Roadha Mihaaru
"ނިއުކްލިއާ އެންމެ ހަމަލާއެއް ދިނަސް ޕާކިސްތާނުގެ ދުވަސްދާނެ"

ނިއުކްލިއާ އެންމެ ހަމަލާއެއް ދިނަސް އިންޑިއާ އިން ޕާކިސްތާނުގެ ދުވަސް ދުއްވާލާނެ: މުޝައްރަފް

25 ފެބުރުއަރީ 2019

އަބޫ ދާބީ (ފެބްރުއަރީ 25) - ޕާކިސްތާނުން ނިއުކްލިއާ އެންމެ ހަމަލާއެއް ދީފި ނަމަ، ރައްދުގައި އިންޑިއާ އިން ނިއުކްލިއާ 20 ބޮން އަޅާނެ ކަމަށާއި އޭރުން އޮންނާނީ ޕާކިސްތާނުގެ ދުވަސް ގޮސްފައި ކަމަށް ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަބޫ ދާބީ (ފެބްރުއަރީ 25) - ޕާކިސްތާނުން ނިއުކްލިއާ އެންމެ ހަމަލާއެއް ދީފި ނަމަ، ރައްދުގައި އިންޑިއާ އިން ނިއުކްލިއާ 20 ބޮން އަޅާނެ ކަމަށާއި އޭރުން އޮންނާނީ ޕާކިސްތާނުގެ ދުވަސް ގޮސްފައި ކަމަށް ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް ވިދާޅުވެއްޖެ އެވެ.

ޔޫއޭއީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުޝައްރަފް ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެ މިހާރު އޮތީ ނުރައްކާ ހާލަތެއްގައި ކަމަށެވެ.

"ޕާކިސްތާނުން ނިއުކްލިއާ އެންމެ ބޮމެއް އަޅައިފި ނަމަ އިންޑިއާ އިން އޭގެ 20 ބޮން އަޅައި އަހަރެމެންގެ ކަންތައް ނިންމާލާނެ. އެހެންވީމާ ޕާކިސްތާނުން ފުރަތަމަ ހަމަލާ ދެންޏާ އިންޑިއާ އަށް ނިއުކްލިއާ 50 ބޮން އަޅަން ޖެހޭނެ. އެފަދަ ހަމަލާއެއް ދޭން ޕާކިސްތާން ތައްޔާރުބާ؟" މުޝައްރަފް ސުވާލު ކުރެއްވި އެވެ.

ޕާކިސްތާނުގެ ކުރީގެ އަސްކަރީ ޖެނެރަލް މި މޭރުމުން ވާހަކަ ދެއްކެވީ ޕާކިސްތާނަށް ނިސްބަތްވާ ޖަމާއަތަކުން ކަޝްމީރުގައި ޓެރަރިސްޓް ހަމަލާއެއްދީ އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހުން މަރާލާފައި ވަނިކޮށެވެ.

އަސްކަރީ ބަޣާވާތެއްގައި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ވެރިކަން ވައްޓާލައި ޕާކިސްތާނުގެ ވެރިކަމަށް މުޝައްރަފް ވަޑައިގެންނެވީ 1999 ވަނަ އަހަރު އެވެ. ވެރިކަމުގައި ނުވަ އަހަރު ހޭދަކުރެއްވި ފަހުން، އޭނާ ބަލި ކުރައްވައި ނަވާޒް ޝަރީފް ވަނީ އަނެއްކާވެސް ވެރިކަން ހޯއްދަވައިފަ އެވެ.

މުޝައްރަފް މިހާރު ދިރިއުޅުއްވަނީ އަމިއްލަ އަށް އަރުވާލެވިގެން ޔޫއޭއީގަ އެވެ.