Roadha Mihaaru
ވެންގާ ފީފާގެ އިސް މަގާމަކާ ހަވާލުވަނީ

ވެންގާ ފީފާގެ އިސް މަގާމަކާ ހަވާލުވަނީ

08 މާޗް 2019

ޕެރިސް، ފްރާންސް (މާޗް 8) - އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ އިސް މަގާމަކާ ހަވާލުވާން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް، ފްރާންސް (މާޗް 8) - އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ އިސް މަގާމަކާ ހަވާލުވާން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ވެންގާ ވަނީ މިދިޔަ ހަފްތާގައި ފީފާގެ އިސް އޮފިޝަލުންނާ މަޝްވަރާކޮށްފަ އެވެ. ވެންގާ އަށް ފީފާ އިން ހުށަހަޅާފައިވަނީ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމެވެ. ރިޕޯޓްތައް ބުނާގޮތުގައި ވެންގާ ވަނީ މި މަގާމާ ހަވާލުވާން ފީފާއާ އެކު އަނގަބަހުން އެއްބަސްވުމަަކަށް އައިސްފަ އެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް ވެންގާއާ މަގާމު ހަވާލުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާވީސް އަހަރު އާސެނަލަށް ކޯޗުކޮށްދިނުމަށް ފަހު ވެންގާ ވަކިވީ މިދިޔަ ސީޒަނަށް ފަހު އެވެ. ފުޓްބޯޅަ އިން ބްރޭކެއް ނަގާނެ ކަމަށް އެންމެ ފުރަތަމަ ބުނި ނަމަވެސް އޭނާ ފަހުން ވަނީ މި އަހަރު ކޮންމެވެސް ޓީމަކުން ފެންނާނެ ކަމަށް ބުނެފަ އެވެ. އޭސީ މިލާނުގެ ކޯޗަކަށް ވެންގާ ގެންދަން އުޅޭ ކަމަށް މީޑިއާގައި އަޑު ފެތުރުނެވެ. ފަހުން ވެންގާ ވަނީ ޕީއެސްޖީގެ މަގަމަކާ ހަވާލުވާން އެ ޓީމާ ވެސް މަޝްވަރާ ކޮށްފަ އެވެ.

ފީފާ އިން ވެންގާ ގެންދަން ޝައުގުވެރިވީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓާ ގުޅޭގޮތުން ވެންގާ ފާއިތުވި މަސްތަކުގައި ގިނަ ޕެނަލްތަކެއްގައި ފާޅުކޮށްފައިވާ ހިޔާލުތަކާ މެދު ހިތްހަމަ ޖެހިގެންނެވެ. ވެންގާ ވަނީ ފުޓްބޯޅައިގައި މިހާރު ބޭނުން ކުރަމުން އަންނަ ވީޑިއޯ އެސިސްޓަންޓް ޓެކްނޮލޮޖީ (ވީއޭއާރް) އާއި ގޯލްލައިން ޓެކްނޮލިޖީއާ ބެހޭގޮތުން ގިނަ ޕެނަލް ޑިސްކަޝަންތަކާއި އެކި ކަންކަމުގައި ބައިވެރިވެފަ އެވެ.

އާސެނަލަށް ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބުކޮށްދިން ވެންގާ އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ކްލަބަށް އާސެނަލް ހެދުމުގެ ޝުކުރު ހައްގުވާ ފަރާތެވެ. އެގޮތުން 1996 ވަނަ އަހަރު އޭނާ އެ ޓީމާ ހަވާލުވިއިރު ހައިބަރީ ކިޔާ އާދައިގެ ސްޓޭޑިއަމަކާއި މަދު މުވައްޒަފުންތަކެއް ތިބި ނަމަވެސް ފަހުން އެ ކްލަބުން ވަނީ ބޮޑު ސްޓޭޑިއަމެއް ބިނާކޮށް ފައިދާ ނެރެން ފަށައިފަ އެވެ. އާ ސްޓޭޑިއަމްތައް ބިނާކުރުމުގައި ކްލަބްތަކުން އެންމެ ބޮޑު މިސާލު ނަގަނީ ވެސް އާސެނަލްގެ މޮޑެލުންނެވެ.

ފްރާންސުގެ ނޭންސީގެ ކޯޗުކަމުން 1984 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ވެންގާ 1996 ވަނަ އަހަރު އާސެނަލާ ހަވާލުވީ ފްރާންސްގެ މޮނާކޯ އާއި ޖަޕާނުގެ ނަގޯޔާ ގްރެމްޕަސް އަށް ކޯޗުކޮށްދިނުމަށް ފަހު އެވެ. ޔޫރަޕްގެ އެކި ފަންތީގެ ގައުމުތަކަށް މީގެ ކުރިން ވެންގާ ވަނީ ފުޓްބޯޅައިގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ކުރު މުއްދަތުގެ އެއްބަސްވުމެއްގައި މަސައްކަތްކޮށްފަ އެެވެ.