Roadha Mihaaru
ގައުމީ ފިރިހެން ވޮލީ ޓީމު މެޑެއްޔެއްގެ އުއްމީދުގައި

ގައުމީ ފިރިހެން ވޮލީ ޓީމު މެޑެއްޔެއްގެ އުއްމީދުގައި

08 މާޗް 2019

ގައުމީ ސީނިއާ ފިރިހެން ވޮލީބޯޅަ ޓީމު ގޮވައިގެން މި އަހަރު މުބާރާތްތަކަށް ނުކުންނައިރު ބޮޑު އުއްމީދުތަކެއް ޓީމާ މެދު ކުރެވޭ ކަމަށާއި އެންމެ ބޮޑު އަމާޒަކީ މި އަހަރު ޓީމުގެ ފެންވަރު ރަނގަޅުކޮށް މެޑަލް ހޯދުން ކަމަށް ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ސީނިއާ ފިރިހެން ވޮލީބޯޅަ ޓީމު ގޮވައިގެން މި އަހަރު މުބާރާތްތަކަށް ނުކުންނައިރު ބޮޑު އުއްމީދުތަކެއް ޓީމާ މެދު ކުރެވޭ ކަމަށާއި އެންމެ ބޮޑު އަމާޒަކީ މި އަހަރު ޓީމުގެ ފެންވަރު ރަނގަޅުކޮށް މެޑަލް ހޯދުން ކަމަށް ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ގައުމީ ޓީމާ ގުޅެން ބޭނުންވާ ޓްރަޔަލްތަކުގައި ބައިވެރިވާން ބޭނުން ކުޅުންތެރިންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން އިއުލާނުކުރި އެވެ. މި ފަހަރު ވެސް އެ ޓްރަޔަލްގެ ތެރެއިން ކުޅުންތެރިން އަ އެވެ. އަދި މީގެ ކުރިން ގައުމީ ޓީމަށް ކުޅެފައި އެކި ސަބަބުތަކާ ހުރެ ފަހުން ނުފެންނަ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.

"އަޅުގަނޑުމެން ހުޅުވާލި ފުރުސަތުގައި ކުރިން ޖޮއިން ނުކޮށް ތިބި ކުޅުންތެރިންނާއި މުޅިން އަލަށް ޖޮއިން ކުރި ކުޅުންތެރިންނާ އެކު 30 ވަރަކަށް ކުދިންގެ ސްކޮޑެއް އެކުލަވާލައިގެން ޕްރެކްޓިސް ފެށީ،" ގައުމީ ޓީމުގެ ޕްރެކްޓިސްތަކާ ބެހޭގޮތުން ކާއްޓޭ "މިހާރަ"ށް ބުންޏެވެ.

ގައުމީ ފިރިހެން ވޮލީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ޝަކުވާތަކެއް ހުރެ އެވެ. ޓީމުގެ ކަންތައްތަކާ މެދު ހިތްހަމަނުޖެހި ކުޅުންތެރިން ވަނީ މީގެ ކުރިން ވެސް ޝުއޫރު ފާޅުކޮށްފަ އެވެ. މިދިޔަ އަހަރުގެ އޭޝިއަން ގޭމްސް ތެރޭގައި ހިނގާދިޔަ ކަންތައްތަކެއްގެ ސަަބަބުން ގައުމީ ޓީމުން އަލީ މައުރޫފު (މާއްޓެ) ވެސް ވަނީ ބާކީކޮށްފަ އެވެ. އަނެއްކޮޅުން ގޭމްސް ތެރޭގައި ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުން ޓީމުގެ ކުޅުންތެރިންނަށް ފިޔަވަޅު އެޅި ކަމަށް ވެސް މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ކާއްޓޭ ބުނީ ވެ ދިޔަ ކަންތައްތައް ދޫކޮށްލުމަށް ފަހު ޓީމުގެ ކުޅުންތެރިން މިހާރު ތިބީ ރަނގަޅު ރޫހެއްގައި ކަމަށެވެ.

