Roadha Mihaaru
ޖިސްމާނީ ގެއްލުމެއް ނުދޭ، ނަފްސާނީ އަނިޔާ ދިން: ޕައިލެޓް

ޖިސްމާނީ އަނިޔާއެއް ނުދޭ، ނަފްސާނީ ގެއްލުން ދިން: ޕައިލެޓް

03 މާޗް 2019

ނިއު ދިއްލީ (މާޗް 3) - ޕާކިސްތާނުގެ ބެލުމުގެ ދަށުގައި ހުރި 60 ގަޑިއިރު ތެރޭ ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ކޮށްފައި ނުވާ ކަމަށާއި ނަމަވެސް ނަފްސާނީ ގޮތުން ބަލިކަށިކޮށްލަން މަސައްކަތް ކުރި ކަމަށް އިންޑިއާގެ އެއާ ފޯސްގެ ވިންގް ކޮމާންޑަރު އަބިނާންދަން ވާތަމަން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (މާޗް 3) - ޕާކިސްތާނުގެ ބެލުމުގެ ދަށުގައި ހުރި 60 ގަޑިއިރު ތެރޭ ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ކޮށްފައި ނުވާ ކަމަށާއި ނަމަވެސް ނަފްސާނީ ގޮތުން ބަލިކަށިކޮށްލަން މަސައްކަތް ކުރި ކަމަށް އިންޑިއާގެ އެއާ ފޯސްގެ ވިންގް ކޮމާންޑަރު އަބިނާންދަން ވާތަމަން ބުނެފި އެވެ.

އަބިނާންދަން ބުނި ކަމަށް ބައެއް ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ނޫސް އެޖެންސީއަކުން ބުނީ ނަފްސާނީ ގޮތުން ގެއްލުންދޭން އުޅުނު ނަމަވެސް އޭނާ ހުރީ މާވަރުގަދަ އަޒުމެއްގައި ކަމަށެވެ. ޕާކިސްތާނުން ހާމަކުރި ވީޑިއޯތަކުން ވެސް އެނގޭ ގޮތުގައި މިޝަންއާ ބެހޭ ގޮތުން ސުވާލު ކުރުމުން އަބިނާންދަން ވަނީ ޖަވާބު ދޭން ދެކޮޅު ހަދައިފަ އެވެ. އޭނާގެ އެ ހިތްވަރަށް އިންޑިއާގެ ގިނަ ބަޔަކު ތައުރީފްކޮށް އެއީ ބަތަލެއް ކަމަށް ދަނީ ބުނަމުންނެވެ.

ބޮޑު ވަޒިރު ނަރެންދުރަ މޯދީ އާއި ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތާރާމަން ވެސް ވިދާޅުވެފައި ވަނީ ޕައިލެޓުގެ ހިތްވަރަށް އިންޑިއާ ފަޚުރުވެފައިވާ ކަމަށެވެ. ޑިފެންސް މިނިސްޓަރު ވަނީ ހޮސްޕިޓަލަށް ވަޑައިގެން ޕައިލެޓާ ބައްދަލު ކުރައްވައިފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ ޕާކިސްތާނުގެ ބެލުމުގެ ދަށުގައި ހުރި އިރު ކަންކަން ހިނގި ގޮތް ޕައިލެޓް ވަނީ ޑިފެންސް މިނިސްޓަރު ނިރްމަލާ އަށް ކިޔައިދީފަ އެވެ.

މެޑިކަލް ޓެސްޓްތައް ހެދުމަށް ޕައިލެޓް މިހާރު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. އޭނާގެ ހަށިގަނޑު ބަގްކޮށްފައި ހުރިތޯ ވެސް ހޮނިހިރު ދުވަހު ވަނީ ސްކޭންކޮށްފަ އެވެ.

އުމުރުން 35 އަހަރުގެ ޕައިލެޓް ދުއްވި މިގް-21 މަރުކާގެ ބޯޓު ވައްޓާލީ ޕާކިސްތާން ސިފައިން ބޭނުން ކުރި އެފް-16 ގެ ހަނގުރާމަ މަތީ ޖެޓުން މިސައިލް ހަމަލާދީފަ އެވެ. ޕައިލެޓް އަބީނާންދަން ވައިކުޑައިގައި ފޭބި ހިސާބުގައި ތިބި މީހުން ވަނީ އޭނާ އަށް ގަލުން ހަމަލާދީފަ އެވެ.

ޕާކިސްތާނުން ބުނެފައި ވަނީ ޕައިލެޓާ މެދު ކަންތައް ކުރީ ޖެނީވާ ކޮންވެންޝަނާ އެއްގޮތަށް ކަަމަށެވެ. ޕާކިސްތާނުގެ ބެލުމުގެ ދަށުގައި ހުރި އިރު އަބިނާންދަން ވެސް ބުނެފައި ވަނީ އޭނާއާ މެދު ކަންތައް ކުރި ގޮތް ރަނގަޅު ކަމަށެވެ.