Roadha Mihaaru
ކައުންސިލަށް އެސޯސިއޭޝަންތަކުން އިންތިހާބީ މެމްބަރުން

ސްޕޯޓްސް ކައުންސިލަށް އެސޯސިއޭޝަންތަކުން މެމްބަރުން އިންތިހާބުކުރާ ގޮތަށް ހަމަޖައްސައިފި

07 މާޗް 2019

ސްޕޯޓްސް ކައުންސިލް (ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް) ގައި ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލްކުރާ ހަތަރު މެމްބަރުންނަކީ އިންތިހާބު ކުރެވޭ މެމްބަރުންތަކެއް ކަމަށް ސްޕޯޓްސް މިނިސްޓަރު ކަނޑައެޅުއްވުމާ އެކު، ގަވާއިދަށް ބަދަލު ގެނެސް، މި މަހުގެ ތެރޭގައި އިންތިހާބު ބާއްވަން އެ ކައުންސިލުން ނިންމައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސްޕޯޓްސް ކައުންސިލް (ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް) ގައި ކުޅިވަރު އެސޯސިއޭޝަންތައް ތަމްސީލްކުރާ ހަތަރު މެމްބަރުންނަކީ އިންތިހާބު ކުރެވޭ މެމްބަރުންތަކެއް ކަމަށް ސްޕޯޓްސް މިނިސްޓަރު ކަނޑައެޅުއްވުމާ އެކު، ގަވާއިދަށް ބަދަލު ގެނެސް، މި މަހުގެ ތެރޭގައި އިންތިހާބު ބާއްވަން އެ ކައުންސިލުން ނިންމައިފި އެވެ.

ޖުމްލަ 11 މެމްބަރުން އެކުލެވޭ މި ކައުންސިލުގައި ތިބެނީ އެ ހަތަރު މެމްބަރުންގެ އިތުރުން މިނިސްޓްރީގެ ތެރެއިން މިނިސްޓަރު އައްޔަންކުރާ ދެ މެމްބަރުންނާއި ދެ އަންހެން މެމްބަރުންނާއި ގާނޫނީ ވަކީލަކާއި އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލްކުރާ މެމްބަރަކާއި އޮލިމްޕިކް ކޮމިޓީން ކަނޑައަޅާ މެމްބަރެކެވެ.

މީގެ ތެރެއިން އެސޯސިއޭޝަންތައް ތަމްސީލްކުރާ ހަތަރު މެމްބަރުންނަކީ އައްޔަންކުރާ މެމްބަރުން ކަމެއް ނުވަތަ އިންތިހާބުކުރާ މެމްބަރުން ކަމެއް ގާނޫނުގައި ސީދާ ބުނެފައެއް ނުވެ އެވެ. މިހާތަނަށް މިނިސްޓަރު އައީ އެ ހަތަރު ޖާގައަށް މެމްބަރުން އައްޔަންކުރަމުންނެވެ. އެކަމަކު މިހާރުގެ މިނިސްޓަރު އަހުމަދު މަހުލޫފު ނިންމެވީ އެއީ އިންތިހާބުކުރާ މެމްބަރުން ކަމަށް ކަނޑައެޅުމަށެވެ. އެ މަޖިލީހަށް މިނިސްޓަރު އައްޔަންކުރައްވާފައިވާ ގާނުނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވީ، އެ މާއްދާގައި "އައްޔަނުކުރުން" އެ ލަފުޒު އައިސްފައި ނެތުމުން ވެސް ބެލެވެނީ، ގާނޫނު ތަސައްވުރު ކުރަނީ އެހެން އުސޫލަކުން އަންނަން ޖެހޭ މެމްބަރުންތަކެއްގެ ގޮތުގައި ކަމަށެވެ.

ކައުންސިލުން އެކުލަވާލި އިންތިހާބީ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ މަޝްހޫރު ގާނޫނީ ވަކީލް ޝަމީމް މިއަދު ވިދާޅުވީ އެ އިސްލާހު ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުފާފައިވާ ކަމަށާއި އުސޫލެއްގެ ގޮތުން އޭޖީ ވެސް އެކަމަށް ތާއީދުކުރައްވާ ކަމަށެވެ.

އެ ހަތަރު މެމްބަރުން ވާން ޖެހޭނީ އޮލިމްޕިކް ކުޅިވަރުތައް ތަމްސީލްކުރާ ދެ މެމްބަރުންނާއި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލްކުރާ ދެ މެމްބަރުން ކަމަށް ގާނޫނުގައި ބުނާއިރު އިންތިހާބު ބާއްވާނީ ވެސް އެ އުސޫލުގެ މަތިންނެވެ. އެގޮތުން ކޮންމެ އެސޯސިއޭޝަނަކަށް ވެސް، އެސޯސިއޭޝަނެއް ނިސްބަތްވާ ކެޓަގަރީއަކަށް އާއްމުންގެ ތެރެއިން ދެ ނަން ނޮމިނޭޓްކުރެވޭނެ އެވެ. އެކަމަކު އެ މީހުން ވާން ޖެހޭނީ ކުޅިވަރުގެ ބެކްގްރައުންޑް ހުރި ބަޔަކަށެވެ.

އިންތިހާބުގައި ވޯޓްލުމުގެ ފުރުސަތު ލިބޭނީ ގާނޫނީ ގޮތުން އެސޯސިއޭޝަންތަކުން ފުރިހަމަކުރަން ޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ ނަމަ އެވެ. އޭގެ ތެރޭގައި އަހަރީ ޕްލޭނެއް އޮތުމާއި ބަޖެޓެއް އޮތުން ހިމެނެ އެވެ. އެކަންކަން ފުރިހަމަކުރަން ވަގުތު ދޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ޝަމީމް ވިދާޅުވީ އިންތިހާބު ކުރެވޭ މެމްބަރުން އައުމާ އެކު ކައުންސިލުގެ މަސައްކަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށާއި ސަބަބަކީ އެ ހަތަރު މެމްބަރުން ވެގެންދާނީ އެސޯސިއޭޝަންތަކަށް ޖަވާބުދާރީވާ ބަޔަކަށް ކަމަށްވާތީ އެވެ. މިހާރު އޮންނަ ގޮތުން، އެސޯސިއޭޝަންތައް ތަމްސީލްކުރި ނަމަވެސް ޖަވާބުދާރީވާން ޖެހެނީ މިނިސްޓަރަށެވެ.

ސްޕޯޓްސް ކައުންސިލުން މިހާރު ކުރާ އެންމެ ބޮޑު މަސައްކަތަކީ ކުޅިވަރުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމެވެ. އެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށާއި ހުރިހާ މަސައްކަތްތަކެއް މި އަހަރުގެ ނިޔަލަށް ނިންމައި ކްލަބްތަކާއި ޖަމިއްޔާތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާ މެދު އަންނަ އަހަރު ފުޅާ ދާއިރާއެއްގައި ވިސްނައި މަސައްކަތްކުރެވޭނެ ކަމަށް ކައުންސިލުގެ ރައީސް އިބްރާހިމް އިސްމާއިލް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.