Roadha Mihaaru
ޔާމީން މިނިވަންކޮށްދޭން އެދި ރައީސްއާ ބައްދަލުކޮށްފި

ޔާމީން މިނިވަންކޮށްދޭން އެދި ރައީސްއާ ބައްދަލުކޮށްފި

24 ފެބުރުއަރީ 2019

މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްދޭން އެދި ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްދޭން އެދި ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމަށް ފަހު، ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ރައީސްއާ ބައްދަލުކުރައްވައި ދައްކަން ބޭނުންވި ހުރިހާ ވާހަކައަކަށް ފުރުސަތު ދެއްވި ކަމަށެވެ. އަދި ވަރަށް "ޕޮޒިޓިވް ޖަވާބުތަކެއް" ވެސް ދެއްވި ކަމަށް ވިދާޅުވި އެވެ.

ރައީސްގެ އެޕޮއިންޓްމެންޓަކަށް މިދިޔަ ބުރާސްފަތިދުވަހު އެދިގެން މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭ ތަފްސީލެއް އަބްދުއްރަހީމް ނުދެއްވަ އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޔާމީންގެ ޝަރީއަތް ހިންގަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ އެކަން ހުއްޓުވައި ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށް ޔާމީން ވަނީ، އެމަނިކުފާނުގެ ވަޒީރުންނާއި މަޖިލީސް މެމްބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

މާފުށީ ޖަލުގައި ބަންދުކުރި ފަހުން ޔާމީން މިގޮތަށް އެދިވަޑައިގަތީ، އެމަނިކުފާނުގެ ވަޒީރަކު މެދުވެރިކޮށް ޕީޕީއެމްގެ ކައުންސިލްގެ ވައިބަ ގްރޫޕަށް ފޮނުވި މެސެޖެއްގަ އެވެ.

ޔާމީނާއި އެމަނިކުފާނުގެ ޕާޓީގެ އިސް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލައި ޝަރީއަތް ހިންގަނީ ބޭއިންސާފުންނެވެ.

އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

އިސްލާމިކް ބޭންކް ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.

އެ، އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާ ގޮތަށެވެ. އެކަމަކު އެއާޚިލާފަށް އަމަލުކުރައްވައި، ދައުލަތުގެ އިދާރާތަކަށް ވެސް ދޮގު މައުލޫމާތު ދެއްވައި، އިސްލާމިކް ބޭންކުގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުން މަނީ ލޯންޑަރިން ހިންގެވި ކަމަށް ފުލުހުން ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފަ އެވެ.

އެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގަ އެވެ. އެއީ، ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެކެވެ. އެ ގޮޅިތައް ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ. ކޮޓަރީގައި އޭސީ އާއި އެނދާއި މަޑުގޮދަނޑި އަދި އަލަމާރި ވެސް ހުރެ އެވެ. އައިސްއަލަމާރި އާއި އެއްޗެހި ދޮންނަ އޮޓޯ މެޝިން ވެސް ބަހައްޓާފައި ހުރެ އެވެ. ފާހާނާގައި ހޫނު ފެނާއި ފިނިފެނުން ފެންވެރެން ހުރެ އެވެ.