25 ފެބުރުއަރީ 2019
ރާއްޖޭގެ އެންމެ ބޮޑު މަހުޖަނަށް ވެސް، އާސަންދަ ލިބެ އެވެ. އަދި 65 އަހަރުން މަތީގެ މީހެއް ނަމަ، ކިތައްމެ މުއްސަނދި ނަމަވެސް 5،000ރ ގެ މަހު އެލަވަންސް ލިބެ އެވެ. އެކަމަކު ރާއްޖޭގައި ކިޔަވައި ދިވެހި ދަރިވަރުންނަށް ސަރުކާރުން ދޭ އެހީތެރިކަން މާލޭގައި ހުންނަ އިންޓަނޭޝަނަލް ސްކޫލުތަކުގެ ދަަރިވަރުންނަކަށް ނުލިބެ އެވެ!
ރާއްޖޭގެ އެންމެ ބޮޑު މަހުޖަނަށް ވެސް، އާސަންދަ ލިބެ އެވެ. އަދި 65 އަހަރުން މަތީގެ މީހެއް ނަމަ، ކިތައްމެ މުއްސަނދި ނަމަވެސް 5،000ރ ގެ މަހު އެލަވަންސް ލިބެ އެވެ. އެކަމަކު ރާއްޖޭގައި ކިޔަވައި ދިވެހި ދަރިވަރުންނަށް ސަރުކާރުން ދޭ އެހީތެރިކަން މާލޭގައި ހުންނަ އިންޓަނޭޝަނަލް ސްކޫލުތަކުގެ ދަަރިވަރުންނަކަށް ނުލިބެ އެވެ!
ދިވެހި އިސްލާމް މާއްދާގެ އިތުރުން ގުރުއާން ވެސް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހަމަޖައްސާފައި އޮތުމުން، ސަރުކާރު ސްކޫލުތަކެކޭ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލުތަކުގައި ވެސް އެ މާއްދާތައް ކިޔަވައިދޭން ޖެހެ އެވެ. އެކަމަކު ސްކޫލުގެ ކުރިއަށް "އިންޓަނޭޝަނަލް" އަންނާތީ ބެލެނިވެރިން ޖެހެނީ އަމިއްލައަށް ފޮތްތައް ގަންނާށެވެ. މިއީ އިންޓަނޭޝަނަލް ބައެއް ސްކޫލުތަކުގެ ވެރިންގެ އިތުރުން ބެލެނިވެރިންގެ ވެސް ހިތްހަމަނުޖެހުން އޮތް މައްސަލައެކެވެ.
މީގެ 10 އަހަރު ކުރިން އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކުރި ފުރަތަމަ ސްކޫލު، ޣިޔާސުއްދީން ސްކޫލުގެ އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ އިމާރާތެއް ލިބުން ފިޔަވައި އިތުރު އެހީއެއް އެ ސްކޫލަށް ނުލިބުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ސްކޫލު ފީ ސަރުކާރުން ދައްކައިނުދިނަސް، ދިވެހި އެހެން ދަރިވަރުންނަށް ދޭ ގޮތަށް ސްޓޭޝަނަރީ އާއި ދިވެހި، އިސްލާމް ޓެކްސްޓް ފޮތްތައް ލިބުމަކީ، ބެލެނިވެރިންނަށް އެހީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރަކު ސްކޫލަށް ވަންނަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ސަރުކާރުގެ އެހީ ބޭނުންވާ ބެލެނިވެރިންނަށް އެ ފުރުސަތުު ފަހިކޮށްފައި އޮތުން ރަނގަޅު، އެގޮތް ބޭނުން ނުވާ ބެލެނިވެރިން އަމިއްލައަށް ގަތުމުގެ ފުރުސަތު ދީފައި. އޭރުން ވަރަށް ބޮޑު އެހީއަކަށް ވާނެ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ޣިޔާސުއްދީންގެ ސްކޫލްގެ ވެރިޔަކު ވިދާޅުވި އެވެ..
