Roadha Mihaaru
ކޯޗިންގައި އޮންރީ ފްލޮޕަކަށް ނުވާނެ: ވެންގާ

ކޯޗިންގައި އޮންރީ ފްލޮޕަކަށް ނުވާނެ: ވެންގާ

18 ފެބުރުއަރީ 2019

ލަންޑަން (ފެބްރުއަރީ 18) - މޮނާކޯގެ ކޯޗަކަށް ހުރެ ތިއަރީ އޮންރީ އަށް ލިބުނީ ފިލާވަޅުތަކެއް ކަމަށާއި މުސްތަގުބަލުގައި ކާމިޔާބު ކޯޗަކަށް އޮންރީ ވާނެ ކަމަށް އޭނާ އަށް އާސެނަލުގައި ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 18) - މޮނާކޯގެ ކޯޗަކަށް ހުރެ ތިއަރީ އޮންރީ އަށް ލިބުނީ ފިލާވަޅުތަކެއް ކަމަށާއި މުސްތަގުބަލުގައި ކާމިޔާބު ކޯޗަކަށް އޮންރީ ވާނެ ކަމަށް އޭނާ އަށް އާސެނަލުގައި ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު އޮންރީއާ ޓީމު ހަވާލުކުރި ފަހުން ހުރިހާ މުބާރާތެއްގައި މޮނާކޯ ކުޅުނު 20 މެޗުގެ ތެރެއިން އެ ޓީމަށް ހޯދުނީ ފަސް މޮޅެވެ. އޮންރީ މަގާމުން ދުރުކުރީ މިދިޔަ މަހު ފަހު ކޮޅުގަ އެވެ. އޮންރީ ހަވާލުވިއިރު ވެސް މޮނާކޯ އޮތީ ވަރަށް ބޮޑަށް ފޯމު ގެއްލިފަ އެވެ.

ވެންގާ ބުނީ މޮނާކޯގައި އޮންރީ ފެއިލްވީ އެ ކްލަބް އޭރު އޮތް ހާލަތުން ކަމަށެވެ.

"ކޯޗުންގެ ވަޒީފާގައި ސީޒަން ފަށާއިރު ގޯސްކޮށް ދިޔަސް އެބަ ލިބޭ ރަނގަޅު ކުރަން ހަ މަސް ދުވަސް. އެކަމަކު އޮކްޓޫބަރު މަހު ޓީމަކާ ހަވާލުވާއިރު މި ލިބެނީ މަދު ދުވަސްތަކެއް. އަމިއްލަ ގޭމްޕްލޭން ޓެސްޓް ކޮށްލާނެ ވަގުތެއް ވެސް ނޯވޭ. ހަގީގަތަކީ އޮންރީ އަށް ގޯސް ހާލަތެއް މޮނާކޯގައި އޮތީ. އަހަންނަށް ޔަގީން ކޯޗިންގައި އޮންރީ ފްލޮޕަކަށް ނުވާނެ." ވެންގާ ބުންޏެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އޮންރީ ކާމިޔާބު ކެރިއަރެއް ބިނާކުރުމަށް އެންމެ ބޮޑު އެހީއެއް ވެދިނީ ވެންގާ ކަމަށް އޮންރީ ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި ކޯޗިންގައި ވެސް ވެންގާގެ ފަރާތުން ގިނަ ފިލާވަޅުތަކެއް ދަސްވެފައިވާ ކަމަށް ވެސް ބުންޏެވެ.

އޮންރީ، މޮނާކޯއާ ހަވާލުވާން ނިންމީ އެކި ޓީމުތަކުން ލިބުނު ހުށަހެޅުންތަކަކަށް ފުރަގަސް ދިނުމަށް ފަހު އެވެ. މޮނާކޯ އަކީ އޮންރީ ކޯޗުކޮށްދިން ފުރަތަމަ ޓީމެވެ. އޭނާ މީގެ ކުރިން ހުރީ ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އަދި އާސެނަލްގެ ޔޫތު ޓީމުގައި ވެސް ކޯޗިންގެ މަސައްކަތްތަކެއް ކުރި އެވެ.

އާސެނަލްގައި ވެންގާގެ އިރުޝާދުގެ ދަށުން ކުޅުނު ޕެޓްރިކް ވިއެރާ ވެސް އަންނަނީ ފްރާންސްގެ ނީސް އަށް ކޯޗުކޮށްދެމުންނެވެ. ވެންގާ ބުނީ އޭނާ އަށް ކޯޗިންގައި ލިބުނު ފިލާވަޅަކީ ޒުވާން އުމުރުގައި ވަޒީފާ އަށް ނުކުމެ ކިތަންމެ ފާޑުކިޔުން އަމާޒުވިޔަސް ފަސް ބެލުމެއް ނެތި މަސައްކަތް ކުރުން އެއީ އެންމެ މޮޅު ގޮތް ކަން ކަމަށެވެ.

"އުމުރުން 33 އަހަރުގައި އަހަރެން މަސައްކަތް ފަށައިފިން. އެކި ފަހަރު އެކި ވަރުގެ ފާޑުކިޔުން އަމާޒުވި. އަހަރެން ދިޔައީ ކުރިއަށް ގިނަ ކަންތައްތަކެއް ދަސްވި. ގިނަ ތަޖުރިބާތަކެއް ލިބުނު އަހަރެންގެ އުއްމީދަކީ އޮންރީ އާއި ވިއެރާ އަށް އަށް ކޯޗިންގައި ކާމިޔާބު ލިބުން،" ވެންގާ ބުންޏެވެ.

މި ވަގުތު އެއްވެސް ޓީމަކާ ހަވާލުނުވެ ހުރި ވެންގާ ވަނީ ވަރަށް އަވަހަށް ފުޓްބޯޅަ ކްލަބެއްގެ މަގާމަކުން ފެންނާނެ ކަމަށް ބުނެފަ އެވެ.