Roadha Mihaaru
މުހިންމު ބިލް ތާށިވެފައި، މިއީ ކޮން ކަހަލަ ރޭވުމެއް؟

މުހިންމު ބިލް ތާށިވެފައި، މިއީ ކޮން ކަހަލަ ރޭވުމެއް؟

28 ފެބުރުއަރީ 2019

ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލިހުގައި "ކަސްތޮޅު" އެޅުވިފައި އޮންނަތާ މިއަދަށް 60 ދުވަސް ވީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް "ވިއްކި" އެއް ކަމަކީ ގޮތް ނޭނގޭ މަރުގެ މައްސަލަތަކާއި ދައުލަތުގެ ފައިސާ އާއި މުދަލަށް ވެފައިވާ ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަ ބަލާނެ ކަމުގެ ވައުދެވެ. އެއަށް ބާރު ލިބޭ ގޮތަށް މަޖިލިހަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ގަސްދުގައި ހުރަސް އަޅުއްވަނީ ސަރުކާރު ކޯލިޝަންގައި ތިއްބެވި ބައެއް މެމްބަރުންނެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލިހުގައި "ކަސްތޮޅު" އެޅުވިފައި އޮންނަތާ މިއަދަށް 60 ދުވަސް ވީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް "ވިއްކި" އެއް ކަމަކީ ގޮތް ނޭނގޭ މަރުގެ މައްސަލަތަކާއި ދައުލަތުގެ ފައިސާ އާއި މުދަލަށް ވެފައިވާ ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަ ބަލާނެ ކަމުގެ ވައުދެވެ. އެއަށް ބާރު ލިބޭ ގޮތަށް މަޖިލިހަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ގަސްދުގައި ހުރަސް އަޅުއްވަނީ ސަރުކާރު ކޯލިޝަންގައި ތިއްބެވި ބައެއް މެމްބަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ގައުމީ މައްސަލަތަކުގައި ކޮމިޝަންތައް ހަދައިގެން ތަހުގީގު ކުރުމަކީ އާ ކަމެއް ނޫނެވެ. ގެއްލިފައިވާ ދައުލަތުގެ ފައިސާ އާއި މުދާ ހޯދުމުގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރިޔާސީ ކޮމިޝަނެއް ހެދި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ރިޔާސީ ކޮމިޝަނެއް ހަދައި، ކުރީ ސަރުކާރުގެ ބައެއް ކަންކަން ބަލާފައިވެ އެވެ. އަދި އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާ ބެހޭ ގޮތުން ވެސް އެފަދަ ކޮމިޝަނެއް ހެދި އެވެ. އޭގެ އިތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މާފުށީ ޖަލުގައި އަނިޔާކޮށްގެން އީވާން ނަސީމް މަރާލުމާއި އޭގެ ފަހުން ބަޑި ޖަހައި އެތައް ގައިދީންނެއް މަރާލުމުން އެކަން ތަހުގީގު ކުރުމަށް ވެސް ކޮމިޝަން ހެދި އެވެ.

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވަނީ، ގާނޫނުއަސާސީން ރައީސަށް ދީފައި އޮތް ބާރެއްގެ ތެރެއިން ހަދާ ކޮމިޝަންތަކާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދަށް ގެންނަވާށެވެ. އެކަމަކު ރިޔާސީ ކޮމިޝަންތަކުގެ ބިލް އެންމެ ފުރަތަމަ މަޖިލިހަށް ހުށަހެޅި އިރު އޮތީ، ގާނޫނުތަކާއި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ބައެއް ކަންކަމާ ވެސް ފުށުއަރާ ގޮތަށް، މުޅިން ގޯސްކޮށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުގެ އިތުރުން ގާނޫނީ ވަކީލުންގެ ނުރުހުން ވެސް އެއަށް އަމާޒުވި އެވެ. އެހެންވެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލް މަޖިލިހުގެ ތަޅުމަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ފުށުއަރާ ބައިތައް އުނި ކުރުމަށް ފަހު އެވެ.