"ކުދިކުދި ކަންތައްތައް ކުޅުންތެރިންގެ ސިކުނޑީގައި ހުރުމާ އެކު ކުޅުންތެރިންނާ އެކު އެންމެ ފުރަތަމަ މަޝްވަރާކުރީ. ކޮބާތޯ ކުޅުންތެރިންގެ ހުރި އިޝޫ އަކީ. ކޮންކޮން ކަންތަކެއްތޯ ކުޅުންތެރިން ބޭނުންވަނީ. އެ ހުރިހާ ކަންތަކާ އެކު ވާހަކަ ދައްކައިގެން ކުޅުންތެރިން ހަމަ ސާފުވެގެން އެ ޖޮއިން ކުރީ،" އިތުބާރާ އެކު ކާއްޓޭ ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވުމަށް ފަހު ކާއްޓޭ އޭރު ބުނީ އަމާޒަކީ ގައުމީ ޓީމުގެ ތެރެއިން ޒުވާން ކުޅުންތެރިންތަކެއް އުފެއްދުން ކަމަށާއި މުސްތަގުބަލަށް ވެސް ތައްޔާރުވާން ޖެހޭ ކަމަށެވެ. އޭނާ ބުނީ އޭރު ބުނި ކަންތައްތައް މިދިޔަ އަހަރު ތެރޭގައި ހާސިލްވި ކަމަށް ގަބޫލުކުރާ ކަމަށް ކާއްޓޭ ބުންޏެވެ.

"މިހާރު މި އޮތް ސްކޮޑަކީ 50 ޕަސެންޓް ހަމަ ޒުވާން ކުދިންގެ ސްކޮޑެއް. ވަރަށް ޒުވާން ކުދިން ގިނަ ވާނެ ހުރިހާ ޕޮޒިޝަނަކަށް ބެލިޔަސް. އެޓޭކަރުން ވެސް. ސެޓަރުން ވެސް ލިބަރޯ އިން ވެސް. ހުރިހާ ދިމާލަކަށް ބެލިޔަސް ޒުވާން ކުޅުންތެރިން ފެންނާނެ. ކުރީގެ ކުޅުންތެރިންގެ ތެރެއިން މިހާރު ތިބޭނީ ހަތަރެއް ނޫނީ ފަސް ވަރަކަށް ކުޅުންތެރިން،" ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ކާއްޓޭ ބުންޏެވެ.

އައިއޯއައިޖީގައި މެޑަލެއް ހޯދުމަކީ ޓާގެޓެއް

މި ފަހަރު ގައުމީ ޓީމުން ޕްރެކްޓިސް ފެށިއިރު އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި މުހައްމަދު އަހުސަން ވެސް ވަނީ ޓީމުގައި ހިމެނިފަ އެވެ. މިދިޔަ އަހަރު ކުޑަކާއްޓެ ފެނުނީ ބީޗް ވޮލީންނެވެ. އަހުސަން ޓީމުގައި އެންމެ ފުރަތަމަ ނުހިމެނުނީ އެސޯސިއޭޝަނުން ގައުމީ ޓީމުތަކަށް ކަނޑައެޅި އިގުރާރެއްގައި ސޮއިކުރުން ލަސްވުމުން ކަމަށް އެސޯސިއޭޝަނުން އޭރު ވަނީ ބުނެފަ އެވެ.

ކާއްޓޭ ބުނީ އަލަށް ގުޅުނު ކުޅުންތެރިންނާ އެކު ޓީމު ވަރަށް ވަރުގަދަވެއްޖެ ކަމަށާއި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމަށް އެރުމުގައި ވެސް ވާދަވެރިކަން ބޮޑުވެފައިވުން ކަމަށެވެ.

