Roadha Mihaaru
މި ސަރުކާރު ވައްޓައެއް ނުލެވޭނެ: ޝައިނީ

ޖޯކަރުންތަކަކަށް މި ސަރުކާރު ވައްޓައެއް ނުލެވޭނެ: ޝައިނީ

25 އޯގަސްޓް 2016

ޖޯކަރުންތަކަކަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓައެއް ނުލެވޭނެ ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިދޮޅު ފަރާތްތަކަށް މިއަދު ރައްދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖޯކަރުންތަކަކަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓައެއް ނުލެވޭނެ ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިދޮޅު ފަރާތްތަކަށް މިއަދު ރައްދު ދެއްވައިފި އެވެ.

ސަރުކާރުގެ ދިފާއުގައި ކުރެއްވި ޓުވީޓެއްގައި ޝައިނީ މިގޮތަށް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް، ބީބީސީން މިއަދު ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ބީބީސީގައި މިއަދު ޝާއިއުކުރި ރިޕޯޓެއްގައި، އިތުބާރު ހުރި ފަރާތްތަކާ ހަވާލާ ދީ ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރުމުގެ "ފިޔަވަޅުތައް" ވަރަށް އަވަހަށް އަޅަން ރާވާފައިވާ ކަމަށެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެކަން ފެންނާނެ ކަމަށާއި އެކަމަކު މި ރޭވުމުގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

މި ރިޕޯޓަށް ރައްދު ދެއްވައި ޝައިނީ ވިދާޅުވީ ގައުމަށް ގައްދާރުވެ ރާއްޖެ އިން ބޭރުގައި ތިބެގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަނީ އަމިއްލަ ފައިދާ އަށް ކަމަށެވެ. ރައްޔިތުން ތިބީ ސަރުކާރާ އެކު ކަމަށާއި ދެ އަހަރު ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން ގައުމަށް ގެނެސްދިން ތަރައްގީ ރައްޔިތުން ބަލައިގަނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ބުނި އިރު، އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އިދިކޮޅު ލީޑަރުން ވަނީ އެއްގަލަކަށް އަރުއްވައި އިދިކޮޅު އިއްތިހާދެއް އުފައްދަވައިފަ އެވެ. ސަރުކާރު ވައްޓާލައި އިންތިގާލީ ވެރިކަމެއް ގާއިމްކުރަން އުފެއްދި އެ އިއްތިހާދުގެ ބައެއް ލީޑަރުން ވަނީ އަވަށްޓެރި ސްރީ ލަންކާ އަށް އިއްޔެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިއްތިހާދުގެ ލީޑަރު، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެނގިފައިވާ ގޮތުގައި އެ ބޭފުޅުން ލަންކާ އަށް ވަޑައިގަތީ "ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށެ"ވެ.