Roadha Mihaaru
"އެއީ ދަތުރުކުރާ ވަރުގެ ޑިންގީއެއް ނޫން"

ޝިމާ ގެއްލުން: "އެއީ ދަތުރުކުރާ ވަރުގެ ޑިންގީއެއް ނޫން"

24 ފެބުރުއަރީ 2019

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީ އަކީ އެ ވަރު ދިގު ދަތުރެއް ކުރަން "ހެޔޮވާވަރު"ގެ އުޅަނދެއް ނޫން ކަމަށް މާމެންދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީ އަކީ އެ ވަރު ދިގު ދަތުރެއް ކުރަން "ހެޔޮވާވަރު"ގެ އުޅަނދެއް ނޫން ކަމަށް މާމެންދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ހާދިސާގައި އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ވަނީ ގެއްލިފަ އެވެ. އަދި ޑިންގީ ވީ ތަނެއް ވެސް ނޭނގެ އެވެ.

ކަނު އަނދިރީގައި ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީ އަކީ ތިން ހޯސްޕަވަރުގެ ކުޑަ އިންޖީނެއް އަޅާފައިވާ ހައެއްކަ ފޫޓުގެ އުޅަނދެކެވެ.

ޑިންގީ ދުއްވަން ހުރި އަދި ޝިމާއާ އެކު ދަތުރުކުރި ހަމައެކަނި މީހާ ކަމަށް ވާ އިބްރާހިމް ފަޒީލް، 24، ވަނީ މި ހާދިސާ އިން ސަލާމަތްވެފަ އެވެ. އޭނާ ފަތާފައި ގޮސް އެރީ އެ ހިސާބުގައި އޮތް ސިކްސް ސެންސަސް ރިޒޯޓަށެވެ.

ބައެއް މީހުން ބުނާ ގޮތުގައި އެ ޑިންގީގައި ފޮނަދޫން މާމެންދުއަށް ދާން މަދުވެގެން ދެ ގަޑިއިރު ނަގާނެ އެވެ.

"ވައި ހުރި ދުވަހެއް. އެކަހަލަ ދުވަހެއްގައި ދަތުރުކުރަން އެ ޑިންގީ މާ ކުޑަ. އާއްމުކޮށް އެ ދޭތެރެ ހުރަސް ނުވެސް ކުރާނެ އެހާ ކުޑަ އެއްޗެއްގައި،" މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ހަބީބު އަލީ ވިދާޅުވި އެވެ.

ޑިންގީގައި ދަތުރު ކުރި ހިސާބު: އެމްއެންޑީއެފުން އަންނަނީ މިހާރު ވެސް އެ ސަރަހައްދު ބަލަމުން

ޑިންގީގައި ދަތުރު ކުރި ހިސާބު: އެމްއެންޑީއެފުން އަންނަނީ މިހާރު ވެސް އެ ސަރަހައްދު ބަލަމުން

އޭނާ ވިދާޅުވީ މީގެ ކުރިން ވެސް އެ ޑިންގީ ބަންޑުން ޖަހާލުމުގެ ބައެއް ހާދިސާތައް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ފޮނަދު އާއި މާމެންދުއާ ދެމެދު އާއްމުކޮށް ދަތުރުކުރަނީ 250 ހޯސްޕަވަރުގެ އިންޖީނު އަޅާފައި ހުންނަ ލޯންޗް ފަހަރާއި ދޯނިފަހަރުގަ އެވެ. އެ ވަަރުގެ ލޯންޗެއްގައި އެއީ 20 މިނެޓުގެ ދަތުރެކެވެ.

މާމެންދޫގައި ދިރިއުޅޭ ޝިމާ ބޭސްފަރުވާއަކަށް މާލޭގައި އުޅުމަށް ފަހު ގަމަށް ދިޔައީ މިދިޔަ ހަފްތާގަ އެވެ. އޭނާ އެނބުރި މާމެންދުއަށް ދާން ހުކުރު ދުވަހުގެ އިރުއޮއްސި 6:15 ހާއިރު ފުރީ ގަމުގައި ދެ ދުވަހަކު މަޑުކުރުމަށް ފަހު ކަމަށް އާއިލާއާ ހަވާލާދީ، މާމެންދޫ ކައުންސިލުން ބުނެ އެވެ.

އެ ޑިންގީ ބަންޑުން ޖަހާލި ކަމަށް ރިޕޯޓް ލިބުނީ ހުކުރު ދުވަހުގެ ރޭ 10 ޖަހާކަންހާއިރު އެވެ. މައުލޫމާތު ލިބުނު އިރު އެ ހާދިސާ ހިނގިތާ ތިން ގަޑިއިރު ވަރު ވެދާނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

"ތެޔޮ ޓޭންކްގައި ހިފަހައްޓައިގެން އޮތުމަށް ޝިމާ ގާތު ބުނެފައި ފިރިހެން މީހާ ފަތާފައި ސިކްސް ސެންސް ލާމަށް އެރީ. އެ ހިސާބުން މީހުންނަށް މި އެނގުނީ ކަމެއް ހިނގިކަން،" ހުސައިން ވިދާޅުވި އެވެ.

ގެއްލުނު ޝިމާ ހޯދަން އެމްއެންޑީއެފުން ޑައިވިން ރޮބޮޓް ބޭނުން ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު ޝިމާ ހޯދަން އެމްއެންޑީއެފުން ޑައިވިން ރޮބޮޓް ބޭނުން ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

ޑިންގީ ދުއްވަން އިން ފަޒީލްއާ ހަވާލާދީ ހުސައިން ވިދާޅުވީ ޑިންގީ ބަންޑުން ޖަހާލީ ޕެޓްރޯލް ހުސްވެގެން ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.

"އެކަން އެހެން ހިނގައިފާނެ. ޑިންގީ ހުއްޓާލާފައި އޮންނަ ވަގުތު ވަރަށް ހަލުވާނެ. އެހެންވެ ބަންޑުން ޖަހާލުމުގެ ފުރުސަތު ބޮޑު،" އެރެއިން ފެށިގެން ޝިމާ ހޯދުމުގެ މަސައްކަތުގައި އުޅުއްވަމުން ގެންދަަވާ ހުސައިން ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ ދުވަހުގެ މަސައްކަތުން، އެމްއެންޑީއެފުން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް ޝިމާ އާއި ޑިންގީގެ އެއްވެސް ހިލަމެއް ނުވެ އެވެ. އަދި މިހާރު އެމްއެންޑީއެފުން އަަންނަނީ ޑައިވިން ރޮބެޓް ބޭނުންކޮށްގެން ކަނޑު އަޑި ބަލަމުންނެވެ.

މާމެންދޫގެ މީހުން ވެސް އެކި ހިސާބުތައް ބެލުމުގައި ހަރަކާތްތެރިވެ އެވެ. އެގޮތުން ޑިންގީ ބަންޑުން ޖަހާލި ސަރަހައްދުގައި އޮންނަ ގާދޫ ވެސް އެ މީހުން ބަލާފައިވެ އެވެ.

ފަޒީލަށް ފަރުވާ ދިނުމަށް ފަހު އިއްޔެ ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

ޝިމާގެ 18 މަހުގެ ތުއްތު ކުއްޖަކު އޮވެ އެވެ. އޭނާ ބަލަމުން އަންނަނީ ޝިމާގެ މަންމަ އެވެ.