"ކައުންސިލަ ޖެނެރަލް ބިލް ބައްލަވާފައި އޮތީ ރަނގަޅަށް ކަމަށް ވިދާޅުވީމަ، ބިލް ފޮނުވީ. ހުރިހާ ޕާޓީތަކަކާ ވާހަކަ ދައްކައިގެން އެބޭފުޅުން ހިތްހަމަޖެހޭ ގޮތަކަށް ބަދަލު ކުރީ،" --- ރޮޒެއިނާ

ރިޔާސީ ކޮމިޝަންތަކުގެ ބިލަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ބިލެކެވެ. އެހެންކަމުން ބިލް ފާސްކުރަން ވޯޓު ނަގާ އިރު މަޖިލިހުގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ތަޅުމުގައި ތިބެން، ގާނޫނުއަސާސީ ލާޒިމްކުރެ އެވެ. އެއީ މިހާރު މަޖިލިހުގައި ތިއްބަވާ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުންނެވެ.

މައްސަލައަކަށް ވެފައި ވަނީ އެ އަދަދެވެ. ބިލް ފާސްކުރަން ހަތަރު ފަހަރަށް އެޖެންޑާކޮށްގެން ވެސް އެ އަދަދަށް މެމްބަރުންނެއް ނުތިއްބަވަ އެވެ. އެހެންކަމުން އެއީ އިދިކޮޅު މެމްބަރުންނާއި، ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ބައެއް މެމްބަރުން އެކުވެގެން ހިންގަވާ ނުބައި އަމަލެއް ކަމަށް، ބައެއް މީހުން ސިފަކުރެ އެވެ.

ފުރަތަމަ އުޅުނީ މިދިއަ އަހަރުގެ ފަހު ދައުރަށް ފަހު ޗުއްޓީއަށް ދިއުމުގެ ކުރިން ބިލް ފާސްކުރާށެވެ. އެކަމަކު ޑިސެމްބަރު މަހުގެ ތެރޭގައި އޮތް ޖަލްސާގައި ވޯޓު ނުނެގުނީ ހަތަރު މެމްބަރުން މަދުވުމުންނެވެ. މި އަހަރަށް މަޖިލިހުގެ މަސައްކަތް މިދިޔަ ހޯމަދުވަހު ފެށުމާ އެކު ބިލަށް ވޯޓަށް އެހޭ ގޮތް ނުވީ އެންމެ މެމްބަރެއް މަދުވެގެންނެވެ. މިދިޔަ އަންގާރަ ދުވަހު މަދުވީ ހަ މެމްބަރުންނެވެ. އެންމެ ފަހުން، އިއްޔެ އޮތް މަޖިލިހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންތަކުގެ ބިލް އެޖެންޑާ އިން ނަގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް އަލުން ފޮނުވީ އެވެ.

މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ކޮމިޓީ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ފޮނުވީ ކޮމިޓީން ފާސްކުރި ގޮތަށް ނޫން ކަމަށް ވިދާޅުވެ ހަ މެމްބަރަކު ސޮއިކުރެއްވި ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، މިކަން ތަހުގީގުކޮށްފައި ނޫނީ ރިޔާސީ ކޮމިޝަންގެ ބިލަށް ވޯޓަށް އެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، ކޮމިޓީން އަލުން ބިލްގެ މަސައްކަތް ކުރިއަށް ގެންދަން އެދިވަޑައިގެންނެވި އެވެ.

