Roadha Mihaaru
އިމާރާތަކުން ދަގަނޑެއް ވެއްޓި ސަލާމަތްވީ ކިރިޔާ!

ހަދަމުން ދިޔަ ގެއަކުން ވޭނެއްގެ މައްޗަށް ދަގަނޑެއް ވެއްޓި ފުރާނަ ސަލަމާތްވީ ކިރިޔާ

10 ފެބުރުއަރީ 2022

ދުއްވާފައި ދިޔަ ވޭނެއްގެ މައްޗަށް ގެއަކުން ދަގަނޑެއް ވެއްޓި، އެ ވޭނުގައި ތިބި ދެ މީހުންގެ ފުރާނަ ހަނިގޮތަކަށް ސަލާމަތްވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދުއްވާފައި ދިޔަ ވޭނެއްގެ މައްޗަށް ގެއަކުން ދަގަނޑެއް ވެއްޓި، އެ ވޭނުގައި ތިބި ދެ މީހުންގެ ފުރާނަ ހަނިގޮތަކަށް ސަލާމަތްވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ރޭ ހިނގި އެ ހާދިސާގައި ދަގަނޑު ވެއްޓުނީ މަގުމަތިން ދުއްވާފައި ދިޔަ ވޭނެއްގެ ވިންޑްސްކްރީންގެ މައްޗަށެވެ. އެ ދަގަނޑުގަނޑު އޮތީ ބިއްލޫރިގަނޑުގެ މެދުގައި ތާށިވެފަ އެވެ. އެ ހާދިސާ ހިނގިއިރު، ވޭނުގެ ކުރީގެ ސީޓުގައި ޑްރައިވަރާއި އިތުރު މީހަކު ތިއްބެވެ. އެއީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ދެ ފިިރިހެނުންނެވެ.

ބެލެވޭ ގޮތުގައި ވޭނުގެ މައްޗަށް ވެއްޓުނީ އިމާރާތްތަކުގެ މަސައްކަތް ކުރާއިރު ބޭނުންކުރާ ވިއްދާ ޖެކެކެވެ.

ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގްރާފަރު، އަހުމަދު މަޖުދީ "މިހާރު" އަށް ބުނީ ވޭނުގެ މައްޗަށް ދަގަނޑުގަނޑު ވެއްޓުނީ އަސުރުމާ ގޯޅީގައި ހުންނަ، އެއްކޮށް ހަދައި ނުނިމޭ 10 ބުރީގެ ގެއެއްގެ ހަތް ވަނަ ފްލޯއިން ކަމަށެވެ. ހޮޅި ވެއްޓުނީ އެ ގޭގެ މަސައްކަތް ކުރާ ބަޔަކު ދަނގަޑު ހޮޅިތަކެއް ނަގަން އުޅުމުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.

އެ ގޭގައި މަސައްކަތް ކުރަމުންދިޔަ އިރު، އެއްޗެއް ތިރިއަށް ވެއްޓިދާނެ ކަމަށް ބަލައި ރައްކާތެރިކަމުގެ ގޮތުން ފުރަތަމަ ފްލޯގައި، އެ މަގަށް ވާ ގޮތަށް ސަތަރިގަނޑެއް ވެސް ދަމައިފައި އޮތެވެ. އެކަމަކު، އެ ދަގަނޑުގަނޑު ވޭނުގެ މައްޗަށް ވެއްޓުނީ ސަތަރިގަނޑު ވެސް ފޫއަޅުވާލައިފަ އެވެ.

"ވޭނުގައި ތިބި ދެ މީހުން ހަމަ އެ ހޮޅި ވެއްޓޭއިރަށް ވަރަށް އަވަހަށް އެއިން ފޭބި. އެހެންވެ، އެ މީހުންނަށް ޖިސްމާނީ އަނިޔާއެއް ނުލިބި އެ ސަލަމާތްވީ ހަމަ ކިރިޔާ،" އެ ގެ ކައިރީގައި ދިރިއުޅޭ މަޖުދީ ބުންޏެވެ.

އޭނާ ބުނިގޮތުގައި ދަގަނޑުގަނޑު ވެއްޓުމުން، އެ ގޭގައި މަސައްކަތް ކުރާ މީހުންގެ ސުޕަވައިޒަރަކު ގޮސް، ޕިކަޕްގައި ތިބި ދެ މީހުން ގާތުގައި ފުލުހުންނަށް އެ މައްސަލަ ރިޕޯޓް ނުކުރަން އެދުނެވެ. އެކަމަކު، ފަހުން އެ މީހުންގެ އިސް މީހާ އެތަނަށް ދިއުމާއެކު، އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމަށް މަޖުދީ އެދެމުން މައްސަލަ ހުށަހެޅި ކަމަށް ބުންޏެވެ.

"ޕޮލިހަށް ރިޕޯޓް ކުރީމާ ފުލުހުންގެ ފޮރެންސިކް ޓީމު އައިސް ސީން ބެލި،" މަޖުދީ ބުންޏެވެ.

"ވޭނުގައި އިން ދެމީހުނަށް ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ނުވިޔަސް އެ މީހުން ތިބީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައި. އެ ދެ މީހުން އޭގެން ފޭބި ގަޑީގައި ލިބުނު ޝޮކެއްގެ ބޮޑުކަމުން ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނު."

ގޭގެ މަތިން އެއްޗެހި ވެއްޓި މީގެ ކުރިން ވެސް މާލޭގައި ވަރަށް ނުރައްކާތެރި ހާދިސާތައް ހިނގައި، މީހުންނަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވެ އެވެ. މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ގޯންޏެއް ވެއްޓި ހަތް އަހަރުގެ ކުއްޖަކު ވެސް މީގެ ތިން އަހަރު ކުރިން މަރުވި އެވެ.