮންނަ ގޮތުން އެސްޓީއޯ ކާޑު ގުދަނުން ބޯޓަށް ގެންދަަން ބަސްތާއަކަށް 10ރ. ދައްކަން ޖެހެ އެވެ. އަދި ބޯޓު ނާލަށް 30ރ. ދައްކަން ޖެހޭ އިރު ރަށު މަޖޫރީންނަށް ފަސް ރުފިޔާ ދައްކަން ޖެހެ އެވެ. ފައިދާއަށް 10ރ. ލާފައި ވިއްކާ އިރު އެކި ސަރަހައްދުތަކުގައި އަގުތަކަށް ބަދަލު އާދެ އެވެ. އަދި އެއް ރަށެއްގެ އެއް ފިހާރައިން ވިއްކާ އަގާއި އަނެއް ފިހާރައިން ވިއްކާ އަގު ވެސް ތަފާތު ވެގެންދެ އެވެ.

މ. ކޮޅުފުށީގެ ވިޔަފާރިވެރިޔަކު ބުނީ އެކި ވިޔަފާރިވެރިން ކާޑުގެ ބާވަތްތައް ވިއްކަނީ އެކި އަގުތަކުގައި ކަމަށެވެ. އުސޫލެއްގެ ގޮތުން މާލެއިން ލިބެން ހުންނަ އަގަށް ވުރެ 55ރ. ބޮޑުވާ އިރު ބައެއް ފިހާރަތަކުން 70ރ. އަށް ވެސް ބޮޑުކުރާ ކަމަށް އޭނާ ބުންޏެވެ.

އެސްޓީއޯ އިން ނިންމާފައިވާ ބަދަލާ އެކު މިހާރު އަތޮޅުތަކުން ކާޑުގެ ބާވަތްތައް ލިބެން ހުންނަ އަގުތައް ވަރަށް ބޮޑަށް ހެޔޮވާނެ އެވެ. އޭގެ ސަބަބުން ކެއިންބުއިމަށް ރަށްރަށުގެ މީހުން ކުރާ ހޭދަ ކުޑަވާނެ އެވެ.

ރާއްޖެ އުފެދިފައިވާ ގޮތުން ދަތުރުފަތުރުގެ ހަރަދު ބޮޑުވުމާ އެކު މާލެއަށް ވުރެ ހުރިހާ އެއްޗެއްގެ އަގު ވެސް ރަށްރަށުގައި ބޮޑުވެ އެވެ.

އެސްޓީއޯގެ ކާޑު ގުދަން: އެޕްރީލް 1 އިން ފެށިގެން ކާޑުގެ ބާވަތްތައް ވިއްކަން ބޮޑު ބަދަލެއް އަންނާނެ --ފޮޓޯ:މިހާރު

އެސްޓީއޯގެ ކާޑު ގުދަން: އެޕްރީލް 1 އިން ފެށިގެން ކާޑުގެ ބާވަތްތައް ވިއްކަން ބޮޑު ބަދަލެއް އަންނާނެ --ފޮޓޯ:މިހާރު

މެދު ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ މީހަކު ބުނީ ކާޑުގެ ބާވަތްތައް އާންމުކޮށް ގަންނަނީ ބަސްތާ އިން ކަމަށް ވާތީ އާ ބަދަލާ އެކު ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. ވަކިން ކާޑުގެ ބާވަތްތައް ގަންނަ މީހުންނަށް ވެސް އަގުތައް އެއްހަމަ ކުރުމުން މާލީ ގޮތުން ފަސޭހަތަކެއް ވާނެ އެވެ.

އާ ބަދަލަށް އަމަލްކުރުމުގެ ގޮތުން ކާޑުގެ ބާވަތްތައް ވިއްކަން ކޮންމެ ރަށެއްގައި ވެސް އެސްޓީއޯ އިން އެޖެންޓުން ހަމަޖައްސާނެ އެވެ. މިހާރު ވަނީ އޭޖެންޓުން ހޯދަން އިއުލާން ވެސް ކޮށްފަ އެވެ. އޭޖެންޓެއްގެ ގޮތުގައި ބަލައި ގަންނާނީ ކުންފުނިތަކާއި، ވިޔަފާރިކުރަން ހުއްދަލިބިފައިވާ އާންމު ފަރާތްތަކާއި، އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތްތައް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ އިން ހަމަޖައްސާ އޭޖެންޓުން ފިޔަވާ އިތުރު ބަޔަކަށް އެއްވެސް ރަށެއްގައި ކަޑެއް ނުވިއްކޭނެ އެވެ. އެހެންކަމުން މިހާރަށް ވުރެ ފަސޭހައިން ކާޑުގެ ބާވަތްތަކުގެ އަގުތައް މޮނީޓާކުރަން ވެސް ފަސޭހަވާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.