Roadha Mihaaru
އަންހެންކުދިންނަށް ވީތީ އެއްލާލި ދެ ކުއްޖަކު ފެނިއްޖެ

އަންހެނުންނަށް ވީތީ މަރުވާން ދޫކޮށްލާފައި އޮތް ދެ ކުއްޖަކު ފެނިއްޖެ

29 އޯގަސްޓް 2016

އަންހެން ކުދިން ކަމަށް ވާތީ އެ ކުދިން ގެންގުޅެން ބޭނުން ނުވެގެން އެއްލާލާފައި ވަނިކޮށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ސަމޭޕޫރް ބަދްލީ އޭރިއާއިން ހުކުރު ދުވަހު އަށް އަހަރުގެ ކުއްޖަކާއި ތިން އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އަންހެން ކުދިން ކަމަށް ވާތީ އެ ކުދިން ގެންގުޅެން ބޭނުން ނުވެގެން އެއްލާލާފައި ވަނިކޮށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ސަމޭޕޫރް ބަދްލީ އޭރިއާއިން ހުކުރު ދުވަހު އަށް އަހަރުގެ ކުއްޖަކާއި ތިން އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފި އެވެ.

އެކުދިން ތިބީ މައިންބަފައިންނާ އެކު ކުއްޔަށް އުޅުނު ވީރާނާވެފައިވާ ކުޑަކުޑަ ގެއެއްގެ ތެރޭގައި ބަންދުކޮށްފަ އެވެ. އަވަށްޓެރިންނަށާއި ގޭގެ ވެރި މީހާ އަށް ޝައްކުވެގެން ފުލުހުންނަށް ގުޅައި، ގޭގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު އެކުދިން ތިބީ ކިރިޔާ ބަނޑަށް މަރުނުވެ އެވެ.

ފުލުހުން އެގެއަށް ވަންއިރު ހިމަންޝީ، 8، އާއި ދީޕާލީ، 3، އޮތީ ހަލާކުވެފައިވާ ކުޑަކުޑަ އެނދެއްގެ ތެރޭގައި އެއް ކުއްޖަކު އަނެއް ކުއްޖެއްގެ އަތުގައި ހިފަހައްޓައިގެންނެވެ.

އޭރު އެކުދިން ބަނޑަށް ތިބޭތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ހިމަންޝީގެ ބޮލުގައި ވަރަށް ބޮޑު ފާރުގަނޑެއް ހުއްޓެވެ. އެ ފާރުގަނޑުން ނުކުންނަމުންދިޔަ ފަނިތައް އެކުދިން ތިބި އެނދުމައްޗަށް ފައިބަމުން ދިޔަތަން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެކުދިން ބަންދުކޮށްފައި ތިބި ގޭގައި އިންތިހާއަށް ނުބައި ވަސް ހިފާފައިވާއިރު މަދިރި އާއި މެހިން މުޅި ގެ ވަނީ ފުރިފަ އެވެ. އަދި ވައި ބޭރުވާނެ އެއްވެސް ކަހަލަ ގޮތެއް ވެސް އެ ގޭތެރޭގައި ނެތެވެ.

ހޮސްޕިޓަލުން މި ކުދިންނަށް ފަރުވާދީ މިހާރު ހާލު އަންނަނީ ރަނގަޅުވަމުންނެވެ. ފުލުހުން ބުނީ އެންމެ ދުވަހެއް ލަސްވި ނަމަވެސް އެ ކުދިން ސަލާމަތް ނުކުރެވުނީސް ކަމަށެވެ.

މިކުދިން ފެނުމާ އެކު ފުލުހުން ފެށި ތަހުގީގުން ހާމަވެފައި ވަނީ މި ކުދިންނަކީ ބަންޓީ ނަމަކަށް ކިޔާ 35 އަހަރުގެ ފިރިހެނަކާއި އޭނަގެ އަންހެނުން ރަޖްނީ އަށް ލިބިފައިވާ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކަމެވެ. އެ ދެމަފިރިންގެ ދެން ހުރީ ފަސް އަހަރުގެ ފިރިހެން ކުއްޖެކެވެ.

ވަޒީފާއެއް ނެތް ބަންޓީ އަކީ އަބަދު ކަހަލަ ގޮތަކަށް ރާބޮއެ މަސްތުވެފައި ހުންނަ މީހެކެވެ. ފައިސާ ލިބޭނެ ގޮތެއް ނެތި ބަނޑުހައިހޫނުކަމުގައި އުޅެން ޖެހުމުން ރަޖްނީ ދެ އަންހެންދަރިން ބަންޓީ ކައިރީ ބައިތިއްބާފައި ފިރިހެން ދަރިފުޅު ގޮވައިގެން ގެއިން ނުކުމެގެން ދިޔައީ އެވެ.

އަނބިމީހާ ދިއުމުން ބަންޓީގެ ރުޅިގަނޑު ބޭލީ އަންހެން ދެބެއިންނަށެވެ. މި މަހުގެ 15 ވަނަ ދުވަހު ދެކުދިން ބަނޑަށް މަރުވާން ދޫކޮށްލުމަށް ފަހު އެ ގެ ބޭރުން ތަޅުލުމަށްފަހު ބަންޓީ ވެސް ދިޔައީ އެވެ.

ދިއްލީ ފުލުހުން އެ ދެ ކުދިން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުގެ އިތުރުން އަމިއްލައަށް ޚަރަދުކޮށްގެން އެކުދިންނަށް ހެދުމާއި ކާއެއްޗެއްސާއި ކުޅޭ އެއްޗެހި ހޯދައިދިނެވެ. އެކުދިންނަށް އެހީވުމަށް ކެމްޕެއިނެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ.

މިކުދިންގެ ތިމާގެ މީހުން ހޯދުމުގެ ތެރޭގައި ފުލުހުންނަށް އެކުދިންގެ 80 އަހަރުގެ މާމައާ ބައްދަލުވެފައިވާ ކަމަށްވެ އެވެ. އެކުދިންގެ ބައްޕަ ބަންޓީ ވަނީ މާމަ ވެސް ގެއިން ބޭރަށް ލައިފަ އެވެ. ވަރަށް ގިނަ ދުވަހު މަގުމަތީގައި އުޅުމަށް ފަހު މާމަ މިހާރު އޮތީ މުސްކުޅީން ބައިތިއްބާ ގެއެއްގަ އެވެ. މި ކުދިންގެ ވާހަކަ މާމައަށް ކިޔައިދިނުމުން ދެރަވި ނަމަވެސް އެކުދިން ބެލޭނެ ގާބިލްކަމެއް މާމަގެ ނެތެވެ.

މިހާރު އެކުދިން ހޮސްޕިޓަލުން ދޫކޮށްލައި ރިހެބިލިޓޭޝަން ސެންޓަރަކަށް ވަނީ ފޮނުވާފަ އެވެ.