Roadha Mihaaru
ސިޔާސީ މަޝްވަރާ ބޮޑު އަރަތަކަށް!

ސިޔާސީ މަޝްވަރާ ބޮޑު އަރަތަކަށް!

13 މާޗް 2018

ވަރަށް ބޮޑު ތެދެކެވެ؛ މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން އިދިކޮޅު ފަރާތްތަކަށް 12 ފަހަރަށް ދައުވަތު ދީފި އެވެ. އެކަމަކު، މިއިން ކޮންމެ ގޮވާލުމެއްގައި ވެސް ސަރުކާރުން ދައްކަނީ އެއް ބަހަނާއެކެވެ. އެއީ، މަޝްވަރާތަކުގައި ކުށްވެރިން ބައިވެރި ނުކުރުމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވަރަށް ބޮޑު ތެދެކެވެ؛ މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން އިދިކޮޅު ފަރާތްތަކަށް 12 ފަހަރަށް ދައުވަތު ދީފި އެވެ. އެކަމަކު، މިއިން ކޮންމެ ގޮވާލުމެއްގައި ވެސް ސަރުކާރުން ދައްކަނީ އެއް ބަހަނާއެކެވެ. އެއީ، މަޝްވަރާތަކުގައި ކުށްވެރިން ބައިވެރި ނުކުރުމެވެ.

މަޝްވަރާތަކުގެ ދައުވަތު ގަބޫލުނުކޮށްގެން އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ، އޭޕްރީލް، 27، 2017 ގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، ހުކުމް ތަންފީޒުކުރަމުން ދާ ކުށްވެރިންނާ ދިވެހި ދައުލަތުން ވާހަކަ ނުދައްކާނެ ކަމަށެވެ. އަދި، އިދިކޮޅު ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި ތިއްބެވީ "ޓެރަރިސްޓުން" ކަމަށް ސިފަކުރައްވައި އެއްސެވީ، "ޓެރަރިސްޓުންނާ އެކު މަޝްވަރާ ކުރާނީ ކޮން ބައެއްތޯ" ކަމަށެވެ.

ސާބިތުކަމާ އެކު މި އަޒުމުގައި، އޮތް ސަރުކާރުން މިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު "ސިއްރު މަޝްވަރާތަކެއް" ކުރިއަށް ގެންދިޔަ ކަން ރައްޔިތުންނަށް ހާމަކޮށްފަ އެވެ. "ފުންނާބު އުސް" ތިން ވަނަ ފަރާތެއް މެދުވެރިކޮށް، ކުރިއަށް ގެންދިޔަ މި ވާހަކަތަކުން އެޖެންޑާއެއް ވެސް އެކުލަވާލި ކަމަށް ސަރުކާރުން ބުނެ އެވެ.

މިވީ، ކިހިނެއް ހެއްޔެވެ؟

ރައީސް ޔާމީނާއި ނަޝީދު 2013 ގެ އިންތިހާބުގެ ބަހުސްގައި ސަލާމްކުރައްވަނީ: ސަރުކާރުން ވަނީ ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ބާއްވާފައި. --ސޯޝަލް މީޑިއާ

ރައީސް ޔާމީނާއި ނަޝީދު 2013 ގެ އިންތިހާބުގެ ބަހުސްގައި ސަލާމްކުރައްވަނީ: ސަރުކާރުން ވަނީ ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ބާއްވާފައި. --ސޯޝަލް މީޑިއާ

ސަރުކާރުން ވަރަށް ބޮޑަށް "ދޫދިން" ނިންމުމާ ގުޅޭ ގޮތުން ދެ ގޮތަކަށް ވިސްނިދާނެ އެވެ. އެއް ގޮތަކީ، ގައުމުގައި ހިނގަމުން ދާ ހަމަނުޖެހުން އެއްފަރާތްކޮށް، ތަރައްގީ އަށް ޖާގަ ތަނަވަސް ކުރަން ސަރުކާރުން ބޭނުންވުމެވެ. އަނެއް ގޮތަކީ، ބައިނަލްއަގުވާމީ ޕްރެޝަރު އިންތިހާ އަށް ބޮޑުވެ، އިދިކޮޅު ލީޑަރުންނާ މަޝްވަރާކުރުން ނޫން އިތުރު ގޮތެއް ސަރުކާރަށް ނެތުނީ އެވެ.

