Roadha Mihaaru
އިންތިޚާބު ފަސްކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް: އީސީ

އިންތިޚާބު ފަސްކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް: އިލެކްޝަންސް

23 ފެބުރުއަރީ 2019

އަންނަ އެޕްރީލް ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ އެޕްރީލް ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ވަނީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވަން އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ އިންތިޚާބު ފަސްކޮށްދޭން އީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ވެސް އެދިފަ އެވެ. އެކަށީގެންވާ މާހައުލެއް ނެތް ކަމަށް އެ ކޯލިޝަނުން ގަބޫލުކުރަނީ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްފައި ވުމެވެ.

މާފުށީ ޖަލުގައި ޔާމީން ބަންދުކުރީ، އެމްއެމްޕީއާރުސީ ފައިސާ ވަދެފައިވާ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުން އެމަނިކުފާނު މަނީ ލޯންޑަރިން ހިންގެވި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި ދައުވާގެ ޝަރީއަތް ނިމެންދެނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އިންތިޚާބު ފަސްކުރަން ޕީޕީއެމުން އެދިފައި އޮތަސް އީސީގެ ވިސްނުމަކީ މިހާރު ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް އިންތިޚާބު ބޭއްވުމެވެ. އިންތިޚާބު ފަސްކުރަން ޖެހޭ ގާނޫނީ ސަބަބެއް އޮތް ކަމަކަށް އެ ކޮމިޝަނުން ގަބޫލުނުކުރާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަންގެ ވިސްނުމަކީ މިހާރު ކަނޑައަޅާފައިވާ ތާރީޚުތަކުގައި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުން،" އަކްރަމް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ވެސް ފަސްކޮށްދޭން ޕީޕީއެމުން އެދުނެވެ. އެ ފަހަރު ސިވިލް ކޯޓުގެ ހުކުމް އައީ، ޕީޕީއެމާ އެއްކޮޅަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާ އަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން، 395 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެންމެ ގިނަ މީހުން ކުރިމަތިލީ އަމިއްލަ ގޮތުންނެވެ.