Roadha Mihaaru
އިމާރާތަކުން ވެއްޓުނު ކަޓިންބޯޑަކުން ޖެހި އަނިޔާވެއްޖެ

ގެއެއްގެ ނުވަ ވަނަ ބުރިން ވެއްޓުނު ކަޓިން ބޯޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ

18 ފެބުރުއަރީ 2019

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ބުރިން މިރޭ ވެއްޓުނު ކަޓިން ބޯޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ އެވެ.

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ބުރިން މިރޭ ވެއްޓުނު ކަޓިން ބޯޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ އެވެ.

ފުލުހުން ބުނީ މިރޭ 12 ޖަހަން އުޅެނިކޮށް، ހިނގި މި ހާދިސާގައި އުމުރުން 58 އަހަރުގެ ފިރިހެނެއްގެ ބޮލުގެ ފުއްކިބައިން ދެ އިންޗިހާ ތަން ފަޅައިގެން ގޮސްފައިވާ ކަމަށެވެ. ގަލޮޅު ކަނދުމާގޭގެ ނުވަ ވަނަ ބުރިން ވެއްޓުނު ކަޓިން ބޯޑަކުން ޖެހި އޭނާގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން ކަނާތު އުޅަނބޮށި ކައިރިން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގީ، އެޕާޓްމަންޓުގެ ބަދިގެ ސެޓު ހުންނަ ދިމާލުން ސްލައިޑް ދޮރެއް ހުޅުވައިލި ވަގުތު ކަޓިން ބޯޑު މަގުމައްޗަށް ވެއްޓުމުން ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.

މާލޭގެ އިމާރާތަކުން ވެއްޓުނު ކަޓިން ބޯޑަކުން ޖެހި މީހަކަށް އަނިޔާވިއިރު، ހުޅުމާލޭގައި ހަދަމުންދާ އިމާރާތަކުން މިރޭ ވެއްޓުނު ގަލަކުން ޖެހި ބަންގްލަދޭޝްގެ ފިރިހެނަކު ވެސް ވަނީ މަރުވެފަ އެވެ. ބޮލަށް ލިބުނު ސީރިއަސް ޒަހަމްތަކާ އެކު، އުމުރުން 44 އަހަރުގެ އެ މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. އެއީ އެ އިމާރާތް ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހެކެވެ.