Roadha Mihaaru
ހުވަފަތްވި ހަ މީހަކު އެނބުރި ރާއްޖެ އަންނަން ބޭނުން

ހަނގުރާމައިގައި ހުވަފަތްވި ހަ މީހަކު ރާއްޖެ އަންނަން ބޭނުން

20 ފެބުރުއަރީ 2019

ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަަށް ގޮސް މަރުވެފައިވާ ބައެއް މީހުންގެ އަނބި ދަރިން އެނބުރި ރާއްޖެ އަންނަން އެދެމުން އަންނަ ކަމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަަށް ގޮސް މަރުވެފައިވާ ބައެއް މީހުންގެ އަނބި ދަރިން އެނބުރި ރާއްޖެ އަންނަން އެދެމުން އަންނަ ކަމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފި އެވެ.

ކޯސްޓްގާޑް ބިލްޑިންގުގައި އެމްއެންޑީއެފްގެ ވެރިން މިއަދު ބޭއްވެވި ނޫސްކޮންފަރެންސެއްގައި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެފަދަ ހައެއްކަ އާއިލާއިން އެ ސެންޓަރާ ގުޅުމުން އަންނަ ކަމަށެވެ. ނަމަވެސް އެ މީހުން އަނބުރާ ގެންނަން ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފިރިމީހާ ހަނގުރާމައިގައި ނިޔާވެގެން އެ އާއިލާތައް އެކަހެރިވެގެން، ބާކީ ވެެގެން ގޮތެއް ނެތިގެން ގުޅާ އާއިލާތަކުގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އޭގެ ތެރޭގައި ވެސް ހަމަ ހައެއްކަ ފަރާތަކުން އަޅުގަނޑުމެންނާ އެބަ ގުޅާ،" ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.

އެފަދަ މީހުން ގެނައުމުގައި ދިމާވާ ދަތިތަކުގެ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މީހުން މިހާރު ތިބި ތަންތަނުގައި ލިބިފައިވާ ދަރިން އެއީ ކޮންބައެއްކަން އަންގައިދޭ ފަދަ ލިޔެކިއުންތައް ނެތުމަކީ އެންމެ ބޮޑު ދަތި ކަމަށެވެ. އެގޮތުން އެފަދަ ކުދިންނަކީ ދިވެހި ރައްޔިތުންކަން ކަނޑައެޅުމުގައި ވެސް ދަތިތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކޮޅުގައި އެ ތިބި ތަނެއްގައި ލިބިފައި ތިބި ދަރިން. އެ މީހުންގެ އައިޑީކާޑެއް އެއްޗެއް ނޯންނާނެ. ދިވެހި ރައްޔިތުންކަން ކަނޑައަޅާ ސާބިތުކޮށްދެވޭނެ ގޮތެއް، އަޅުގަނޑުމެންގެ އުސޫލީ މިންގަނޑުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ވެސް އަޅުގަނޑުމެންނަށް އުނދަގޫވާނެ،" ޒަކަރިއްުޔާ މަންސޫރު ވިދާޅުވި އެވެ.

ޒަކަރިއްޔާ މަންސޫރު މިއަދު ވާހަކަ ދައްކަވަނީ

ޒަކަރިއްޔާ މަންސޫރު މިއަދު ވާހަކަ ދައްކަވަނީ

އޭނާ ވިދާޅުވީ ކަން އެހެން އޮތަސް އެ މީހުންގެ ކަންތައްތައް ދައުލަތުގެ ޒިންމާޔަކުން ނުވެސް ކެނޑޭނެ ކަމަށާއި އެ މީހުން އަނބުރާ ގެންނަން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފޮރިން މިނިސްޓްރީ އާއި އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން އެ މައްސަލަ އަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވާން ގޮސްފައިވާ ކަމަށް އެންސީޓީސީ އަށް މައުލޫމާތު ލިބިފައި ވަނީ ޖުމްލަ 61 ފިރިހެނުންނާއި އޭގެ ތެރެއިން ބައެއް މީހުންގެ އަނބިދަރިންނެވެ. ހަނގުރާމަ އަށް ދިޔަ ގިނަ ދިވެހިން ގޮސްފައި ވަނީ ސީރިޔާ އަށް ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ،