Roadha Mihaaru
ސަރުކާރު ކޯލިޝަނުން ގިނަ މެމްބަރުން ހާޒިރެއް ނުވޭ!

ޖޭޕީގެ ގިނަ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރަކު ވޯޓު ގަޑީގައި ނެތް!

26 ފެބުރުއަރީ 2019

ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރަން ވޯޓަށް ނޭހީ ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ދިހަ މެމްބަރަކާއި އެމްޑީޕީގެ މެމްބަރަކު ނެތުމުގެ ސަބަބުން ކަން ހާމަވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރަން ވޯޓަށް ނޭހީ ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ދިހަ މެމްބަރަކާއި އެމްޑީޕީގެ މެމްބަރަކު ނެތުމުގެ ސަބަބުން ކަން ހާމަވެއްޖެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވަނީ ޖަލްސާ އަށް ވަޑައިނުގަންނަވާ ކޯލިޝަން މެމްބަރުންގެ ނަންތައް ހާމަ ކުރައްވައިފަ އެވެ. ވޯޓު ގަޑީގައި ޕީޕީއެމް އަދި އެމްޑީއޭގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓު.

ޖުމްހޫރީ ޕާޓީގެ 10 މެމްބަރުންގެ ތެރެއިން ވޯޓު ގަޑީގައި މަޖިލިހުގެ ތަޅުމުގައި ނެތީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮން މަނިކާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނަތާއި ދިއްދޫ ދާޢިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިނާއި މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސެއިނާއި މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ އެވެ.

އެމްޑީޕީގެ މެމްބަރުންގެ ތެރެއިން، ވޯޓު ގަޑިއަށް މަޖިލިހަށް ވަޑައިނުގަންނަވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.

މިއަދުގެ ޖަލްސާ އަށް ވަޑައިގެންނެވީ 37 މެމްބަރުންނެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ތިން ފަހަރެއްގެ މަތިން އެޖެންޑާ ކުރި ނަމަވެސް، އެ ދެ ބިލް ފާސް ކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަވެފައި ނުވުމުން، ބިލްތަކަށް ވޯޓު އަހައިފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދެ ބިލް ފާސްކުރުމަށް ބެލި އިރު، ވޯޓު ނުނެގުނީ ހަތަރު މެމްބަރުން މަދުވުމުންނެވެ. މި އަހަރަށް މަޖިލިހުގެ މަސައްކަތް ފެށުމާ އެކު އިއްޔެ އޮތް ޖަލްސާގައި ވޯޓަށް އެހޭ ގޮތް ނުވީ ބޭނުންވާ އަދަދަށް ވުރެ އެންމެ މެމްބަރެއް މަދުވެގެންނެވެ. އަދި މިއަދު ވޯޓަށް އަހަން ބެލި އިރު ހަ މެމްބަރުން މަދެވެ.

އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ބޭނުންވާ ނަމަ، މިހާރުގެ މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ތަޅުމުގައި ތިއްބަވަން މަޖުބޫރެވެ.

ދެ ބިލް ފާސްކުރާ ޖަލްސާއެއްގައި 43 މެމްބަރުން ތިބެން ޖެހެނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން ހިމެނޭ ބިލްތައް ފާސްކުރެވޭނީ މަދުވެގެން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބެގެން ނަގާ ވޯޓަކުންކަން ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތުމުންނެވެ.