Roadha Mihaaru
ޕްރިމިއާ ލީގުގައި 270 މެޗުން، ކޭން 176 ލަނޑު

ޕްރިމިއާ ލީގުގައި 270 މެޗުން، ކޭން 176 ލަނޑު ޖަހައިފި

08 މާޗް 2022

ލަންޑަން (މާޗް 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ހެރީ ކޭން ޖެހި ދެ ލަނޑާ އެކު، ޕްރިމިއާ ލީގުގައި އޭނާ މިހާތަނަށް ކުޅުނު 270 މެޗުން 176 ގޯލު ޖަހައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މާޗް 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ހެރީ ކޭން ޖެހި ދެ ލަނޑާ އެކު، ޕްރިމިއާ ލީގުގައި އޭނާ މިހާތަނަށް ކުޅުނު 270 މެޗުން 176 ގޯލު ޖަހައިފި އެވެ.

ކޭން ރޭ ޖެހި ދެ ލަނޑާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ހަވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އާސެނަލްގެ ލެޖެންޑް ތިއެރީ އޮންރީ ވަނީ 258 މެޗުން 175 ލަނޑު ޖަހައިފަ އެވެ. ކޭން އަށް ވުރެ އެއް ގޯލު އިތުރަށް ޖަހައިގެން ލިސްޓުގެ ފަސްވަނައިގައި އޮތީ އެވަޓަންގެ ކޯޗު އަދި ކުރިން ޗެލްސީ އާއި މެންޗެސްޓާ ސިޓީއަށް ކުޅުނު ފްރޭންކް ލަމްޕާޑެވެ. އޭނާ ވަނީ 177 ލަނޑު ޖަހައިފަ އެވެ.

ޓޮޓެންހަމުން އަމިއްލަ ދަނޑުގައި ރޭ އެވަޓަން ބަލިކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑަކީ 14 ވަނަ މިނިޓުގައި އެވަޓަންގެ ޑިފެންޑަރު މައިކަލް ކީން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ތިން މިނިޓު ފަހުން ގޯލްކީޕަރު ޖޯޑަން ޕިކްފޯޑަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޓޮޓެންހަމްގެ ދެނަވަނަ ލަނޑު ޖަހައިދިނީ ސޮން ހެއުން މިން އެވެ.

ރޭގެ މެޗުގައި ކޭންގެ ފުރަތަމަ ލަަނޑު ޖެހީ ފުރަތަމަ ހާފް ނިމެން އަށް މިނިޓަށްވެފައި ވަނިކޮށެވެ. މި ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށްވެފައި ވަނިކޮށް ޓޮޓެންހަމްގެ ފަސްވަނަ ލަނޑު ޖެހީ ފުލްބެކް ސާޖިއޯ ރެގިލޯން އެވެ. ކޭންގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގަ އެވެ. ރޭގެ މެޗުގައި ކޭން ޖެހި ދެ ލަނޑު ވެސް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ މެޓް ޑޮހަޓީ އެވެ.

މިއީ ހެރީ ކޭން މި ސީޒަނުގައި ލީގުގައި ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. އަދި ސޮންގެ ލަނޑަކީ އޭނާ މި ސީޒަނުގައި ޖެހި 11 ވަނަ ލަނޑެވެ. މި ސީޒަނުގައި ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގައި ސޮން އާއި ކޭންގެ ކުރީގައި ތިބީ 12 ލަނޑު ޖަހައިފައިވާ ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އާއި ސަޑިއޯ މާނޭގެ އިތުރުން 19 ލަނޑު ހަމަކޮށްގެން އެއްވަނައިގައި އޮތް ލިވަޕޫލްގެ މުހައްމަދު ސަލާހެވެ.

މި ނަތީޖާއާ އެކު ޓޮޓެންހަމް ވަނީ އެ ޓީމަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން ހަވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ޓޮޓެންހަމް ވަނީ 26 މެޗުން 45 ޕޮއިންޓް ހޯދައިފަ އެވެ. އަދި ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވަނީ ޓޮޓެންހަމަށް ވުރެ ދެ މެޗު އިތުރަށް ކުޅެ، 47 ޕޮއިންޓް ހޯދައިފަ އެވެ. އާސެނަލް ހަތަރުވަނައިގައި އޮތީ 25 މެޗު ކުޅެގެން 48 ޕޮއިންޓް ހޯދައިގެންނެވެ.

އެވަޓަން ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ، ޓޭބަލްގެ 17 ވަނައަށް ވެއްޓިފަ އެވެ. މިހާތަނަށް ކުޅުނު 25 މެޗުން އެވަޓަން އަށް ލިބުނީ 22 ޕޮއިންޓެވެ. އެންމެ ފަހުން އެޓީމު ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. މި މުއްދަތުގައި އަށް މެޗުން ބަލިވެފައިވާއިރު އެއްވަރުވީ ޑިސެމްބަރު މަހު ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

އެވަޓަން މޮޅުވީ މިދިޔަ މަހު އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މިއީ ލަމްޕާޑް މި އަހަރުގެ ޖެނުއަރީ ޓްރާންސްފާ ޑެޑްލައިން ޑޭގައި އެވަޓަންއާ ހަވާލުވެ ލީގުގައި ޕޮއިންޓެއް ހޯދައިދިން ހަމައެކަނި މެޗެވެ.

ރެލިގޭޝަން ޒޯނުގައި އޮތް ތިން ޓީމަށް ބަލާ އިރު، 18 ވަނައިގައި އޮތް ބާންލީ ވަނީ އެވަޓަން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 21 ޕޮއިންޓް ހޯދައިފަ އެވެ. ބާންލީގެ ފަހަތުން 19 ވަނައިގައި އޮތް ވަޓްފޯޑާއި ފުލުގައި އޮތް ނޯރިޗް ސިޓީ ވަނީ އެވަޓަން އަށް ވުރެ ދެ މެޗު އިތުރަށް ކުޅެފަ އެވެ. ވަޓްފޯޑަށް 19 ޕޮއިންޓް ލިބިފައިވާއިރު ނޯރިޗަށް ލިބެނީ 17 ޕޮއިންޓެވެ.