Roadha Mihaaru
ސީތާ: އަނިޔާތަކުން ހިތްވަރަށް ބަދަލެއް ނައި

ސީތާ: އަނިޔާތަކުން ހިތްވަރަށް ބަދަލެއް ނައި

29 ޖެނުއަރީ 2018

ސީތާ އަކީ އިންޑިއާގެ ރާޖަސްތާންގެ ޗިއްތޯރްގަރްގެ ފަތެހްޕޫރާ އަވަށުގައި ދިރިއުޅޭ 20 އަހަރުގެ އަންހެނެކެވެ. ވަރަށް ކުޑައިރު ބައްޕަ މަރުވުމުގެ ސަބަބުން، ކިޔެވުމުގެ ނަސީބެއް ސީތާއަކަށް ނުލިބުނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ސީތާ އަކީ އިންޑިއާގެ ރާޖަސްތާންގެ ޗިއްތޯރްގަރްގެ ފަތެހްޕޫރާ އަވަށުގައި ދިރިއުޅޭ 20 އަހަރުގެ އަންހެނެކެވެ. ވަރަށް ކުޑައިރު ބައްޕަ މަރުވުމުގެ ސަބަބުން، ކިޔެވުމުގެ ނަސީބެއް ސީތާއަކަށް ނުލިބުނެވެ.

އެ މީހުން ފަގީރުކަމުން، ކައިބޮއި އުނުއޮރިޔާން ނިވާ ކުރުމަށްޓަކައި އޭނާއަށް ޖެހުނީ މަންމައާ އެކު ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަނެއްގައި މަސައްކަތު މީހެއްގެ ގޮތުގައި ބުރަ މަސައްކަތް ކުރާށެވެ. ނަމަވެސް ޒުވާން ސީތާ އަށް ކޮންސްޓްރަކްޝަން ސައިޓުން ވަރަށް ގިނަ މީހުންގެ ހަނގާ ކުރުމާއި ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ.

ސީތާއާ ބެހެން އުޅުނު ބަޔަކާ އެއްދުވަހަކު އޭނާ ކުރިމަތިލައި ޒުވާބު ކުރި އެވެ. އަދި އެ މީހުން ސީތާގެ ކިބައިން ބަދަލުހިފަން ނިންމި އެވެ.

ސީތާ އަކީ މީހަކު ބޭނުންވާ ގޮތެއް ހެދޭ ވަރަށް ވުރެ ޖެހިލުންކުޑަ މީހެކެވެ. އޭނާގެ ބިރުކުޑަކަމާއި އޭނާއާ ބެހެން އުޅޭ މީހުންނާ އޭނާ ކުރިމަތިލާ އެއްޗެހި ގޮވާތީ އެމީހުން ފަހުން ސީތާ ދެކެ ވަރަށް ރުޅިއައެވެ. އަދި އެތަނުން ބަޔަކު އެމީހުންގެ އެކުވެރިންތަކަކާ އެކު ސީތާއަށް ގޯނާކުރަން ރޭވި އެވެ. މި މީހުންގެ ތެރޭގައި އޭރު އެ އަވަށުގެ އިސް މީހަކަށް ހުރި މީހާ ވެސް ހިމެނުނެވެ.

ކޮންސްޓްރަކްޝަން ސައިޓުން މަސައްކަތް ނިންމާފައި ސީތާ ގެއަށް ދަނިކޮށް މި ގްރޫޕުން އޭނާ ކިޑްނެޕް ކުރި އެވެ. އަދި ދުއްވާފައި ދިޔަ ވެހިކަލެއްގެ ތެރޭގައި އެތައް ގަޑިއިރެއް ވަންދެން ރޭޕްކުރުމަށްފަހު ހޭނެތިފައި އޮއްވައި ރޭލު ދަގަނޑެއްގެ އޭނާ އެއްލައިލި އެވެ. އެއީ އެމީހުންގެ ވާހަކަ ސީތާ ފުލުހުންނަށް ރިޕޯޓްކޮށްފާނެތީ އޭނާ މަރާލުމުގެ މަގްސަދުގަ އެވެ.

ސީތާ ރޭލު ދަގަނޑުމަތީ އޮއްވައި ފެނުނީ ވެހިކަލެއްގައި ދަތުރުކުރި ޑްރައިވަރަކަށެވެ. އެ މީހާ ސީތާގެ ފުރާނަ ސަލާމަތް ކުރި އެވެ. ނަމަވެސް ރޭލު ދިޔައީ އޭނާގެ ދެ ފައި މަތިންނެވެ. އަދި ދެ ފައި ޗިސްވެ ފައި ބުރިކޮށްލަން ޖެހުނެވެ. އަދި ސީތާ ބަލަން ޖެހުމަކީ އޭނާގެ މަންމައަށް ބޮޑު ބުރައަކަށްވި އެވެ. އަދި ސީތާ އަކީ ނުކުޅެދޭ މީހަކަށް ވުމުން ސަރުކާރުން އެއް ލައްކަ ރުޕީސް ދިނުމާ އެކު މަންމަ ނިންމީ ސީތާ ރޭޕްކުރި މީހުންނާ ޑީލް ހަދައި، ސީތާ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނެގުމަށެވެ. އެކަމަކު ސީތާ އެކަމާ އެއްބަސް ނުވުމުން އޭނާ ގެއިން ނެރެ އެއްލައިލި އެވެ.

އެހިސާބުން ފުލުހުން ސީތާ އެންޖީއޯއަކާ ހަވާލުކުރި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިންގާ ސްކޫލެއްގައި ކިޔެވުމުގެ ފުރުސަތު އޭނާއަށްލިބުނެވެ. ކިޔަވަން ފެށުމާއެކު ސީތާ ފޮތަށް ލޯބި ޖެހުނެވެ.

މަސައްކަތުގެ މާހައުލުން ދިމާވި ފުރައްސާރަ އާއި އަނިޔާ އާއި އާއިލާއިން ދިން ހިތާމަތައް އަދި ފުލުހުންނަށް ހުށަހެޅި މައްސަލާގައި ދޫ ނުދީ ހިފެހެއްޓުމުގައި ސީތާ ނަމޫނާ ދެއްކި އެވެ. މި ހުރިހާ ކަމަކާ އެކު ސީތާއަށް މީޑިއާގެ ސަމާލުކަން ލިބި އެންމެ ފަހުން ޖަރުމަނު މީހަކު ސީތާ އަށް އާޓިފިޝަލް ދެ ފައި ހަދިޔާކުރި އެވެ. އެ ދެ ފަޔާ އެކު ހިނގައި އުޅެން މިހާރު ފަސޭހަ އެވެ.