ސިޓީގައި ސޮއިކުރެއްވި ހަ މެމްބަރުން:

- ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު

- ކަނޑިތީމު ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މުހައްމަދު ހުސެއިން

- ފުނަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ސަލީމް

- ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް

- ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް

- ގައްދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ރަޝީދު

"ކޮމިޓީ ރިޕޯޓަށް ބަދަލެއް ނުގެންނަން، އެއީ ދޮގެއް"

ގާސިމްގެ ވާހަކަތަކާ ގުޅިގެން އެންމެ ބޮޑު ތުހުމަތެއް އިސްތަށިފުޅުގައި އެޅިފައި ވަނީ އެ ކޮމިޓީގެ ކުރީގެ މުގައްރިރު، އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމަށެވެ.

ރިޔާޒް ރަޝީދު ވިދާޅުވި ގޮތުގައި ބިލަށް ބަދަލުތައް ގެންނެވުމުގެ އަޑީގައި ހުންނެވީ ރޮޒެއިނާ އެވެ. ކޮމިޓީން ބިލް ފާސްކޮށްފައި އޮއްވައި ރޮޒެއިނާ ބިލަށް ބަދަލުތައް ގެނައުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީގެ މުގައްރިރަކަށް އުނި އިތުރެއް ނުގެނެވޭނެ. އަޅުގަނޑުމެންގެ އަތަށް ކޮމިޓީ ރިޕޯޓު އެރި ހިސާބުން ފެށިގެން އެކަން ވާނީ ގާސިމްގެ ސަމާލު ކަމަށް ގެނެސްފައި،" ރިޔާޒް ވިދާޅުވި އެވެ.

"މައްސަލައެއް ކޮމިޓީން ފާސްކޮށްފިއްޔާ އެގޮތަކަށް އޮންނަން ވާނީ. އޭގެ ފަހުގައި ރިޕޯޓު ތައްޔާރުކޮށްފައި މަޖިލިހުގެ ރައީސަށް ފޮނުވާނީ. މުގައްރިރު ކުރައްވަން ޖެހޭ ކަމަކީ އެއީ."

ބިލަށް އިތުރު ކުރި އެއް މާއްދާގެ ގޮތުގައި ރިޔާޒް ތުހުމަތުކުރެއްވީ 18 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ކޮމިޝަންގެ މަސްއޫލިއްޔަތުތައް ފުރިހަމަ އަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކު ވެސް މަޖިލިހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދޫކުރަން ވާނެ ކަމަށެވެ. އަދި އެކަމަށް ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން އެ ކޮމިޝަނަކުން ބަޖެޓު އެކުލަވާލައި ދައުލަތުގެ ބަޖެޓާ އެކު ކޮންމެ އަހަރަކު މަޖިލިހަށް ފޮނުވަން ވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

ނޫސްވެރިޔަކު އިއްޔެ ކުރި ސުވާލަކަށް ރޮޒެއިނާ ޖަވާބު ދެއްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނޫސްވެރިޔަކު އިއްޔެ ކުރި ސުވާލަކަށް ރޮޒެއިނާ ޖަވާބު ދެއްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކަމަކު ރިޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވައި، ރޮޒެއިނާ ވިދާޅުވީ ކޮމިޓީ ރިޕޯޓާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ކޮމިޓީން ބިލް ފާސްކުރީ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ އާއި އެހެން ބޭފުޅުންގެ ވާހަކަތަކަށް "އެޓެންޑް" ކުރުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

"ކައުންސިލަ ޖެނެރަލް ބިލް ބައްލަވާފައި އޮތީ ރަނގަޅަށް ކަމަށް ވިދާޅުވީމަ، އަޅުގަނޑުމެން ބިލް ފޮނުވީ. ހުރިހާ ޕާޓީތަކަކާ ވާހަކަ ދައްކައިގެން އެބޭފުޅުން ހިތްހަމަޖެހޭ ގޮތަކަށް ބަދަލުކުރީ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވާ ރޮޒެއިނާ ވިދާޅުވި އެވެ.

"އަޅުގަނޑު ނޯންނާނެ ބިލަށް އެއްވެސް ބަދަލެއް ގެނެސްފައި. އެއީ ކަނޑައެޅިގެން ދޮގެއް."

