Roadha Mihaaru
ހަނގުރާމައިގެ ޖަރީމާތައް ބެލުމާ ސިރިސޭނާ މިހާރު ދެކޮޅު

ހަނގުރާމައިގެ ޖަރީމާތައް ބެލުމާ ސިރިސޭނާ މިހާރު ދެކޮޅު

07 މާޗް 2019

ކޮލަމްބޯ (މާޗް 7) - ސްރީ ލަންކާގެ މަދަނީ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތައް ބެލުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ކުރިން އެއްބަސްވެވަޑައިގެންނެވި ނަމަވެސް މިހާރު އެކަމާ ދެކޮޅު ހައްދަވަން ފައްޓަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 7) - ސްރީ ލަންކާގެ މަދަނީ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތައް ބެލުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ކުރިން އެއްބަސްވެވަޑައިގެންނެވި ނަމަވެސް މިހާރު އެކަމާ ދެކޮޅު ހައްދަވަން ފައްޓަވައިފި އެވެ.

ލަންކާގައި ދިގު ދެމިގެން ދިޔަ ހަނގުރާމައިގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބެލުމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން 2015 ވަނަ އަހަރު ފާސްކުރި ގަރާރަށް ތަބާވާނެ ކަމަށް، ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅު ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ސިރިސޭނާ ދާދި ފަހުން ވިދާޅުވެފައި ވަނީ "ކުރީގެ ޒަޚަމްތަކެއް އަލުން ހުޅުވަން ބޭނުން ނުވާ" ކަމަށެވެ.

ލަންކާގައި 37 އަހަރަށް ދިގު ދެމިގެން ދިޔަ ހަނގުރާމައިގެ ފަހު ދުވަސްވަރު ތަމަޅައިންގެ އާއްމުންގެ 40،000 މީހުން މެރި ކަމަށް ލަންކާ ސިފައިންގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ. ލަންކާގެ ހަނގުރާމަ ނިމުނީ މެއި، 2009 ގަ އެވެ.

ސިރިސޭނާ ވިދާޅުވީ 2015 ވަނަ އަހަރުގެ ގަރާރު ބަދަލު ކުރުމަށް ރަސްމީކޮށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.

"ހަނގުރާމަ ނިމި ގައުމުގައި ސުލްހަ ގާއިމްކުރިތާ މިހާރު ގާތްގަނޑަކަށް 10 އަހަރު ވެއްޖެ. އަޅުގަނޑު ބޭނުން ވަނީ އދ. އިން ވެސް ދެން އިތުރަށް ޕްރެޝަރު ނުކުރަން،" ރަސްމީ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވި އެވެ. "އދ. އަށް އަޅުގަނޑު ދަންނަވަން ބޭނުން ވަނީ މާޒީ ކޮންނަން ނޫޅުއްވާށޭ. އަޅުގަނޑުމެން މި އުޅެނީ މާޒީ ހަނދާން ނައްތާލުމަށް ފަހު ސުލްހައިގައި ދިރިއުޅެވޭތޯ."

ޖެނުއަރީ 2015 ގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު ސިރިސޭނާ ވަނީ ހަނގުރާމައިގައި ޖަރީމާ ހިންގި މީހުން އެކަމަށް ޒިންމާކުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ ދާޚިލީ ހަނގުރާމައިގައި 100،000 މީހުން މަރުވެފައިވާނެ ކަމަށް އދ. އިން ލަފާކޮށްފައިވެ އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އޮކްޓޯބަރު 2015 ގައި ފާސްކުރި ގަރާރުގައި ވަނީ ލަންކާގެ ހަނގުރާމައިގެ ޖަރީމާތައް 18 މަސް ދުވަސްތެރޭ ތަހުގީގުކޮށް ނިންމުމަށް އަންގައިފަ އެވެ. އެ މުއްދަތުގައި އެކަން ނުކޮށް، ސިރިސޭނާ ވަނީ އެކަމަށް އިތުރު ދެ އަހަރު ދުވަސް ހޯއްދަވައިފަ އެވެ. އެ ދެ އަހަރު ވެސް މި މަހު ހަމަވާއިރު ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް އެއްވެސް ކަމެއް ލަންކާ އިން ކޮށްފައެއް ނުވެ އެވެ.

ސިރިސޭނާ ވިދާޅުވީ މި މަހު ޖެނީވާގައި ބާއްވާ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަށް ސީނިއާ ތިން މެންބަރުން ފޮނުވާނެ ކަމަށެވެ. އަދި ޖަރީމާތައް ބެލުމުގެ ގަރާރު އުވާލުމަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ސިންހަޅަ ނަސްލަށް ނިސްބަތްވެވަޑައިގަންނަވާ ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވީ ހަނގުރާމައިގެ ޖަރީމާތައް ބަލާނެ ކަމުގެ ވައުދާ އެކު ތަމަޅައިންގެ ވެސް ތާއީދާ އެކު އެވެ. ވައުދާ އެއްގޮތަށް ސިރިސޭނާ ކަންކަން ކުރައްވާފައި ނުވާތީ އދ.ގެ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.