މައްސަލަތައް ހައްލުކުރަން މަޝްވަރާ އަށް ފުރުސަތު ދީގެން، ބޭރުގެ ބޮޑެތި ބާރުތަކާއި ޔޫއެން އަދި އީޔޫ ވެސް އެ އޮތީ ސަރުކާރަށް "ލޯ އަޅައިގެން"ނެވެ.

ސިއްރު ވާހަކަތައް ވެސް ކާމިޔާބެއް ނުވި!

ސަރުކާރާއި އިދިކޮޅުން ވެސް ކުރިމަތިކުރާ ޝަރުތުތަކާ ހެދި މަޝްވަރާ ކާމިޔާބު ނުވާނެ ކަމަށް ނިންމައިގެން ތިއްބައި، ނަޝީދާ އެކު ވާހަކަތައް މިވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެކަން ބައިނަލްއަގުވާމީ ފަރާތްތަކަށް ވެސް އެނގޭ ކަމަށް މަޝްވަރާގައި، ސަރުކާރު ތަމްސީލްކުރައްވާ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ.

އެ ވާހަކަތަކުގައި ވެސް އެޖެންޑާއަކާ ހަމައަށް ދެވުނުއިރު، އިދިކޮޅުން ހުށަހެޅީ ކުރިއެކޭ ވެސް އެއްގޮތަށް ގައުމާއި ރައްޔިތުންނަށް ވުރެން ބޮޑަށް އަމިއްލަ މަސްލަހަތުތަކެއް ހިމާޔަތްކުރުން ކަމަށް ޝައިނީ ވިދާޅުވި އެވެ. އޭގެ ތެރޭގައި، ކުށްވެރިންތަކެއް ދޫކޮށްލުމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލުމާ އެކު މިދިޔަ މަހުގެ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ޝަރުތުކުރި ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އެ މަޝްވަރާތަކުގައި ބަދަލުކުރެވުނު ޑޮކިއުމަންޓްސްތަކާއި ޗެޓު ލޮގުތައް ހާމަކުރާ ހިސާބަށް ދިއުމުން އަޅުގަނޑުމެން ހާމަކުރާނަން،" ޝައިނީ ވިދާޅުވި އެވެ.

މަޝްވަރާގައި ސަރުކާރު ތަމްސީލްކުރައްވާ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މަޝްވަރާގައި ސަރުކާރު ތަމްސީލްކުރައްވާ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސިއްރު ވާހަކަތައް، ކުރިއަށް ދިޔަ ކަން ރައްޔިތުންނަށް ހާމަކުރަން މަޖުބޫރުވީ، ޝައިނީ ވިދާޅުވި ގޮތުގައި، ސަރުކާރު ބަދުނާމުކޮށް އިދިކޮޅުން ހަގީގަތެއް ނެތް ވާހަކަތައް ދައްކަން ފެށުމުންނެވެ.

މި ވާހަކަތަކަށް އިދިކޮޅުން ވެސް ވަނީ ރައްދު ދީފަ އެވެ. ސިއްރު މަޝްވަރާތަކެއް ކުރިއަށް ދިޔައީ އިދިކޮޅު އެހެން ޕާޓީތަކަށް ނޭނގި ކަމަށް ދޭހަވާ ގޮތަށް ޝައިނީ ވާހަކަ ދެއްކެވި ނަމަވެސް، ނަޝީދުގެ ހުށަހެޅުއްވުންތަކަކީ އިދިކޮޅު ހުރިހާ ޕާޓީތަކުގެ ތަމްސީލުވުން ހިމެނޭ ކަންތައްތަކެއް ކަމަށް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީން ވަނީ ބުނެފަ އެވެ.

"ނަޝީދަށް ތިން ވަނަ ފަރާތަކުން ގުޅާފައި، ކޮންފިޑެންޝަލް ވާހަކަތަކެއް ބާއްވަން ބޭނުންވާ ކަމަށް ބުނީ. ނަޝީދު އަމަލުކުރެއްވި ގޮތަކީ ސަރުކާރުން ގުޅުއްވި ތިން ވަނަ ފަރާތް ދެއްކެވި ވާހަކަ އެ ދެއްކެވި ގޮތަށް އެހެން ސިޔާސީ ލީޑަރުންނާ މަޝްވަރާ ކުރެއްވީ،" އެމްޑީޕީގެ ޗެއާޕާސަން، ހަސަން ލަތީފް ވިދާޅުވި އެވެ.

ގޯސްތަކެއް ހުރި ކަމަށް ގަބޫލެއް ނުކުރޭ!