"އިސްލާމް ދިވެހި މާއްދާގެ ފޮތް ވެސް މި ޖެހެނީ ގަންނަން. މި ޝަކުވާ ކުރިން ވެސް ކޮށްފައި އޮންނާނީ. އެކަމަކު އެއްވެސް ކަމެއް ބަދަލެއް ނުވޭ."
އޭނާ ވިދާޅުވީ ޣިޔާސުއްދީނަށް ކުދިން ފޮނުވަނީ، އާންމުކޮށް ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތަށް، މުއްސަނދިން ނުވަތަ އަތްމަތި ތަނަވަސް ބެލެނިވެރިން ނޫން ކަމަށެވެ. ރަނގަޅު ތައުލީމެއް ދަރިންނަށް ފޯރުކޮށްދިނުމަށްޓަކައި، ވަރަށް އާދައިގެ މީހުން ވެސް، އެމީހުންގެ އާމްދަނީގެ ބޮޑު ބައެއް ގުރުބާން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުދުންތެރިކަން ހުރެގެންނެއް ނޫން ވަކި ދަރިފުޅު އިންޓަނޭޝަނަލް ސްކޫލަކަށް މި ފޮނުވަނީ. އެ ސްކޫލުން ކިޔަވައިދޭ ގޮތާ މެދު ހިތްހަމަޖެހިގެން ރަނގަޅު މުސްތަގުބަލަކަށް،" ގާތްގަނޑަކަށް 900 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ޣިޔާސުއްދީންގެ ބެލެނިވެރިއަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
"މި ބުނަނީ ސަރުކާރުން ކޮންމެހެން ސްކޫލު ފީ ދައްކައިދޭށެކޭ ނޫން. ސްޓޭޝަނަރީ އާއި މަޖުބޫރު މާއްދާތަކުގެ ފޮތްތައް ދޭން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑުގެ ދަރިފުޅަށް ސަަރުކާރުން އެހެން ކުދިންނަށް ދޭ އެހީ ނުލިބޭ ނަމަ މުއްސަނދިންނަށް އާސަންދަ ވެސް ލިބިގެންނުވާނެ."
އިންޓަނޭޝަނަލް ސްކޫލަކަށް އަހުމަދިއްޔާ ބަދަލުވިޔަސް ސަރުކާރުން އެ ސްކޫލާ މެދު ގެންގުޅެނީ، ޣިޔާސުއްދީނާއި، ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ އިތުރުން ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލާ ތަފާތު އުސޫލެކެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ އަވަށު މަދަރުސާ ކޮންސެޕްޓަށް ހިންގާ ތަނަކަށް ވާތީ އެތަނަށް ސަރުކާރުގެ އެހީތެރިކަން ލިބޭ ކަމަށެވެ. އިންޓަނޭޝަނަލް އެހެން ސްކޫލުތަކާ އަޅާބަލާއިރު އަހުމަދިއްޔާގެ ދަރިވަރުން ދައްކަން ޖެހޭ ފީ ވެސް އޮންނަނީ ކޮންޓްރޯލްކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ސްކޫލްގެ ފީ 1،500ރ. އަށް ވުރެ ބޮޑު ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެ ސްކޫލުގައި ގައުމީ މަންހަޖުގައި ހިމެނޭ މާއްދާތައް ކިޔަވާދޭ އިރު ހުރިހާ ފޮތްތަކެއް ދެނީ ސަރުކާރުންނެވެ. ބެލެނިވެރިން ކުރަން ޖެހޭ ކަމަކީ، އިތުރަށް ކިޔަވަން ޖެހޭ މާއްދާތަކުގެ ފޮތްތައް ގަތުމެވެ.
ރަޝީދު ވިދާޅުވީ އެ ފޮތްތަކަށް ހަރަދުވާނީ 200ރ. އަށް ވުރެ މަދުންނެވެ. ސްޓޭޝަނަރީ ވެސް ދެނީ ސަރުކާރުންނެވެ.
ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް: ސަރުކާރުގެ އެހީތެރިކަން އިންޓަނޭޝަނަލް ސްކޫލްތަކަށް ވެސް ބޭނުންވޭ -- ފޮޓޯ: ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލު
އަހުމަދިއްޔާގައި ވެސް ޕްރީ ސްކޫލުން ފެށިގެން ގްރޭޑު ހަތަރަކާ ހަމައަށް ކެމްބްރިޖްގެ ސިލަބަހަށް ކިޔަވައިދޭން މި އަހަރު ފަށަން ވަނީ ތައްޔާރުވެފަ އެވެ. އެކަމަށް ބޭނުންވާ ފޮތްތަކަށް ސަރުކާރުން އެހީ ދިނުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ. އަންނަ އަހަރު ގްރޭޑު 5-7 އަށް އެ ސިލަބަހަށް ކިޔަވައިދޭން ފަށާނެ ކަމަށް ރަަޝީދު ވިދާޅުވި އެވެ.
"އަވަށު މަދަރުސާއެއްގެ ގޮތުގައި ކިޔަވައިދެމުން އަންނާތީ މިިނިސްޓްރީގެ އެހީތެރިކަން ލިބޭ. މި ޕްރީ ސްކޫލު ޓީޗަރުންނަށް ވެސް ސަރުކާރުން މުސާރަ ދެނީ،" ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12އާ ހަމައަށް 2،900 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
"ބޮޑު ފީއެއް ނަގައިގެން ކިޔަވައިދެންޏާ އެހީއެއް ނުދޭނެ. ވަރަށް އުފާވޭ ސަރުކާރުގެ އެހީތެރިކަން ލިބޭތީ."
އިންޓަނޭޝަނަލް ސްކޫލުތަކުގެ ދަރިވަރުންނަށް ވެސް މީގެ ކުރިން ސަރުކާރުން ސްޓޭޝަނަރީ ދިނެވެ. އެކަމަކު ވަކި ކަރިކިއުލަމަށް ކިޔަވައިދިނުމުގެ އިތުރުން ބޮޑޫ ފީތަކެއް ނަގައިގެން ހިންގާ ސްކޫލުތަކަށް ވާތީ ކަމަށް ބުނެ އެ އެހީތެރިކަން 2017 ގައި ވަނީ ހުއްޓާލައިފަ އެވެ. މިދިއަ ތިން އަހަރު، ފޮތްތަކުގެ އިތުރުން ސްޓޭޝަނަރީ ގަންނަން ހަރަދުކޮށްފައިވަނީ ވެސް ބެލެނިވެރިންގެ ޖީބުންނެވެ.
އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަދެއްކި ޣިޔާސުއްދީން ސްކޫލުގެ ބެލެނިވެރިއަކު ބުނީ ސްކޫލުގެ ފޮތްތަކަށް ކޮންމެ އަހަރަކު ވެސް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އިސްލާމާއި ދިވެހި އަދި ގުރުއާން ފޮތްތައް އެކަނި ނަމަވެސް ސަރުކާރުން ދޭ ނަމަ ޖީބަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.
ޓީޗާސް ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެޑިއުކޭޝަންގެ އިސް ވެރިންތަކެއް: އެންމެ ބޮޑު ބަޖެޓެއް ދީފައި ވަނީ އެޑިޔުކޭޝަނަށް .-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
"ދިވެހި އެހެން ކުދިންނަށް ސަރުކާރުން ދޭ އެހީއެއް ވިއްޔާ އިންޓަނޭޝަނަލް ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ލިބެން ޖެހޭނެ. އެހެން ނޫން ނަމަ އެ ކުދިންނާއި އެހެން ކުދިންނާ ސަރުކާރުން ތަފާތު އެ ކުރަނީ،" އެ ބެލެނިވެރިޔާ ބުންޏެވެ.
