Roadha Mihaaru
ޒަރޫރީ ކާބޯތަކެތީގެ ކޯޓާ އިންޑިއާ އިން އާކޮށްދީފި

ޒަރޫރީ ކާބޯތަކެތީގެ ކޯޓާ އިންޑިއާ އިން އާކޮށްދީފި

13 އޯގަސްޓް 2020

ރާއްޖެ އަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އާކޮށްދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އާކޮށްދީފި އެވެ.

މިކަން އަންގަވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގަ އެވެ.

ކާބޯތަކެތީގެ ޒަރޫރީ ހަތް ބާވަތެއްގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާ އަށް ބޭނުންވާ ހިލަ އާއި ހިލަވެލި އިންޑިއާ އިން އެތެރެކުރުމަށް ދީފައިވާ ކޯޓާ ވެސް ވަނީ އާ ކޮށްދީފަ އެވެ.

ކޯޓާ އާކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ހަނޑުލާއި ހަކުރާއި ފުށާއި ފިޔާ އާއި ބިހާއި އަލުވީގެ އިތުރުން މުގު ހިމެނެ އެވެ.

މިއަދުގެ ބައްދަލުވުމުގައި ޝާހިދު ވަނީ، ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތް ނަމަވެސް، ހާއްސަ އުސޫލެއްގެ ދަށުން، މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފައި ވާތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޑރ. ޖައިޝަންކަރު ވިދާޅުވީ މިދިޔަ އަހަރަށް ވުރެ އިތުރަށް މި އަހަރު ކޯޓާ ދޫކޮށްފައިވާނެ ކަމަށާއި، މިކަމުގެ ސަބަބުން ކޮވިޑް-19 ގެ މިހާލަތުގައި ރާއްޖެ އަށް ޒަރޫރީ ބާވަތްތައް އެތެރެކުރުމުގެ އިތުރު ޔަގީން ކަމެއް ލިބޭނެ ކަމަށެވެ.

މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން 2018 ވަނަ އަހަރުގެ ކުރީކޮޅު އިންޑިއާ އިން ވަނީ ކާޑުގެ ބާވަތްތަކާއި ފިޔާ އާއި އަލުއްވާއި ބިހުގެ ކޯޓާ ކުޑަކޮށްފަ އެވެ. ނަމަވެސް މި ސަރުކާރާ އެކު އިންޑިއާގެ ގުޅުން ރަނގަޅުވެ ކޯޓާ ވަނީ އިތުރުކޮށްދީފަ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި 1981 ވަނަ އަހަރު ސޮއިކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކާ ބެހޭ އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުން ފެށިގެން އިންޑިއާ އިން ކޯޓާ ކަނޑައަޅަނީ ރާއްޖެ އިން ބޭނުންވެގެން ހުށަހަޅާ މިންވަރަކަށް ބެލުމަށް ފަހު އެވެ. މިހާރު އެއްބަސްވެފައިވާ ގޮތުން ރާއްޖެއިން ބޭނުންވާ މިންވަރަށް އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެތި އިންޑިޔާއިން ލިބޭނެ އެވެ.