Roadha Mihaaru
މިއީ ތައުލީމީ ޒުވާނުން ބިނާކުރުމުގެ އާ ޖީލެއްގެ ފެށުން

މިއީ ތައުލީމީ ޒުވާނުން ބިނާކުރުމުގެ އާ ޖީލެއްގެ ފެށުން، ތަކުލީފު ކުޑަކޮށްދޭނަން: ރައީސް

14 ފެބުރުއަރީ 2019

ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމަކީ ތައުލީމީ ޒުވާނުން ބިނާކުރުމުގެ އާ ޖީލެއްގެ ފެށުމެއް ކަމަށާއި ތަކުލީފެއް އުފުލަން ނުޖެހި ރާއްޖޭގައި މަތީ ތައުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމަކީ ތައުލީމީ ޒުވާނުން ބިނާކުރުމުގެ އާ ޖީލެއްގެ ފެށުމެއް ކަމަށާއި ތަކުލީފެއް އުފުލަން ނުޖެހި ރާއްޖޭގައި މަތީ ތައުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ އަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދިނީ ތަރައްގީގެ އެންމެ މުހިއްމު އަސާސަކީ ތައުލީމީ ޖީލެއް ބިނާކުރުން ކަމަށް ވާތީ ކަމަށެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 30.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ތައުލީމީ ދާއިރާގެ ބަޖެޓުގެ އަދަދަކީ 3.4 ބިލިއަން ރުފިޔާ އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ތައުލީމީ ދާއިރާއަށް މިހާ ބޮޑު ބަޖެޓެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. އަދި މި ފަހަރުގެ ބަޖެޓުން ވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ ތައުލީމީ ދާއިރާއަށެވެ.

"ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ވީހާ ވެސް ގިނަ ދަރިވަރުންނަށް ތަނަވަސް ކޮށްދިނުން. މަތީ ތައުލީމް ހާސިލްކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ތަކްލީފެއް ނެތި ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން،" މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ތަރައްގީ އަކީ ހަމައެކަނި އުމްރާނީ ގޮތުން މުޖުތަމައެއް ކުރިއަރަމުން ދިއުމެއް ނޫން ކަމަށާއި އެއީ އިންސާނާގެ ވިސްނުމާ ގުޅިފައިވާ އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ގައުމު ތަރައްގީވާން ބޭނުން ނަމަ އެންމެ ފުރަތަމަ ތަރައްގީ ކޮށްދޭން ޖެހޭނީ އިންސާނާގެ ވިސްނުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް. އަޅުގަނޑުމެން ތަރައްގީ ކުރެވޭތޯ މި ބަލަނީ މި ގައުމުގެ ކުރިމަގުގެ ލީޑަރުން ކަމުގައި ވާން ތައްޔާރަށް ތިބި ތިޔަ ޒުވާނުން. މާދަމާ މި ގައުމު އޮންނަންވީ ގޮތުގެ ތަސައްވުރު މިހާރުއްސުރެ ތިޔަ ޒުވާން ސިކުނޑިތަކުގައި ފަރުމާކުރުމުގެ މަސައްކަތް ފެށުމަށް އަޅުގަނޑު ގޮވާލަން،" ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ އިސްވެރިންނާއި ދަރިވަރުން ވެސް ބައިވެރިވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމުގައިވާ އެމްއެންޔޫ އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ޑިގްރީއަށް ހިންގާ ހުރިހާ ކޯހެއް މުޅިން ހިލޭ ކިޔެވޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖެހިގެންދާނެ އެވެ. އަމިއްލަ ކޮލެޖުތަކުގައި ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ބޮޑު ބައެއް ސަރުކާރުން ދައްކައިދޭނެ އެވެ.

ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭ ނަމަ، ރާއްޖޭގައި ކިޔަވާ ބައިގެ ކޯސް ފީ ވެސް، އެ އުސޫލާ އެއްގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ޑިގްރީ ހާސިލްކުރަން ބޭނުންވެ އެކަން ނުފެށި ތިބި ޒުވާނުންނަށް ރައީސް ވިދާޅުވީ އެ ޒުވާނުން ތިބި މާޔޫސްކަން މިއަދު ފިލައިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ހުޅުވާލި އަގުބޮޑު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި ގައުމީ ގައުމީ ތަރައްގީގެ ބައިވެރިއަކަށް ވުމަށް ހުރިހާ ޒުވާނުންނަށް ރައީސް ގޮވާލެއްވި އެވެ.

"މިއަދު ރާއްޖޭގެ ހުރިހާ ޒުވާނުން ވެސް މަސައްކަތް ކުރަންވީ، ސަރުކާރުން މި ފަހިކޮށްދިން ތަނަވަސް ފުރުސަތުގެ ބޭނުން ޒިންމާދާރުކަމާ އެކު ހިފައި އުފެއްދުންތެރި އިލްމީ ބަޔަކަށް ވުމަށް. މި ފުރުސަތުގެ ސަބަބުން މަތީ ތައުލީމު ހާސިލްކުރާ ޒުވާނުން އިތުރުވެ، ރާއްޖޭގެ އިގުތިސޯދަށް ބޭނުންވާ ތައުލީމީ ގާބިލް ޒުވާނުންތަކެއް ބިނާކުރެވިގެންދާނެކަން އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވި އެވެ.

މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ ކަމަށާއި ސަރުކާރުގެ ދެ ޔުނިވާސިޓީ އާއި އަމިއްލަ ކޮލެޖްތަކުގައި މިހާރު ވެސް 8000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ހިލޭ ކިޔެވުމަށް ހުޅުވާލި ފުރުސަތާއެކު، އެ އަދަދު 9000-10،000އާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލިއިރު، މީގެ ކުރިން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްޓޫޑެންޓު ލޯނުގެ އިންޓްރެސްޓް ކުޑަކޮށްފަ އެވެ. ފަސް ޕަސެންޓުން ތިން ޕަސެންޓަށް ލޯނުގެ އިންޓްރެސްޓް ކުޑަކޮށްފައިވާއިރު އެ ލޯނު ދައްކަން ޖެހޭ މުއްދަތު ވެސް ވަނީ 25 ޕަސެންޓަށް އިތުރުކޮށްފަ އެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަކީ ރައީސް އިބްރާހިމް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަމަށް ދައުލަތުގެ ބަޖެޓުން 50 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.