"ގާސިމަކަށް ބިލް އަނބުރާ ކޮމިޓީ އަށް ނުފޮނުވޭނެ"

ރިޔާސީ ކޮމިޝަންތަކުގެ ބިލް އަނބުރާ ކޮމިޓީ އަށް ފޮނުވާލުމާ ގުޅިގެން ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ މެމްބަރުންގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރެއްވީ ގާސިމަށެވެ. ޖަލްސާގައި ގާސިމް މަޖިލިހުގެ ގަވައިދު ކަމަށް ވިދާޅުވެ، ހަވާލާ ދެއްވީ ވުޖޫދުގައި ނެތް މާއްދާއަކަށް ކަމަށް، އެމްޑީޕީ މެމްބަރުން ވިދާޅުވެ އެވެ. އެހެންކަމުން ބިލް އަނބުރާ ފޮނުވާލެއްވުމަކީ ގަވައިދާ ހިލާފަށް ނިންމެވި ނިންމެވުމެއް ކަމަށް އެމްޑީޕީން ފާހަގަކުރެ އެވެ.

އެކަމަކު ރިޔާޒް ވިދާޅުވީ މީގެ ކުރިން ވެސް ކޮމިޓީން މައްސަލައެއް ނިންމާފައި ރިޕޯޓު މަޖިލިހުގެ ތަޅުމަށް ހުށަހެޅުމާ އެކު، ބައެއް ރިޕޯޓް ފާސްކުރަން ވޯޓަށް ނާހައި އަނބުރާ ފޮނުވާފައި ހުރި ކަމަށެވެ. އެހެންވެ، މިއީ ގާސިމް ގަވައިދާ ހިލާފަށް ކުރެއްވި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ބިލެއްގައި އެއްވެސް މައްސަލައެއް އުޅޭ ކަމަށްވާ ނަމަ، އެކަމާ ގޮތެއް ނިންމަން ޖެހޭނީ އެ ބިލެއް ދިރާސާކުރި ކޮމިޓީއަކުން ކަމަށާއި ރިޔާސަތުން ގޮތެއް ނިންމަން ޖެހޭނީ އޭގެ ފަހުން ކަމަށެވެ.

ހަ މެމްބަރަކު ސޮއިކުރެއްވި ސިޓީއާ ގުޅިގެން އެ މެމްބަރުން ފާހަގަކުރެއްވި މައްސަލައެއް އުޅޭ ނަމަ، އެކަން ރިޔާސަތުން ބަލާނެ ވަގުތު އޮތް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަދި އިއްޔެ ފެނުނީ، އަސްލަމް ވިދާޅުވި ގޮތުގައި، ގާސިމަށް "ފަސޭހަކަމާއި ލުއިކޮށް" ކުރެވެން އޮތް ކަމެއްގައި ލަސްކޮށްލެއްވި ތަނެވެ.

"ހަގީގަތުގައި ބިލު ބަލައިލުމަށް ގަޑިއިރެއް ވެސް ނުނަގާނެ. އިދާރީ މުވައްޒަފުންނަށް ވެސް އެނގޭނެ މިއަށް ބަދަލެއް އައިސްފައި އޮތް ނަމަ. އެއީ ކޮމިޓީގައި އިސްލާހެއް ހުށަހަޅައިފިއްޔާ އެ ވެސް ފެންނަން ހުންނާނެ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިލްގައި މައްސަލައެއް ނެތް،" އަސްލަމް ވިދާޅުވި އެވެ.

ފަރެސްމާތޮޑާ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި (ކ) ޕީޕީއެމްގެ ދެ މެމްބަރަކު މަޖިލިހުގެ އިދާރާގެ ގޯތިތެރޭގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފަރެސްމާތޮޑާ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި (ކ) ޕީޕީއެމްގެ ދެ މެމްބަރަކު މަޖިލިހުގެ އިދާރާގެ ގޯތިތެރޭގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރޮޒެއިނާ ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރަން ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ދެކޮޅެވެ. އެގޮތުން ބައެއް މެމްބަރުން ވޯޓު ގަޑީގައި މަޖިލިހުގެ ތަޅުމަށް ގަސްދުގައި ހާޒިރުވެވަޑައިނުގެން، ގޯތިތެރޭގައި ތިއްބަވާ ކަމަށް ވިދާޅުވި އެވެ. އަދި ބިލް އަނބުރާ ކޮމިޓީ އަށް ފޮނުވާލީ މަޖިލިހުގެ ރައީސް ވެސް ބައިވެރިވެވަޑައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ މާނައަކީ ކޮންމެ ބިލެއް ވެސް ވޯޓާ ހަމައަށް އަންނަ ތަނުން ކޮންމެވެސް ތިން މީހަކު ސޮއިކޮށްލާފައި ތީގައި އެބަ އޮތޭ ކުރިން ނެތް އެއްޗެއް. ހަމަ ބުނާ އިރަށް އެ ހިސާބުން އަނެއްކާ ބިލްވީ އަނބުރާ ކޮމިޓީ އަށް ފޮނުވާލަން. ދުވަސްތަކެއް ވެއްޖެ މިގޮތަށް ޕްލޭން ކުރަމުންދާތާ،" ރޮޒެއިނާ ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ މެމްބަރުން [މަޖިލިހުގެ ތަޅުމަށް] ހަމަ ނުވަދެ ތިބީ. އެކަމަކު، ކޯލިޝަން ހަދައިގެން އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އެއްބާރުލުން ދޭށޯ މިތިބީ. ކިހިނެއްތޯ މި ވާހަކަ ގަބޫލު ކުރާނީ؟ ކިހިނެއްތޯ މި ވާހަކަ ދެކޮޅު ޖައްސަނީ؟"

ބިލް ފާސްކުރަން އެންމެ ބޮޑަށް ދެކޮޅު ހައްދަވާ އެއް މެމްބަރު ކަމުގައިވާ ރިޔާޒް ވިދާޅުވީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު މަޖިލިހަށް ފޮނުވާ ކަންކަން އަވަސްކޮށް ދިނުމަކީ މެމްބަރުންނަށް އޮތް ޒިންމާއެއް ކަމަށެވެ. އެކަމަކު ބިލު މިހާރު އޮތް ގޮތުން ގާނޫނުއަސާސީއާ ތައާރަޒްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ގާނޫނުއަސާސީން މުއައްސަސާތަކަށް ބާރުތައް މަތިކޮށްފައި ވަނިކޮށް، އެ ފަރާތްތައް އޮއްވައި، ރައީސް އުފައްދަވައި ކޮމިޝަނެއް ހަދާފައި، ހުރިހާ މުއައްސާއެއްގެ ބާރުތައް އެ ކޮމިޝަނަށް ދިނީމަ، މުއައްސަސާތަކުގެ ބާރު ކެނޑިގެން ދާނެ ކަމަށެވެ. އެހެންވެ، ގާނޫނުއަސާސީއާ ހިލާފު ނުވާ މިންވަރަށް ރިޔާސީ ކޮމިޝަންތަކުގެ ބިލް ކުޑަކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ކޮމިޓީން ބިލު ގެނައި އިރު ވެސް އޮތީ ގާނޫނުއަސާސީއާ ތައާރަޒްވާ ގޮތަށް. ގާނޫނުއަސާސީ އާ ހިލާފް ނުވާ ގޮތަކަށް ބިލް ކުޑަކުރަން އޭނާ ތާއީދު.

