Roadha Mihaaru
ރިޓަޔާކުރާ ފަނޑިޔާރުން ތަކްރީމް ކުރާ އުސޫލު ހަދައިފި

ޝަރަފްވެރިކަމާ އެކު ރިޓަޔާކުރާ ފަނޑިޔާރުން ތަކްރީމް ކުރުމުގެ އުސޫލެއް އެކުލަވާލައިފި

14 ފެބުރުއަރީ 2019

ޝަރަފްވެރިކަމާ އެކު މަގާމުން ވަކިވާ ފަނޑިޔާރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ތަކްރީމް ކުރުމާ ބެހޭ އުސޫލެއް ސުޕްރީމް ކޯޓުން އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރަފްވެރިކަމާ އެކު މަގާމުން ވަކިވާ ފަނޑިޔާރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ތަކްރީމް ކުރުމާ ބެހޭ އުސޫލެއް ސުޕްރީމް ކޯޓުން އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.

ސުޕްރީމް ކޯޓުން އެކުލަވާލި އެ އުސޫލަކީ ޝަރަފްވެރިކަމާ އެކު ވަކިވެފައިވާ ފަނޑިޔާރުންގެ އަގު ވަޒަންކޮށް، ޝަރަފުގެ ލަގަބު ދިނުމަށް ތަކްރީމް ކުރުމާ ބެހޭ އުސޫލެވެ.

އެ އުސޫލުގައިވާ ގޮތުން ތަކްރީމް ކުރެވޭނީ ޝަރަފްވެރިކަމާ އެކު ފަނޑިޔާރު ކަމުން ވަކިވެފައިވުމުގެ އިތުރުން މަދުވެގެން 35 އަހަރު ފަނޑިޔާރު ކަން ކުރުމުންނެވެ. އަދި މަގާމުގައި ހުންނެވި މުއްދަތުގައި ޖިނާއީ ކުށެއް ސާބިތުވެފައި ނެތުމާ އެކު ސުލޫކީ މައްސަލައެއްގެ ސަބަބުން ފަނޑިޔާރު ކަމުން ވަކިވެފައި ނުވުމަކީ ވެސް ޝަރުތެކެވެ.

އެކަމަކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވުމަށް ފަހު، ޝަރަފްވެރިކަމާ އެކު ވަކިވެ ވަޑައިގެންފައިވާ ފަނޑިޔާރުން 35 އަހަރު ޚިދުމަތް ނުކުރެއްވިޔަސް، އެ އުސޫލުގެ ދަށުން ތަކްރީމް ކުރެވިދާނެ ކަމަށް އެ ބަޔާން ކޮށްފައި ވެ އެވެ. އަދި އެ އުސޫލަށް އަމަލު ކުރަން ފެށުމުގެ ކުރިން ފަނޑިޔާރު ކަމުން ޝަރަފްވެރިކަމާ އެކު ވަކިވެ ވަޑައިގެންފައިވާ ބޭފުޅުން 35 އަހަރު ޚިދުމަތް ނުކުރެއްވިޔަސް، އެ އުސޫލުގެ ދަށުން ތަކްރީމް ކުރެވިދާނެ ކަމަށް އޭގައި ވެ އެވެ.

އެ އުސޫލު ބުނާގޮތުން ތަކްރީމް ކުރެވޭ ފަނޑިޔާރުންނަށް އެކަމުގެ ޝަރަފުގެ އައްޑަނަ އާއި މެޑަލް ދެވޭނެ އެވެ. އަދި ފަނޑިޔާރުން ތަކްރީމް ކުރެވޭނީ އެކަމަށް ޚާއްސަ ކޮށްގެން ބާއްވާ ޖަލްސާއެއްގައި ނުވަތަ ޝަރުއީ ދާއިރާގެ ޚާއްސަ ކަމަކާ ގުޅޭ ޖަލްސާއެއްގައި ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

ޝަރަފްވެރިކަމާ އެކު ވަކިވެފައިވާ ފަނޑިޔާރުންނާ މުޚާތަބު ކުރުމުގައި ޚާއްސަ ލަގަބުތަކެއް ވެސް ބޭނުން ކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ.

އެގޮތުން، އުއްތަމަ ފަނޑިޔާރު ކަމުން ވަކިވެ ވަޑައިގެންފައިވާ ބޭފުޅުންގެ ނަމުގެ ކުރިއަށް "ޗީފް ޖަސްޓިސް ރިޓަޔާޑް" ބޭނުން ކުރާއިރު، ސުޕްރީމް ކޯޓު ނުވަތަ ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިވެފައިވާ ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "ޖަސްޓިސް ރިޓަޔާޑް" ބޭނުން ކުރާނެ ކަމަށް އުސޫލުގައިވެ އެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރު ކަމުން ވަކިވެފައިވާ ބޭފުޅުންގެ ނަމުގެ ކުރިއަށް "ޖަޖް ރިޓަޔާޑް" ބޭނުން ކުރާއިރު، މެޖިސްޓްރޭޓް ކަމުން ވަކިވެފައިވާ ބޭފުޅުންނަށް "މެޖިސްޓްރޭޓް ރިޓަޔާޑް" ކުރާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އެ އުސޫލު ބުނާގޮތުން ޝަރަފްވެރިކަމާ އެކު ފަނޑިޔާރުކަމުން ވަކިވެ، ތަކްރީމް ކޮށްފައިވާ ފަނޑިޔާރުންގެ އަމަލުތައް ފަނޑިޔާރުން މަގާމުގެ ހައިބަތާއި ޝަރަފާ އެއްގޮތަށް ބަހައްޓަން ސަމާލުކަން ދޭންވާނެ އެވެ.