"ސެންޓަ އަށް ބެލިޔަސް އެންމެ ފަހުން ދިޔަ މުބާރާތުގައި ވަރަށް ބަލިކަށިކޮށް އޮތީ. ދެން އައުޓްސައިޑް ވެސް އެޓޭކަށް ބެލިޔަސް ޗޭންޖެއް ނެތް. އެކަމަކު މި ފަހަރު އެއާ ހިލާފަށް ސެންޓަ ވެސް އައުޑްސައިޑްް ވެސް ވަރަށް ޗެލެންޖިންކޮށް މި އޮތީ ޓީމަށް އެރުމުގައި ވެސް. ވާދަވެރިކަމާ އެކު ޓީމަށް އެރުން ކަންނޭނގެ ހުރިހާ ކުދިންގެ ޗެލެންޖަކަށް ވެސް ވާނީ. މި ފަހަރު އެ ތަފާތު ފެންނާނެ،" ޓީމުގެ ހާލަތު ރަނގަޅުވެފައިވާކަން ފާހަގަކުރަމުން ކާއްޓޭ ބުންޏެވެ.

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކާއްޓޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކާއްޓޭ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ ރަނގަޅު ޕްރެކްޓިސްތަކެއް ކުރުމަށް ފަހު ރޯދަ މަސް އަންނާތީ އޭގެ ސަބަބުން ޕްރެކްޓިސްތަކަށް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށާއި ރޯދަ މަހުގައި ރަނގަޅަށް ޕްރެކްޓިސް ކުރުމަށް ފަހު ދެން ފުރާނީ ޓްރެއިނިން ކޭމްޕަކަށް ކަމަށެވެ.

ފަހަކަށް އައިސް ގައުމީ ޓީމު ޓްރެއިނިން ކޭމްޕްތަކަށް ގޮސް ކުޅޭނެ ރަނގަޅު މެޗުތަކެއް ނުލިބެ އެވެ. ގައުމީ ޓީމުން ކުޅެނީ ކޮލެޖު ޓީމުތަކާއި ޖޫނިއާ ޓީމުތަކާ ދެކޮޅަށެވެ. ކާއްޓޭގެ ވިސްނުން ހުރީ މި ފަހަރު އެކަން ބަދަލުކުރުމަށެވެ. ބަލިވި ކަމުގައި ވިޔަސް އޭނާގެ ވިސްނުމަކީ ވަރުގަދަ މެޗުތަކެއް ކުޅެވޭގޮތް ހެދުމެވެ.

"ޓްރެއިނިން ކޭމްޕްގައި އަޅުގަނޑުމެން ވަކި ގައުމެއް ނުނިންމަން. މި ފަހަރު އެންމެ ބޮޑަށް ވިސްނާނީ ވަރުގަދަ މެޗުތަކެއް ލިބޭ ގައުމަކަށް ދާން. އެ އަދި ލަންކާ ވިޔަސް، އިންޑިއާ ވިޔަސް ބެންކޮކް ވިޔަސް އަދި އިންޑޮނީޝިއާ ވިޔަސް. މި ޓީމަށް ރަނގަޅު މެޗުތަކެއް ލިބޭ ހިސާބަކަށްދާން ވިސްނާފައި މި އޮތީ،" ކާއްޓޭ ބުންޏެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސްގެ އިތުރުން މި އަހަރު ދެން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ވެސް އޮންނާނެ އެވެ. ކާއްޓޭގެ އަމާޒަކީ މިދިޔަ އަހަރު ހޯދުނު ތަޖުރިބާގެ އަލީގައި ކަންތައްތައް ރަނގަޅުކޮށް ކާމިޔާބަކަށް އަމާޒުހިފުމެވެ.

"ކުޅުންތެރިން ވެސް މިހާރު އެ ތިބީ އައިއޯއައިޖީގައި އެންމެ ކުޑަމިނުން ސިލްވާ މެޑެއްޔަކާ ހިސާބަށް ދާން ޓާގެޓް ހިފާފައި،" ކާއްޓޭ ބުންޏެވެ.

ގައުމީ ފިރިހެން ޓީމު އެންމެ ފަހުން މެޑެއްޔެއް ހޯދީ 2016 ސެންޓްރަލް ޒޯން މުބާރާތުގަ އެވެ. އެ ފަހަރު އެ ޓީމު ވަނީ ބަންގްލަދޭޝްގައި އޮތް މުބާރާތުގައި ތިން ވަނަ ހޯދައިފަ އެވެ.