"ގާނޫނުއަސާސީން ބާރު ދީފައި އޮތީ ކޮމިޝަންގެ ކަންކަން ނިންމުމަށް ފަހު، ރައީސަށް ފޮނުވަން. ރައީސަށް ފޮނުވީމަ، އޭގައި ކޮރަޕްޝަން އޮވެއްޖެ ނަމަ، އޭގައި ޖިނާއީ މައްސަލައެއް އޮވެއްޖަ ނަމަ، އޭގައި މަދަނީ މައްސަލައެއް އޮވެއްޖެ ނަމަ، މުއައްސަސާތަކަށް ފޮނުވުމަކީ ފެހި ގާނޫނުއަސާސީން ރައީސަށް ދީފައި އޮންނަ ބާރަކީ،" މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިހާރުގެ މުގައްރިރު ރިޔާޒް ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވިދާޅުވި ކަމުގައިވިޔަސް، ރިޔާސީ ކޮމިޝަންތަކުގެ ބިލް ދިރާސާކޮށް، ކޮމިޓީން ފާސް ކުރިއިރު، ގިނަ ބަޔަކު ކަންބޮޑުވާ ކަންކަން ވަނީ އިސްލާހުކޮށްފަ އެވެ. އެގޮތުން ރިޔާސީ ކޮމިޝަނަކުން ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ތަހުގީގީ އިދާރާއެއްގެ ބާރު، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ބޭނުން ކުރެވޭނެ ކަމަށް ބިލްގައި މިހާރު ވަނީ ބުނެފަ އެވެ.

ކޮމިޓީން އެގޮތަށް ބަދަލު ގެނައިއިރު، އެންމެ ފުރަތަމަ ބިލް ހުށަހެޅި އިރު އޮތީ ކޮމިޝަންތަކުން ކުރާ ތަހުގީގުތަކާ ގުޅިގެން ފުލުހުން މެދުވެރިކޮށް، ތަންތަން ބަލައި ފާސް ކުރުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި އެފަދަ އަމުރަކަށް އެދުމުގެ ފުރުސަތު ވެސް ކޮމިޝަންތަކަށް ލިބޭ ގޮތަށެވެ.

ފެނުނު މަންޒަރެއް އެއީ، ބައެއް މެމްބަރުން މަޖިލިހުގެ ތަޅުމުން ބޭރަށް ނެރެން މަސައްކަތްކޮށްފައިވާ ކަން. މެމްބަރުންނާ ވާހަކަ ދައްކާ މަންޒަރު ވެސް ފެނިފައި އެބަހުރި: އަސްލަމް

މީގެ އިތުރުން ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދަން ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ ހެކިތައް ހިފެހެއްޓުމާއި ތުހުމަތު ކުރެވޭ މީހާގެ ބޭންކް އެކައުންޓާ ބެހޭ މައުލޫމާތު ހޯދުމާއި އެފަދަ އެކައުންޓުތައް ފްރީޒް ކުރުމަށް ބޭންކްތަކަށް އެންގުމުގެ ބާރާއި ޕާސްޕޯޓް ހިފަހައްޓަން އެންގުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި އެފަދަ އަމުރަކަށް އެދުމުގެ ބާރު ވެސް އޮތީ ބިލުން ދީފަ އެވެ. އެކަމަކު ކޮމިޓީން ބިލަށް ބަދަލު ގެނައި އިރު، އެ ހުރިހާ ބާރުތަކެއް ވަނީ އުނިކޮށްފަ އެވެ.

ނަމަވެސް ރިޔާސީ ކޮމިޝަންތަކުން ބަލާ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް މީހުން ހާޒިރު ކުރުމާއި ކޮމިޝަނުން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެ ނޫން ވެސް ތަކެތި ހުށަހަޅަން އެންގުމުގެ ބާރު އޮވެ އެވެ.