އޭނާ ދެން ފާހަގަކުރީ ސަރުކާރުގެ ހިލޭ އެހީގައި ޑިގްރީއަށް ކިޔަވަން ހުޅުވާލި ފުރުސަތެވެ. މި މަހުގެ 14 ވަނަ ދުވަހު ހުޅުވާލި ހިލޭ ޑިގްރީ ޕްރޮގްރާމުން، އަމިއްލަ ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންގެ ކޯސް ފީގެ ބޮޑު ބައެއް ސަރުކާރުން ދައްކައިދެ އެވެ. އެކަންކަމަށް ބަލާއިރު، އިންޓަނޭޝަނަލް ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ އެހީތެރިކަން ލިބެން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މިއަހަރަށް ފާސްކުރި 30 ބިލިއަން ރުފިޔާގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރަނީ ތައުލީމީ ދާއިރާއަށެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއަށް ތިން ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފަ އެވެ.
ޣިޔާސުއްދީން ސްކޫލްގެ އޮފިޝަލް ދެކެވަޑައިގަންނަވާ ގޮތުގައި ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމުގައި އިންޓަނޭޝަނަލް ސްކޫލްތަކުގެ ހިއްސާ ބޮޑެވެ. މާލޭގެ ސްކޫލުތަކުގެ ޖާގަ ފުރިގެން އިތުރު ސްކޫލުތަކަށް ބޭނުން ޖެހިފައިވާއިރު، އެ ޖާގަތައް ފަހިކޮށްދެނީ އިންޓަނޭޝަނަލް ސްކޫލުތަކުންނެވެ.
ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން ބުނި ގޮތުގައި، އިންޓަނޭޝަނަލް ފެންވަރުގައި ސްކޫލެއް ހިންގިއަސް ސަރުކާރުން ކޮންމެވެސް އެހީތެރިކަމެއް ދޭން ޖެހޭނެ އެވެ. އެކަމަކު އެފަދަ އެހީތެރިކަމެއް ނުލިބޭތީ =ވަރަށް ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރާ ކަމަށް، 800 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލު ހިންގާ ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު ވިދާޅުވި އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް: އެ ސްކޫލަށް ސަރުކާރުން އެހީތެރިކަން ދޭ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މީގެ ދެ އަހަރު ކުރިން ވެސް އެކަމަށް އިޝާރާތްކުރިން [މިނިސްޓްރީއަށް]. އެކަމަކު މާ ބޮޑު ކުރިއެރުމެއް ނުލިބޭ. ބެލެނިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ވައުޗާ ނުލިބުމާއި މަޖުބޫރު މާއްދާތަކުގެ ފޮތްތައް ވެސް ގަންނަން ޖެހުން،" މޫސަ ވިދާޅުވި އެވެ.
ދިވެހި ހުރިހާ ދަރިވަރުންނަށް ދައުލަތުގެ ބަޖެޓުން ދޭ އެއްޗަކުން އިންޓަނޭޝަނަލް ސްކޫލްތަކުގެ ދަރިވަރުން މަހުރޫމްވުމަކީ، އެ ސްކޫލްތަކުގެ މެނޭޖްމަންޓާއި ބެލެނިވެރިންނަށް ބޮޑު މަައްސަލައެކެވެ.
.
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
އިންޓަނޭޝަނަލް ސްކޫލުތަކަށް ޑޭޓާ ދިނުން ހުއްޓާލައިފި
ސްކޮލާސްކަޕްގައި ދިވެހި ދަރިވަރުން ވިދާލައިފި
ވޯލްޑް ސްކޮލާސް ކަޕްގެ ފަހު ބުރަށް ގިނަ ޓީމުތަކެއް
ވޯލްޑް ސްކޮލާސް ކަޕްގައި ދިވެހި ދަރިވަރުން ވިދާލައިފި
އިންޓަނޭޝަނަލް ސްކޫލުތަކަށް ސްޓޭޝަނަރީ ދިނުން ހުއްޓާލަނީ
އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރަން 1.3 ބިލިއަން
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