މަޝްވަރާ އަށް ދާން، އިދިކޮޅުގެ ފުރަތަމަ ޝަރުތަކީ، ލީޑަރުން ދޫކޮށްލުމެވެ؛ ރާއްޖޭގައި ހުރި އެންމެ ކަންބޮޑުވާން ޖެހޭ ހުރިހާ މައްސަލަތަކެއް ގުޅިފައި މިވަނީ، ރައީސް އަބްދުﷲ ޔާމީނާ ވާދަވެރި ހުރިހާ ފަރާތްތަކެއް ނުހައްގުން ޖަލަށް ލުމުގެ ސަބަބުން ކަމަށް އިދިކޮޅުން ދެކެ އެވެ. އެއަށް ފަހު ގާނޫނުއަސާސީގެ ބާރުތައް މަސްހުނިކޮށް، މިނިވަން މުއައްސަސާތަކަށް ނުފޫޒުު ފޯރުވައި ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށް ކޯޓުތަކުން ޝަރީއަތްކުރާ ގޮތާ ބެހި، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އާއްމުކޮށްފައިވާތީ ކަމަށް ވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ.

އެކަމަކު ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެ އެވެ. ހުރިހާ ކަމެއް ވެސް ކުރަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް ސަރުކާރުން ބުނެ އެވެ.

އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ.: ގިނަ ލީޑަރުން ތިބީ ހައްޔަރުގައި --ފޮޓޯ: ސޯޝަލް މީޑިއާ

އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ.: ގިނަ ލީޑަރުން ތިބީ ހައްޔަރުގައި --ފޮޓޯ: ސޯޝަލް މީޑިއާ

އެއްވެސް ގޯހެއް ސަރުކާރުގައި ނެތް ކަމަށް ބުނުމަށް ފަހު، ތަކުރާރުކޮށް މަޝްވަރާ އަށް ދައުވަތު ދެމުން ދިއުމަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ.

"ތިޔަ ބޭފުޅުން ގަބޫލުކުރައްވަންތޯ މަޝްވަރާކުރަން އިދިކޮޅުން މި އަންނަނީ އެކެއް ފެބުރުއަރީގެ ފަހުން ކަން. ނުވަތަ ފަހެއް ފެބުރުއަރީގެ ފަހުން ކަން. އަޅުގަނޑުމެންގެ ތެރޭގައި ހުރި ކަންކަމަށް އެ ބޭފުޅުން ބޭރުގެ ދުނިޔެ އަށް ދައްކާ ކަންކަމަކީ އިހަށް ދުވަހު އުފަންވި ކަން ކަމެއް ނޫން،" މަޝްވަރާ އިން ހައްލު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ގަބޫލުކުރައްވަންތޯ ދެންނެވުމުން، އެ ސުވާލަށް ސީދާ ޖަވާބު ނުދެއްވައި، ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޝްވަރާ އަށް ހުށަހަޅަން ޖެހެނީ ސިޔާސީ މަސްރަހުގައި ނުވަތަ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ކަމަށެވެ. އެއީ، ވެސް ރަނގަޅު ވާހަކައެކެވެ. އެކަމަކު ސިޔާސީ އެކި ތުހުމަތުތަކުގައި އެތައް ބަޔަކު ހައްޔަރުކޮށްފައި ތިބިއިރު އެ ވާހަކަ އެއްފަރާތްކޮށްފައި އިދިކޮޅުން ދައްކާނެ ވާހަކައެއް އޮންނާނެ ހެއްޔެވެ؟

"މަޝްވަރާއެއްގެ މޭޒު މައްޗަށް އަންނައިރު، އެ މަޝްވަރާ އިން ނިންމަން ބޭނުންވާ ހުރިހާ ކަމެއް ނިންމުމަށް ފަހު މަޝްވަރާގެ މޭޒު މައްޗަށް އެއްވެސް ބަޔަކު ނާންނާނެ. ރައީސުލް ޖުމްހޫރިއްޔާ ވަރަށް އިހްލާސްތެރިކަމާ އެކު ވިދާޅުވަމުން އެ ގެންދަވަނީ ބައެއް ކަންތައްތަކަކީ ތިމަންނައަށް ލިބިފައިވާ ބާރުތަކުގެ ތެރޭގައި ވެސް ނުކުރެވޭނެ ކަންކަން ކަމަށް،" ޝައިނީ ވިދާޅުވި އެވެ.

