Roadha Mihaaru
އިންސާނީ ހައްގުތަކާބެހޭ ގަރާރަށް ލަންކާގެ ފާޑުކިޔުން

އިންސާނީ ހައްގުތަކާބެހޭ ގަރާރަށް ލަންކާގެ ފާޑުކިޔުން

25 ފެބުރުއަރީ 2021

ޖެނީވާ (ފެބްރުއަރީ 25) - ސްރީ ލަންކާގައި އިންސާނީ ހައްގުތަކުގެ ހާލަތު ދަށަށްދާ ކަމަށް ބުނެ ހުށަހަޅަން އުޅޭ ގަރާރާ ދެކޮޅު ހެދުމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ކޮލަމްބޯ އިން އެދިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖެނީވާ (ފެބްރުއަރީ 25) - ސްރީ ލަންކާގައި އިންސާނީ ހައްގުތަކުގެ ހާލަތު ދަށަށްދާ ކަމަށް ބުނެ ހުށަހަޅަން އުޅޭ ގަރާރާ ދެކޮޅު ހެދުމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ކޮލަމްބޯ އިން އެދިއްޖެ އެވެ.

ޚާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނާ ކައުންސިލްގައި ވިދާޅުވީ ސިޔާސީ ގޮތުން ތައްޔާރުކޮށްފައިވާ ގަރާރަކަށް ބަހުސްކޮށް ވަގުތު ދުއްވާލާނީތޯ ކައުންސިލުން ނިންމަން ޖެހޭ ކަމަށެވެ.

"ލަންކާއާ ދެކޮޅަށް ވަނީ ޕްރޮޕަގެންޑާ ކެމްޕޭނެއް ފަށާފައި. މިއީ ލަންކާއާ ދެކޮޅަށް މަސައްކަތްކުރާ ގައުމުތަކުން ހުށަހަޅަން އުޅޭ ގަރާރެއް. މިއީ ހިތާމަހުރި ކަމެއް،" ހިއުމަން ރައިޓްސް ކައުންސިލްގައި ވީޑިއޯ މެދުވެރިކޮށް ދެއްވި ބަޔާނުގައި ގުނަވަރުދަނާ ވިދާޅުވި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ މިޝޭލް ބަޗެލޭ މިދިޔަ މަހު ވަނީ ލަންކާގައި ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތައް އިންޓަނޭޝަނަލް ކްރިމިކަލް ކޯޓުން ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ހަނގުރާމައިގެ ކުށްތައް ކޮށްފައިވާ ޖެނެރަލުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވާފައިވެ އެވެ.

ލަންކާގެ 37 އަހަރުވީ ދާޚިލީ ހަނގުރާމައިގެ ފަހު ދުވަސްވަރު މަރުވެދިޔަ އާއްމުންގެ އެތައް ބައެއްގެ މަރަށް އިންސާފު ހޯދައިދޭނެކަމަށް ލަންކާއިން ވީ ވައުދުގެ މަތިން ހަނދާން ނެތިފައިވާ ކަމަށް ވެސް ބަޗެލޭ ވިދާޅުވި އެވެ. ލަންކާގެ ހަނގުރާމަ ނިމުނީ މެއި 2009 ގަ އެވެ.

ސާޅީސް ހަތް ގައުމު ހިމެނޭ ހިއުމަން ރައިޓްސް ކައުންސިލަށް ލަންކާއާ ދެކޮޅު ގަރާރު ހުށަހަޅަން ނިންމާފައި ވަނީ އިނގިރޭސިވިލާތް، ކެނެޑާ، ޖަރުމަން، މަލާވީ، މޮންޓެނީގްރޯ އަދި މެސެޑޯނިއާ އިންނެވެ. ކައުންސިލްގެ 46 ވަނަ ބައްދަލުވުމަށް އަދި ހުށަހަޅަން ނިންމާފައި ވަނީ އެ ގަރާރު އެކަންޏެވެ. މި ހަފުތާގައި ފެށި ކައުންސިލްގެ ބައްދަލުވުން މާޗް 23 އާ ހަމައަށް ކުރިއަށްދާނެ އެވެ.