Roadha Mihaaru

އަވަށު މަދަރުސާތަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި 14.7 މިލިއަން ރުފިޔާ، އެންމެ ބޮޑު ހޭދަ އަހުމަދިއްޔާ އަށް

އަވަށު މަދަރުސާތަކަށް މި އަހަރުގެ މިހާތަނަށް 14.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަވަށު މަދަރުސާތަކަށް މިހާތަނަށް 14.7މިލިއަން ރުފިޔާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

11 މެއި 2025

އަވަށު މަދަރުސާތަކަށް މި އަހަރުގެ މިހާތަނަށް 14.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން މިދިޔަ މަހުގެ 13 ގައި ހުށަހެޅި ސުވާލުތަކަށް މިދިޔަ އަންގާރަ ދުވަހު އެ މިނިސްޓްރީން ވަނީ ޖަވާބު ދީފަ އެވެ.

މިނިސްޓްރީން ބުނީ އަވަށު މަދަރުސާގެ ގޮތުގައި ބަލަނީ މާފަންނު މަދަރުސާ އާއި ގަލޮޅު މަދަރުސާ އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ކަމަށެވެ.

އެ ތަންތަން ބަލަހައްޓަނީ މާލެ ސިޓީ ކައުންސިލުންނެވެ. ނަމަވެސް، ސްކޫލުތަކަށް ދޭ ފައިސާ ބަލަހައްޓަނީ އެ ސްކޫލަކުންނެވެ. ބައެއް ޓީޗަރުންނަށް ސީދާ އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުން މުސާރަ ދެ އެވެ.

އެ ސްކޫލުތަކަށް މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ 14.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އޭގެ އެންމެ ބޮޑު ހަރަދެއް ހިނގަނީ، ދަރިވަރުން އެންމެ ގިނަ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށެވެ.

އަހުމަދިއްޔާ ސްކޫލަށް ހަތަރު މަސް ދުވަހުގެ ތެރޭގައި 9.6 މިލިއަން ރުފިޔާ، ގަލޮޅު މަދަރުސާ އަށް 345،800ރ، މާފަންނު މަދަރުސާ އަށް 359،954ރ އަދި އަވަށު މަދަރުސާއެއްގެ ގޮތުގައި ނުބެލިއަސް އަމީރު އަހުމަދު ޕްރީ ސްކޫލަށް 729،504ރ. ހޭދަކުރި އެވެ.

ވާރޭގައި ގެއްލުން ލިބުމުން މާފަންނު މަދަރުސާ އަދި ގަލޮޅު މަދަރުސާގެ ތެރެއިން ކޮންމެ ސްކޫލަކަށް މި އަހަރު 75،000ރ. ހަރަދުކޮށްފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ ހަތަރު މަސް ތެރޭގައި އަވަށު ސްކޫލްތަކުގައި ބައެއް ޓީޗަރުންގެ މުސާރަ އަށް ވެސް ބަޖެޓުން ހޭދަކޮށްފަ އެވެ. އެއީ:

- ގަލޮޅު މަދަރުސާގެ 15 ޓީޗަރުންގެ މުސާރަ އަށް 1،017،386ރ،

- މާފަންނު މަދަރުސާގެ 18 ޓީޗަރުންގެ މުސާރައަށް 958،752ރ.

- އަހުމަދިއްޔާގެ 24 ޓީޗަރުންގެ މުސާރައަށް 1،420،311ރ.

މިދިޔަ އަހަރު އެ ސްކޫލުތަކަށް 40 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ދަރިވަރުންގެ ފީގެ ގޮތުގައި އަހުމަދިއްޔާ ސްކޫލަށް މިދިޔަ އޭޕްރީލް މަހު 9.6 މިލިއަން ރުފިޔާ އަދި ޓީޗަރުންގެ ވިސާގެ ކަންކަމަށް 107،971ރ. ހޭދަކޮށްފައިވެ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރެއިން އަހުމަދިއްޔާ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ. އެ އަހަރު އޭ ލެވެލް ކިޔެވި ދަރިވަރުންގެ ފީގެ ގޮތުގައި 24.9 މިލިއަން ރުފިޔާއާއެކު ޖުމްލަ 29.5 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ދެހާސް އެކާވީސް ވަނަ އަހަރު 13.7 މިލިއަން ރުފިޔާ، 2022 ވަނަ އަހަރު 15.4 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު މިނިސްޓްރީގެ ބަޖެޓުން 29.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޫލުތައް އޮޑިޓުކޮށް، މިނިސްޓްރީއަށް ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އަވަށު މަދަރުސާގެ ގޮތުގައި ބަލާ ތަނެއް، އިންޓަނޭޝަނަލް ފެންވަރުގައި ހިންގިދާނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާތީ މިނިސްޓްރީން ވަނީ އަހުމަދިއްޔާ ސްކޫލު އޮޑިޓު ކޮށްދިނުމަށް އޮޑިޓު އޮފީހުގައި އެދިފަ އެވެ.

އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެ ސްކޫލު އޮޑިޓުކުރާ ކަމަށެވެ. އަދި އަވަށު މަދަރުސާގެ ގޮތުގައި ހިންގަނީ އެލްކޭޖީ އަދި ޔޫކޭޖީ އެކަނި ކަމަށާއި އެ ދަރިވަރުންގެ ފީ ވެސް، އަވަށު އެހެން މަދަރުސާތަކޭ އެއްގޮތަށް މިނިސްޓްރީން ފީ ދައްކައިދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާ ކަމަށް ރަޝީދު ވިދާޅުވި އެވެ.