ކުރިން ރާއްޖެ އަށް ކަނޑައެޅި އދ.ގެ މަންދޫބު ތަމްރަތު ކެބިނެޓުގެ ވަޒީރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓުވިޓާ

ކުރިން ރާއްޖެ އަށް ކަނޑައެޅި އދ.ގެ މަންދޫބު ތަމްރަތު ކެބިނެޓުގެ ވަޒީރުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓުވިޓާ

އިޚްލާސްތެރިކަން ނެތީ ކޮން ބައެއްގެ؟

ސަރުކާރުން ބުނެފައިވާ ގޮތުގައި، މަޝްވަރާތައް މިހާތަނަށް ފޭލްވީ އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރާ ޝަރުތުތަކާ ހެދި އެވެ. އިދިކޮޅުން ބުނަމުން ދަނީ، ލީޑަރުންނާ ނުލައި މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ދެން މިއޮތީ، މަޝްވަރާތަކުގައި ޔޫއެން ބައިވެރިކުރުމުގެ ވާހަކަ އެވެ. ޔޫއެން އެކަމަށް ތައްޔާރެވެ. ސިޔާސީ މަސްރަހު ފިނިކުރަން މީގެ ކުރިން، ޔޫއެން އިން މަންދޫބަކު ފޮނުވައިގެން ވެސް މަޝްވަރާ ކާމިޔާބު ކުރެވޭތޯ ބެލި އެވެ. އެފަހަރު ޔޫއެން އިން ފޮނުވި މަންދޫބު، ސަރުކާރާއި ޕާޓީތަކާ އެކު ވާހަކަ ދެއްކީ ވަކިވަކިންނެވެ. އެކަމަކު ނަތީޖާއަކާ ހަމައަށް ނުދެވި ފޭލްވީ އެވެ.

އަނެއްކާވެސް ޔޫއެން މިވަނީ، މަޝްވަރާގައި މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ދޭން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. އެކަމަކު ސަރުކާރުން އެންމެ ފަހުން ދިން ޖަވާބަކީ، މި ވަގުތަށް ޔޫއެންގެ ބައިވެރިވުން މަޝްވަރާގައި މުހިއްމު ނޫން ކަމަށެވެ. އޭގެ މާނައަކީ، ޔޫއެންގެ ބައިވެރިވުމާ ދެކޮޅު ހެދުން ނޫން ކަމަށް ވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.

މަޝްވަރާ ކޮޅެއްގައި ނުޖެހި އިލްޒާމް މި އަޅުވަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގަ އެވެ. ހަގީގަތަކީ، މަޝްވަރާތަކަށް ދައުވަތު ދިނުމަށް ފަހު ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުމެވެ. އިދިކޮޅުން ވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވެ އެވެ. މަޝްވަރާ ކުރަން، އެ މީހުންގެ ޝަރުތަކީ ލީޑަރުން ދޫކޮށްލުމެވެ. މިއީ، ކުރެވޭނެ ކަމެއް ނޫން ކަަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ދެން އޮތް ތަންކޮޅަކީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސަރުކާރުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތަކެއް އުފެދިފައި އޮތް ކަން އެންމެންނަށް އެނގޭ އިރު ވެސް ސަރުކާރުން އެކަން ގަބޫލުނުކުރުމެވެ. ސަރުކާރުން އަބަދުވެސް ބުނަނީ ހުރި މައްސަލައެއް ވިއްޔާ މަޝްވަރާތަކަށް ހުށައަޅަންވީ ކަމަށެވެ. ގާނޫނު އަސާސީއާ ހިލާފަށް އެތައް ކަމެއް ކޮށް، ރައްޔިތުންގެ އަސާސީ އެތައް ހައްގުތަކެއް ހިފަހައްޓާ އިރު ވެސް އެއިން އެއްވެސް މައުލޫއުއެއް ސަރުކާރަކަށް ނުފެނެ އެވެ. އެހެންކަމުން މަޝްވަރާގެ މޭޒަށް ދިއުމުގެ ކުރިން ވެސް އުފެދިފައި އޮތީ މައްސަލަ އެވެ.

މި ގޮތަށް ކަންކަން ހުރުމުން ކިތަންމެ ފަހަރަކު ދައުވަތު ދިނަސް މި މަޝްވަރާތައް ކާމިޔާބުވާނެ ކަމަކަށެއް އަދި ނުފެނެ އެވެ.