Roadha Mihaaru
ވޯޓު ގަތުން ހުއްޓުވަން ރާއްޖޭން މަސައްކަތްކުރަން ޖެހޭ

ވޯޓު ގަތުން ހުއްޓުވަން ރާއްޖޭން މަސައްކަތްކުރަން ޖެހޭ: ކޮމަންވެލްތު

19 ޖުލައި 2019

އިންތިހާބުތަކުގައި ވޯޓް ގަތުން ހުއްޓުވަން ރާއްޖޭގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގެ ކަންތައްތައް ބެލި ކޮމަންވެލްތުގެ މާހިރުން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންތިހާބުތަކުގައި ވޯޓް ގަތުން ހުއްޓުވަން ރާއްޖޭގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގެ ކަންތައްތައް ބެލި ކޮމަންވެލްތުގެ މާހިރުން ބުނެފި އެވެ.

މަޖިލިސް އިންތިހާބު އޮބްޒާވްކުރުމަށް ފަހު ކޮމަންވެލްތުގެ މާހިރުން އެކުލަވައިލި ތަފްސީލް ރިޕޯޓް އާއްމުކުރީ މިދިޔަ ބުދަ ދުވަހު އެވެ. ކޮމަންވެލްތުގެ އޮބްޒާވަރުން ކުރިން ވެސް ބުނެފައިވާ ފަދައިން ރިޕޯޓްގައި ބުނެފައި ވަނީ އެ އިންތިހާބުގެ ކަންތައް ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށެވެ. އެހެން ނަމަވެސް ރަނގަޅުކުރަން ޖެހޭ ބައެއް ކަންތައްތައް ފާހަގަކޮށްފައި ވާއިރު އެންމެ ތަފުސީލުކޮށް އިރުޝާފު ދީފައި ވަނީ ވޯޓް ގަތުން ހުއްޓުވުމަށެވެ.

ރާއްޖެ އަށް އައި އޮބްޒާވަރުންގެ ވަފުދުގެ ވެރިޔަކަށް ހުންނެވި ބްރޫސް ގޯލްޑިން، ރާއްޖެއާ ބެހޭ ރިޕޯޓާ އެކު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކޮމަންވެލްތުގެ އެހެން ގައުމުތަކަށް ފިލާވަޅުތައް ލިބިގަނެވޭހާ ރަނގަޅަށް މަޖިލިސް އިންތިހާބުގެ ބައެއް ކަންތައްތައް ހުރި ކަމަށެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ވޯޓް ލާ މީހުންގެ ރަޖިސްޓްރީ އެކުލަވައިލުމާއި އިންތިހާބުގެ އޮފިޝަލުންނަށް ތަމްރީނު ދިނުމާއި ހެޔޮގޮތުގައި ޓެކްނޮލޮޖީ ބޭނުން ކުރުން ހިމެނެ އެވެ.

"އިންތިހާބުގެ ގިނަ ކަންތައްތަކެއް ވަނީ ވާނީ މާ ބޮޑަށް ކުރިއަރައިފަ އެވެ. އަދި އެއީ ކޮމަންވެލްތުގެ ތެރޭގައި ބޭނުންކުރެވިދާނެ ބޭނުންތެރި ފިލާވަޅުތަކެވެ،" ސިޓީގައި ގޯލްޑިން ލިއުއްވާފައި ވެ އެވެ.

ރަނގަޅުކުރަން ޖެހޭ ބައެއް ކަންތައްތައް

އިންތިހާބުތައް ރަނގަޅަށް ބޭއްވުމަށްޓަކައި ކުރަން ކޮމަންވެލްތުގެ އޮބްޒާވަރުން ރާއްޖެ އަށް ލަފާދިން ކަންތަކުގެ ތެރޭގައި:

- އިންތިހާބުގައި ވާދަކުރާ އަންހެނުންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރުން.

- ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުން ވޯޓު ލާ ދާއިރާ ކަނޑައެޅުމުގައި އެ މީހުން ވަކި މުއްތަކަށް ދިރިއުޅުނު ތަންތަނަށް ރިއާޔަތް ކުރުން.

- ވޯޓް ގަތުން ހުއްޓުވަން އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށް ފިޔަވަޅުތައް އެޅުން

- ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން އިންތިހާބަށް ހަރަދު ކުރާއިރު ދެފުށް ފެންނަ ގޮތަކަށް، ރެކޯޑްކޮށް މައުލޫމާތު އާއްމުކޮށްގެން ހަރަދުކުރުން

- އިންތިހާބުގެ ދުވަސްވަރު މީޑިއާއިން މަސައްކަތްކުރާ ގޮތް މޮނިޓާކޮށް ދަމަހައްޓަން ޖެހޭ ގަވައިދުތައް ކަމާ ބެހޭ ފަރާތްތަކުން ދެމެހެއްޓުން.

ވޯޓު ގަތުން ހުއްޓުވުމަށް އަޅަން ފެންނަ ކަމަށް ރިޕޯޓްގައި ބުނެފައިވާ އެއް ފިޔަވަޅަކީ ކުރާ ހަރަދު ހާމަކަން ބޮޑު ގޮތެއްގައި އޮޑިޓްކޮށް އާއްމު ކުރުމެވެ. އެކަމަށްޓަކައި ހަދާފައިވާ ގަވައިދާ ގާނޫނުތައް ރަނގަޅަށް ހިންގުމަކީ ވެސް ކުރަން ލަފާދީފައިވާ ކަމެކެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީތަކަށް އާމްދަނީ ލިބުނު ގޮތާއި ހަރަދު ކުރި ގޮތުގެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމަށް ވެސް ލަފާދީފައި ވެ އެވެ.

އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޓަކައި ރާއްޖޭން ކުރަން ރިޕޯޓްގައި ލަފާދީފައިވާ ކަންތައްތަކުގެ ތެރޭގައި އިންތިހާބުތަކަށް ނެރޭ އަންހެން ކެންޑިޑޭޓުން އިތުރުކޮށް އެ މީހުންނަށް ފަންނީ އަދި މާލީ ގޮތުން ދޭ އެހީތެރިކަން އިތުރުކުރުން ހިމެނެ އެވެ. އަދި ލީޑަޝިޕްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ގުޅިގެން މަސައްކަތް ކުރަން ވެސް ލަފާދީފައި ވެ އެވެ.

މަޖިލިހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ 65 ގޮނޑި ނަގައިފަ އެވެ. މިއީ، ޕާޓީއަކުން މިހާ ގިނަ އަދަދެއްގެ ގޮނޑިތަކެއް ނެގި ފުރަތަމަ ފަހަރެވެ. މަޖިލިސް މިހާރު ބެހިފައި އޮތް ގޮތަށް ބަލާ އިރު، އިދިކޮޅު ޕީޕީއެމަށް ފަސް މެމްބަރުން، ކޮންގްރެސް ޕާޓީގެ ތިން މެމްބަރަކު މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެވެ. ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރުން އިންތިހާބުވެވަޑައިގެންނެވި އިރު، އެމްޑީއޭގެ ދެ މެމްބަރަކު މަޖިލިހަށް ހޮވިވަޑައިގެންނެވި އެވެ. އަދި މިނިވަން މެމްބަރުންގެ ގޮތުގައި ހަތް މެމްބަރަކު މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެވެ.