Roadha Mihaaru

ރިސޯޓެއްގައި ގަވައިދާ ހިލާފަށް ކުރި ރަމްޒީ ކައިވެއްޏެއްގެ މައްސަލަ ބަލަނީ

ގަވައިދާ ހިލާފަށް، ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ނެތި ރިސޯޓެއްގައި ރަމްޒީ ކައިވެއްޏެއް ކުރި މައްސަލަ ބަލަން ފަށައިފި އެވެ.

ގަވައިދާ ހިލާފު، ރަމްޒީ ކައިވެންޏެއްގެ މައްސަލަ ބަލަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

14 ފެބުރުއަރީ 2019

ގަވައިދާ ހިލާފަށް، ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ނެތި ރިސޯޓެއްގައި ރަމްޒީ ކައިވެއްޏެއް ކުރި މައްސަލަ ބަލަން ފަށައިފި އެވެ.

މި މައްސަލައިގައި އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަތުރުވެރިންގެ ރަމްޒީ ކައިވެނި ކުރާއިރު ދީނަށް ނުވަތަ ރާއްޖޭގެ ސަގާފަތަށް ފުރައްސާރަ ކޮށްގެން ނުވާނެ ކަމަށެވެ.

ޓޫރިސްޓުންގެ ރަމްޒީ ކައިވެނީގެ ހަފުލާއެއް ބާއްވަން ޖެހޭނީ ޓޫރިޒަމް ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ހަދާފައިވާ، ރަމްޒީ ކައިވެނި ބޭއްވުމާ ބެހޭ ގަވައިދުގެ ދަށުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެ ގަވައިދުގައި، ރަމްޒީ ކައިވެނި ކުރުމަށް މިނިސްޓްރީއަށް ހުށަހަޅައި، ރަޖިސްޓަރީކޮށް ހުއްދަ ހޯދަންޖެހެ އެވެ.

ރަޒްމީ ކައިވެނި ކުރާއިރު އެއްވެސް ދީނަކަށް ނުވަތަ ރާއްޖޭގެ ސަގާފަތާއި ދިވެހި އާދަކާދަ އަށް ހުތުރުވާ ގޮތަށް ނުވަތަ ފުރައްސާރަވާ ގޮތަށް އެއްވެސް ކަމެއް ރަމްޒީ ކައިވެނީގެ ހަފުލާގެ އިސްމީހާ އާއި ހަފުލާގައި ބައިވެރިވާ އެއްވެސް ފަރާތަކުން އަމަލުން ވިޔަސް ނުވަތަ ބަހުން ވިޔަސް ހިންގައިގެން ނުވާނެ ކަމަށް ގަވައިދުގައި އޮވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގަވައިދާ ހިލާފަށް މިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް ތަނެއްގައި ރަމްޒީ ކައިވެނީގެ ހަފުލާއެއް ނުބޭއްވުމަށް އިލްތިމާސް ކޮށްފައިވެ އެވެ.