އަސްލަމް ވިދާޅުވީ ރިޔާސީ ކޮމިޝަންތައް އުފައްދަނީ ދައުލަތުގެ މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި ނުބަލާ ހުރި މައްސަލަތައް އެއަށް ވުރެ ފުރިހަމަ އަށް ބެލުމުގެ ބޭނުމުގައި ކަމަށެވެ. އަދި ބިލް ފާސް ނުވެ، ދިގުލައިގެން ދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރަން ޖާގަ ނުދިނުމުގެ ގޮތުން ސަރުކާރު ކޯލިޝަންގެ މެމްބަރުންތަކެއް ކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނުނު މަންޒަރެއް އެއީ، ބައެއް މެމްބަރުން މަޖިލިހުގެ ތަޅުމުން ބޭރަށް ނެރެން މަސައްކަތްކޮށްފައިވާ ކަން. މެމްބަރުންނާ ވާހަކަ ދައްކާ މަންޒަރު ވެސް ފެނިފައި އެބަހުރި،" ސަރުކާރު ކޯލިޝަންގެ އަމަލުތައް މި ދެ ދުވަހު ހުރި ގޮތް ސިފަކުރައްވައި އަސްލަމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްއާ ސަލާމް ކުރައްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްއާ ސަލާމް ކުރައްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއާ ފުށުއަރާ ކަމެއް ބިލުގައި މިހާރަކު ނެތެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރުމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ވަނީ ނިންމައިފަ އެވެ. އަދި އެމްޑީޕީން ބިލް ފާސްކުރުމަށް ތްރީ ލައިން ވިޕެއް ނެރެފައިވާ ކަން ވެސް އެނގިފައިވެ އެވެ.

"އަޅުގަނޑު ނުދަންނަވާނަން، ވަކި ބޭފުޅެއްގެ މަސްލަހަތު އޮވެގެންނޭ ބިލް ފާސްނުކޮށްގެން އުޅެނީ. މަރެއްގެ މައްސަލައިގައި އެއްވެސް މެމްބަރަކަށް ތުހުމަތެއް ނުކުރެވޭ. އެކަމަކު، ކޮރަޕްޝަންގެ ތުހުމަތުގައި ބައެއް މެމްބަރުންނާ ސުވާލުކޮށްފައި އެބަހުރި،" އަސްލަމް ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ ވައްކަމާއި ކޮރަޕްޝަނާއި މަރުގެ މައްސަލަތައް ބެލުން ކަމަށެވެ. އެހެންވެ ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރަން ދެކޮޅު ހަދާ ނަމަ، އެއީ ސަރުކާރު ކޯލިޝަންގެ މެމްބަރެކޭ ބުނުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށް އީވާ ވިދާޅުވި އެވެ. އަދި އެއީ ނަޒާހަތްތެރި މެމްބަރުންނޭ ވިދާޅުވުމުގެ ބޭނުމެއް ވެސް ނެތް ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުގައި އޮންނަތާ ދެ މަސް ދުވަސް ވީ އެވެ. ބިލް ވީހާވެސް އަވަހަކަށް ފާސްކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާނީ މިކަމުގެ މުހިންމު ކަން ބޮޑުވެގެންނެވެ. ދައުލަތުގެ ހަޒާނާ އިން އެތައް ބިލިއަން ރުފިޔާ ގެއްލިފައިވުމާއި ގޮތް ނޭނގޭ އެތައް މަރެއް ހިނގާފައިވާތީ އެކަންކަން ހިނގި ގޮތް ބެލުމަށް ރައްޔިތުން ތިބީ ކެތްމަދުވެފަ އެވެ. އެ މައްސަލަތައް، މިހާރު ހުރި މިނިވަން މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި ބަލާނެކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންވެ، އެ ބިލް، ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ލަސްކުރުމުން އާންމުންނަށް އެ ބުނެދެނީ އެހެން ވާހަކައެކެވެ؛

ކުރީ ސަރުކާރުގެ ހިޔާނާތުގައި ބައިވެރިވެވިފައި އޮތީ އެވެ. އެކަންކަން ބަލަން ބޭނުންނުވަނީ އެވެ. މުއައްސަސާތައް މިނިވަންކުރުމުގެ ވިސްނުން ވެސް ނެތީ އެވެ.